އިންގްލެންޑުން ޔޫރޯ އަށް ނެގި، 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑު އިއުލާނުކުރިއިރު މިފަހަރު ޔޫރޯއިން ފުރުޞަތު ގެއްލުނު މަޝްހޫރު އިނގިރޭސި ކުޅުންތެރިންގެ ތެރޭގައި އިނގިރޭސި ޤައުމީ ޓީމަށް ޤަވާއިދުން ކުޅެމުންއަންނަ ލިވަޕޫލްގެ ކުރީގެ ކެޕްޓަން، އަދި އިންގްލެންޑްގެ ވައިސް ކެޕްޓަން ޖޯޑަން ހެންޑަސަންއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ރަޝްފޯޑާއި ޗެލްސީގެ ރަހީމް ސްޓާލިން ހިމެނެއެވެ.
މިދިޔަ ސީޒަންގައި ލިވަޕޫލް ދޫކޮށް ސައުދީގެ އަލް އިއްތިފާޤަށް ބަދަލުވި ހެންޑަސަން ސައުދީގައި މާ ގިނަ ދުވަހު ހިފަހައްޓާ ލެވޭ ގޮތެއް ނުވިއެވެ. ޖެނުއަރީ ޓްރާންސްފާގައި ސައުދީ ދޫކޮށް ހޮލެންޓްގެ އަޔެކްސްއަށް ބަދަލުވުމަށްފަހު މާ ރަނގަޅު ކުޅުމެއް ހެންޑަސަންގެ ފަރާތުން ނުފެނުނެވެ.
މީގެ އިތުރުން މި ސީޒަނުގައި ރަޝްފޯޑަށް ލީގުގައި އޭނާ ކުޅުނު 33 މެޗުން ޖެހުނީ، އެންމެ ހަތް ގޯލެވެ. ރަޝްފޯޑްގެ ފޯމު މި ސީޒަނުގައި ވަރަށް ބޮޑަށް ދަށްވިއިރު، އޭނާ އަށް ޔުނައިޓެޑްގެ މެޗުތަކުން ވެސް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވި އެވެ. ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވި ރަހީމް ސްޓާލިންގެ ފޯމު ދަށްވެ ޗެލްސީގެ ފުރަތަމަ 11 އިންވެސް އޭނާއަށް ޖާގައެއް ނުލިބެއެވެ. ސްކޮޑުން ޖާގަ ނުލިބުނު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ފަހަތުން 2 އަރިމަތިން ކުޅޭ ޗިލްވެލްއާއި ރީސް ޖޭމްސް ހިމެނެއެވެ.، އަދި މި ސީޒަންގައި މޮޅު ކުޅުމެއްދައްްކައި 18 ގޯލް ޖެހި ބޯންމައުތުގެ ފޯވާޑް ސޮލަންކޭއާވެސް ސްކޮޑުން ޖާގައެއް ނުލިބުނެވެ. އަދި ސީޒަންގެ ފަހުކޮޅު މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ އެލިއޮޓާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާ ބްރޫސިޔާ ޑޯޓްމަންޑްގެ ސަންޗޯއަށްވެސް ފުރުސަތެއް ނުލިބުނެވެ.
އިންގްލެންޑުން ނެގި 33 ކުޅުންތެރިންގެ ސްކޮޑުގައި ސީނިއާ ޓީމަށް މުޅިން އަލަށް އެރި ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ލިވަޕޫލްގެ ކާޓިސް ޖޯންސް އާއި ޖަރެލް ކުއަންސާ، އެވަޓަންގެ ޖަރަޑް ބްރަންތުވެއިޓް، ކްރިސްޓަލް ޕެލަސްގެ އެޑަމް ވާޓަން އަދި ބާންލީގެ ގޯލްކީޕަރު، ޖޭމްސް ޓްރަފޯޑް އެވެ.
ޔޫރޯ އަށް ސްކޮޑު ފައިނަލް ކުރަން ޖެހެނީ އަންނަ މަހުގެ ހަތް ވަނަ ދުވަހަށެވެ. ފައިނަލް ސްކޮޑު ނަގާއިރު އިންގްލެންޑުން ހަތް ކުޅުންތެރިން ބާކީވާނެ އެވެ.







