މާލެ: 31°C

ސެލީނާގެ ސިއްހަތު: ލޫޕަސް އަދި ކިޑްނީ ޓްރާންސްޕްލާންޓް

May 8, 2023
2 ފަހަރު ބަލާފައި
ސެލީނާގެ ސިއްހަތު: ލޫޕަސް އަދި ކިޑްނީ ޓްރާންސްޕްލާންޓް
ސެލީނާގެ ސިއްހަތު: ލޫޕަސް އަދި ކިޑްނީ ޓްރާންސްޕްލާންޓް
ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ސެލީނާ ގޮމޭޒް އަކީ މިއަދާ ހަމައަށް ވެސް ސިއްހީ އެތަށް މައްސަލަތަކަަކާއި ހަނގުރާމަ ކުރަމުން އަންނަ ތަރިއެކެވެ. "އެޕަލް ޓީވީ ޕްލަސް ސީރީޒް ޑިއާ" އަށް ދާދި ފަހުން ނެރުނު އެޕިސޯޑެއްގައި ސެލީނާ ހިއްސާކޮށްފައިވާ ގޮތުން އޭނާއަށް ލޫޕަސް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާކަން އެނގުނީ 2014 ވަނަ އަހަރު ކުއްލި ސްޓްރޯކެއްގެ ޒަރިއްޔާ އިންނެވެ. އަދި އެކަމުގެ ސަބަބުން 2017 ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް އެއް ހަދަން މެދުވެރިވިއެވެ. އެގޮތުން އެކަމަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހުގެ ސަބަބުން އޭނާގެ ބަރުދަން މަތިވާ ކަމަށް ބުނެފައިވެއެވެ. "ފުރަތަމަ ޑޮކްޓަރު އެހެން ބުނުމުން ގަބޫލު ކުރަން ވަރަށް ދަތިވި. އަދި ގަބޫލު ކުރާކަށް ބޭނުމެއްވެސް ނުވި. ބޭނުން ކުރަން ޖެހުނު ބޭސްތަކުގެ ސަބަބުން ބަރުދަން ދުވަހަކަށް ވުރެ ދުވަހެއް ބަރުވަމުން ދިޔަ، އަދި އަހަރެންނަށް ވަރަށް ގިނަ މީހުން ބޮޑީ ޝޭމް ކުރި" ސެލީނާ ބުންޏެވެ. ބެލުންތެރިންގެ ފަރާތުން އޭނާއަށް ހުއްޓުމެއް ނެތި ލިބެމުން އައި ނެގެޓިވް ކޮމެންޓްސް ތަކުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނި ބުނުން އޭނާ ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނީ އެގޮތަށް ފޯސްޓް ކުރަމުން ދިޔައީ އެބަލި ޖެހިފާ ހުރި އެހެން މީހުނަށް އޭގެ ސަބަބުން އަސަރުކޮށްފާނެތީ ކަމަށެވެ. 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ސެލީނާ ވަނީ އެރިޒޯނާގެ ރިހެބް ފެސިލިޓީއެއްގައި ދެ ހަފްތާގެ މުއްދަތެއް ސިއްރުން ފުރިހަމަ ކޮށް، ވަރަށް ގިނަ ބައެއްގެ ސިކުނޑީގައި ސުވާލުތަކެއް އުފައްދާފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ތަފާތު އަޑުތައް ފެތުރިގެން ދިޔުމުން އޭނާ ވަނީ އެއީ ފާޑުކިޔުންތަކާ ވަރަށް ވުރެ ދުރު ކަމެއް ކަމަށް ފޭނުންނަށް އަންގާފައެވެ. އެގޮތުން އޭރު ބިލްބޯޑަށް ސެލީނާ ވަނީ އޭނާއަށް ދިވާވެފައިވާ ސިއްހީ މައްސަލައިގެ ސަބަބުން ނެގި ބްރޭކެއްކަން ހާމަކޮށްދީފައެވެ. ލޫޕަސް އަކީ ކޮބާ؟ މަޔޯ ކްލިނިކް އިން ބުނާ ގޮތުގައި ލޫޕަސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ވުމުން، ޓިޝޫތަކަށާއި ގުނަވަންތަކަށް ޖެހޭ ބައްޔެއް (އޮޓޯއިމިއުން ޑިޒީޒް) އެވެ. އޭގެ ސަބަބުން ހުޅުތަކާއި، ހަންގަނޑާއި، ކިޑްނީއާއި، ލޭގެ ސެލްތަކާއި، ސިކުނޑިއާއި، ހިތާއި، ފުއްޕާމޭ ދުޅަވު، ހަށިގަނޑުގެ ތަފާތު އެތައް ނިޒާމުތަކަށް އަސަރުކުރެއެވެ. ހަމައެއާއިއެކު އެ ބަލީގެ ސަބަބުން ދިގުދެމިގެންދާ ރިހުމާއި، މާބޮޑަށް ވަރުބަލިވުމާއި، ހަންގަނޑުގައި ރިއްސުމާއި، ގިނައިން ހުމުގެ އަސަރު ކުރުމާއި، ކިޑްނީއަށް ގެއްލުންވުމާއި، ހިތުގެ މައްސަލަތަކާއި އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ސިއްހަތުގެ އުދަނގޫތައް ފަދަ ގިނަ އަލާމާތްތަކާއި ކުރިމަތިވެއެވެ. އެހެންކަމުން، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސެލީނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި، އޭނާގެ ބަލި ހާލަތު ކިހާ ސީރިއަސް ވެފައިވާކަން ފޭނުންނަށް އަންގާފައެވެ. "އެހެންވެ އަހަރެންނަށް އެނގުނީ އަހަރެންގެ ލޫޕަސްގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހޭކަން." ސެލީނާ ބުންޏެވެ. އަދި ހަމަ އެ ފޯސްޓްގައި އޭނާ ވަނީ އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ފްރާންސިއާ ރައިސާ އަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ބުނީ ދުވަހަކުވެސް ފްރާންސިއާ ކޮށްދިން ކަންތައް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. ސެލީނާއަށް ކާމިޔާބު ކިޑްނީ ޓްރާންސްޕްލާންޓެއް ހެދުނު ނަމަވެސް، އޭގެ މާނައަކީ އޭނާގެ ބަލިހާލަތު އެއްކޮށް ރަނގަޅުވީއެއް ނޫނެއެވެ. މިއަދާއި ހަމައަށްވެސް އޭނާ އަންނަނީ ލޫޕަސްއާއި ހަނގުރާމަކުރަމުންނެވެ. އަދި މިހާރުު އެބަލި ވެގެން ގޮސްފައިވަނީ އެނާގެ މުޅި އުމުރު ދުވަހު ދެމި އޮންނާނެ ބައްޔެއްގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ