މާލެ: 31°C

ހިތުގެ އުދާސް 1: ހަތަރު އުދަރެސް ފެނުޖެހިއްޖެ

April 16, 2024
3 ފަހަރު ބަލާފައި
ހިތުގެ އުދާސް 1: ހަތަރު އުދަރެސް ފެނުޖެހިއްޖެ
ހިތުގެ އުދާސް 1: ހަތަރު އުދަރެސް ފެނުޖެހިއްޖެ
ސުވާލު: އަހަރެން މޮޔަވާން ކައިރިވެއްޖެއެވެ. ލޯބިން ދެމީހުން އެކުގައި އުޅޭތާ މިއީ ހަތަރުވަނަ އަހަރެވެ. ޑިސެމްބަރުގައި ކައިވެނީގެ ކަންކަން ނިންމުމަށް ހުރިހާ ކަމެއް ނިންމާފައި އޮއްވައި އުޑު ބޮލަށް ވެއްޓުނު ފަދައެވެ. ލޯބިވެރިޔާގެ އާ އޮފީހުން އާ ލޯބިވެރިއަކު ހޯދައިފިއެވެ. އެކަން ފަޅާއެރީ އަހަރެންގެ މަންމައަށެވެ. ދެމީހުން ސައިކަލެއްގައި ދިޔައިރު އަންހެން ކުއްޖާ އިނީ އަހަރެންގެ ލޯބިވެރިޔާގެ ކޮނޑުގައި ފަހަތުން ބޯއަޅާލައިގެން އުނަގަނޑުގައި އަތުން ގަދައަށް ބައްދާލައިގެން ރަނގަޅަށް ތަތްވެގެންނެވެ. އެވާހަކަ އަހަރެންގެ މަންމަ އައިސް ބުނީ ފާޑަކަށެވެ. އަހަރެން ދޫނުދީ ސުވާލު ކުރަން ފެށުމުން މަންމަ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަހަރެން ވަގުތުން ލޯބިވެރިޔާއަށް ފޯނުކުރީމެވެ. އަދި ވީއެންމެ އަވަހަކަށް މީޓްކޮށްލަން އެދުނީމެވެ. އޭނާ ބުނީ "މިރޭ ބިޒީ" ކަމަށާއި މާދަމާ މެންދުރު ދިމާކުރާނެ ކަމަށެވެ. އަހަރެންނަށް ރޮވިއްޖެއެވެ. އާދޭސް ކުރަން ފެށުނެވެ. އަހަރެން ރޯން ފެށުމުން އިރުކޮޅަކުން އެބަ އަންނަމޭ ކިޔާފައި އޭނާ ފޯނު ބޭއްވިއެވެ. އޭނާ އަތުވެއްޖެއެވެ. ގެއަށް ވަންނަން ބުނުމުން އިންކާރުކުރިއެވެ. އޭނާ އިނީ ސައިކަލް މަތީގައެވެ. ދައްކަން ބޭނުން ވާހަކައެއް ވިއްޔާ އަވަހަށް ދައްކާ ނިންމުމަށް އެދުނެވެ. އަހަރެން މަންމައަށް ފެނުނު މަންޒަރުގެ ވާހަކަ އެހުމުން އޭނާއަށް ލިބުނީ ހިމޭންކަމެވެ. އެއްވެސް ވާހަކައެއް ނުދައްކާ ހަމަހިމޭނުން އިނީއެވެ. އަހަރެން އޭނާގެ ގައިގައި ބައްދާލީމެވެ. އެކަމަކު އެކަމާ އޭނާ އެހާ ގަޔާއެއް ނުވިއެވެ. ގަދަކަމުން އަހަރެން ދުރަށް ގެންދިޔައެވެ. އެންމެ ފަހުން އޭނާ ބޭނުންވަނީ އަހަރެންނާ ބްރެކްއަޕް ވާށޭ ބުނެފިއެވެ. އެހެން ކުއްޖެއް ދެކެ މާބޮޑަށް ލޯބި ވެވިއްޖެ ކަމަށާއި އެކަމާ އެކަން ހުއްޓެން ނެތް ހިސާބަށް ދެމީހުންގެ ގުޅުން ހިނގައްޖެ ކަމަށް ބުނެ، މަޢާފަށް އެދުނެވެ. އަހަރެންނަށް ހިފެހެއްޓުމެއް ނެތި ރޮވެމުން ދިޔައެވެ. މީހާގެ ގައިން ވާގި ދޫވެގެން ވެއްޓެން އުޅޭހެން ހީވިއެވެ. އިރުކޮޅަކުން އޭނާ ސައިކަލް ދުއްވާލިއެވެ. އަހަރެން ޕްލީޒް އޭ ބުނުމުން ވެސް އެއްވެސް ރަހުމެއް ކުލުނެއް ލޯތްބެއް މިހާރަކު ނެތެވެ. އޭނާ ގޮސް އޮބާލައިފިއެވެ. ރޮމުން ކޮޓަރިއަށް ވަދެ އޭނާއަށް މެސެޖް ކުރަން ބެލިއިރު އަހަރެންގެ ނަމްބަރު އޭނާ ވަނީ ބްލޮކް ކޮށްފައެވެ. ދެން އަހަރެން މެސެޖް ކުރީ އޭނާގެ ދައްތަ އަށެވެ. އޭނާގެ ދައްތަ ބުނީ ކޮއްކޮގެ ޕާސަނަލް ލައިފަށް އޭނާ އިންފުލުއެންސް ކުރަން ބޭނުން ނުވާ ކަމަށާއި އިތުރަށް އެވާހަކަދައްކަން މެސެޖް ކުރިއަސް ޖަވާބު ނުދޭނެ ކަމަށެވެ. އަހަރެން މިހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. ކާހިތެއް ނުވެއެވެ. ނުނިދެއެވެ. އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. އޮފީހަށް ނުދާތާ މިހާރު ހަފުތާއެއްވީއެވެ. މިކަމާ އަހަރެން ހަދާނެ ގޮތެއް ބުނެދީބަލާށެވެ. އަހަރެންނަށް އޭނާއާ ނުލާ އުޅެވޭކަށް ނެތެވެ. މިއަށްވުރެ މަރުވުންވެސް އަހަރެންނަށް މާ ރަނގަޅެވެ. އެހާ ވަރަށް އަހަރެން އޭނާ ދެކެ ލޯބިވެއެވެ. --- ނާއި ޖަވާބު: ނާއި އެވެ. ލޯތްބަކީ ވަރަށް އަގުބޮޑު އިހްސާސެކެވެ. އެއަަށް އިހްތިރާމް ކުރާށެވެ. ލޯބިވާ މީހާ ތިމާ ދޫކޮށްފައި ދިއުމުން އަމިއްލައަށް މަރުވާ ވާހަކަ ދެއްކުމަކީ ލޯތްބެއް ނޫނެވެ. އެއީ ކުފުރުގެ ވާހަަކައެކެވެ. އަމަލެކެވެ. އެއީ ތިމާގެ ފިނޑި ކަމެވެ. ހިތްވަރު ގަދަ ކުރާށެވެ. ފުރަތަމަ ތިމާގެ ނަފްސު އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެންނާށެވެ. އެއަށް ފަހު އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތްކުރާށެވެ. އަބަދުވެސް ވިސްނާށެވެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެއެވެ. އަދި ލޯތްބެއް ނުދެމެހެއްޓޭނެވެސް މެއެވެ. އެންމެ ބުއްދިވެރި ގޮތަކީ ތިމާއަށް އެންމެ ފައިދާ ހުރި ގޮތަކީ ވެސް ބޭވަފާތެރިޔާއަށް ވުރެ ތިމާގެ ހިތްވަރު ގަދަވުމެވެ. އަދި ހިތުގެ އިހްސާސްތަކުގެ މައްޗަށް ގަދަވެގަނެ އަލުން ދިރިއުޅުމެއް ހޯދުމަށް މަސައްކަތްކުރުމެވެ. ތިމާގެ ކުށެއްނެތި އޭނާ އެވަނީ ސިއްރުން ނާއިއަށް ބޭވަފާތެރިވެފައެވެ. އެއީ ކުޑަކަމެއް ނޫނެވެ. ވިސްނާލަ ބަލާށެވެ. އަލުން އޭނާ އެނބުރި އަޔަސް އޭނާގެ ބޭވަފާވެރިކަމުގެ ވަހުސީ ސިކުނޑިއާއި އެ ހިތް އޭނާއާއެކު ވާނެއެވެ. އަދި ތިޔަ ހިތުން ދެން ދުވަހަކުވެސް އެ ޝައްކާއި އެވަހުމް ފިލުވާ ނުލެވޭނެއެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ އާ ފެށުމަކުން ދިރިއުޅުން ފެށުމެވެ. އެއަށްވުރެ އުފާވެރި ދުވަސްތަކެއް ހޯދަން ގަދައަޅާ މަސައްކަތްކުރުމެވެ. ފިސާރި އަންހެނަކަށްވެ ބަލާށެވެ. ހަތަރު އުދަރެސް ފެނުޖެހިއްޖެއޭ ބުނެ ގޭގައި ނޯވެ ނިކުންނާށެވެ. ހަރަކާތްތެރިވާށެވެ. ދިރިއުޅެން ފަށާށެވެ. ދުނިޔެއަކީ ތިމާގެވެސް މިލްކެކެވެ. އުފަލަކީ ނާއިގެވެސް ހައްގެކެވެ. ލޯތްބަކީ ނާއިއަށް ވެސް އަލުން ހޯދޭނެ އިހުސާސެކެވެ. ---ޕްރިންސް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ