މާލެ: 31°C

ފްރާންސް މޮޅުކޮށްދިނީ އޮސްޓްރިއާ ބައިކޮޅަށް ޖެހިގޯލް

June 18, 2024
2 ފަހަރު ބަލާފައި
ފްރާންސް މޮޅުކޮށްދިނީ އޮސްޓްރިއާ ބައިކޮޅަށް ޖެހިގޯލް
ފްރާންސް މޮޅުކޮށްދިނީ އޮސްޓްރިއާ ބައިކޮޅަށް ޖެހިގޯލް
ޔޫރޯ 2024 ގައި ވަރުގަދަ ފްރާންސްއިން އޮސްޓްރިއާ ހަނިގޮތަކަށް ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފިއެވެ. ރޭ ގެރޫޕް ޑީގައި ކުޅުނު އެ މެޗު ފްރާންސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފްރާންސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އެ މެޗުގައި ފްރާންސް މޮޅުވި ގޯލު ޖެހީ އޮސްޓްރިއާ ކުޅުންތެރިން ބައިކޮޅަށެވެ. އެ ގޯލަކީ މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އޮސްޓްރިއާ އޭރިއާތެރެއަށް ވަދެ ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޮސްޓްރިއާގެ ވޮބާ ބޮލުގައި ޖެހިފައި ވަތް ގޯލެކެވެ. އެގޮތުން މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ފްރާންސްގެ  އެމްބާޕޭއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެސްޓްރިއާ ޑިފެންސް ފަހަތުން ލިބުނު ބޯޅަ އެނާ ފޮނުވާލިނަމަވެސް އެއޮސްޓްރިއާގެ ކީޕަރު، ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައިވެސް އެމްބާޕޭއަށް ވަނީ ގޯލުޖަހާނެ ފުރުސަތެއް ލިބިފައެވެ. އޮސްޓްރިއާ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި އެ ހަމަލާ ދިޔައީ ހުސް ގޯލާ އަމާޒުނުވެއެވެ. އެ މޮޅާއެކު ފްރާންސްއަށް އޮތީ ގްރޫޕް ޑީގެ ދެވަނައިގަ ތިން ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި އޮސްޓްރިއާ އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ތިންވަނައިގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި ތިން  ޕޮއިންޓާއެކު އޮތީ ނެދަލެންޑްސްއެވެ. ސްލޮވާކިއާއަށް ތާރީޚީ މޮޅެއް
ޔޫރޯ 2024 ގައި ސޮލަވާކިއާ އަތުން ގަދަފަދަ ބެލްޖިއަމް ބަލިވެއްޖެއެވެ. މިއީ ތާރީހުގައި ވެސް ފުޓުބޯޅަ މެޗެއްގަައި ބެލްޖިއަމްގެ މައްޗަށް ސޮލަވާކިއާ ކުރިހޯދި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ޔޫރޯއާ ބެލްޖިއަމް ކުރިމަތިލީ އެކުވެރިކަމުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެނެވެ. މިރޭގެ މެޗުގައި ބެލްޖިއަމްގެ ތަރި ރޮމެލޫ ލުކާކޫއަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އަމަދޫ އޮނާނާ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ލުކާކޫ ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ލުކަކޫ އޮފްސައިޑް މަގާމެއްގައި ހުރިކަމަށް މެޗުގެ ރެފްރީ ވަނީ ނިންމައިފައެވެ. މީގެ އިތުރުން މެޗުގެ 86 ވަނަ މިނެޓުގައި ވެސް ލުކަކޫ ވަނީ ގޯލެއްޖަހައިފައެވެ. އެއީ ލޮއިސް އޮޕެންޑާ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. ނަމަވެސް ވީއޭއާރު  ބެލުމަށް ފަހު ރެފްރީ މިފަހަރު ނިންމީ އޮޕެންޑާ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ. މެޗުގައި ސްލޮވާކިއާއިން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ މެޗުގެ ހަތް ވަނަ މިނެޓުގައެވެ. އެ ގޯލަކީ  ބެލްޖިއަމްގެ ޖެރެމީ ޑޮކޫ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސްލޮވާކިއާގެ ޖޫރަޖް ކުޗްކާ ޖެހި ބޯޅަ ބެލްޖިއަމްގެ ކީޕަރު، ކޮއެން ކަސްޓީލްސް މަތަކުރުމުން، ރީބައުންސް ބޯޅަ، އިވާން ޝްރަންޒް ކާމިޔާބުކުރި ގޯލެކެވެ.
ޔޫކްރޭން ބަލިކޮށް ރޮމޭނިއާ ތާރީޚުގެ ތެރެއަށް ޔޫރޯ 2024 ގައި ޔޫކްރޭން ބަލިކޮށް ރުމޭނިއާއިން ތާރީހީ މޮޅެއް ހޯދައިފިއެވެ. މިރޭ ޔޫރޯ ގްރޫޕް އީގައި ކުޅުނު އެ މެޗު ރުމޭނިއާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ވޭތުވެދިޔަ 24 އަހަރު ދުވަސް ތެރޭގައި ޔޫރޯ މެޗަކުން ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމު އެންމެ ފަހުން ޔޫރޯ މެޗަކުން މޮޅުވީ 2000 ވަނަ އަހަރުއެވެ. ރުމޭނިއާއިން ވަނީ 2008 ވަނަ އަހަރު އަދި 2016 ވަނަ އަހަރުގެ މުބާރާތުގައި ކުޅެފައެވެ. އެހެންނަމަވެސް އެ ދެ އަހަރު އެ ޓީމު މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެއެވެ. އެހެންނަމަވެސް މިރޭ އެ ޓީމުން ވަނީ މޮޅު ކުޅުމެއްދައްކައިފައެވެ. އެގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ނިކޮލައެ ސްޓަންޗޫ ޖެހި ގޯލަކުން އެ ޓީމުން ވަނީ މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ. ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ރުމޭނިއާއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. މިފަހަރު އޭރިއާ ބޭރުން  އެ ގޯލު ޖެހީ ރަޒްވާން މަރިންއެވެ. އޭނާގެ އެ ގޯލު އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ހަތަރު މިނިޓް ފަހުން، ކުރި އެޓޭކެއްގައި ރުމޭނިއާ އިން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ޑެނިސް މާން ދިން ބޯޅައަކުން، ޑެނިސް ޑްރަގޫސް ޖެހި ގޯލެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ