މާލެ: 31°C

ސައުދީން ފުރަތަމަ ފަހަރަށް މިސް ޔުނިވަރސްގައި ވާދަކުރަނީ

March 27, 2024
3 ފަހަރު ބަލާފައި
ސައުދީން ފުރަތަމަ ފަހަރަށް މިސް ޔުނިވަރސްގައި ވާދަކުރަނީ
ސައުދީން ފުރަތަމަ ފަހަރަށް މިސް ޔުނިވަރސްގައި ވާދަކުރަނީ
ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް މިސް ޔުނިވަރސްގައި ވާދަކުރުމަށް ނިންމައިފިއެވެ. ސައުދީގެ މަޝްހޫރު ފެޝަން މޮޑެލް ރޫމީ އަލްޤަހްތާނީ އޭނާގެ އިންސްޓަރގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ދުނިޔޭގެ ރީތީގެ ރާނީ މުބާރާތުގައި ވާދަކުރުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ސައުދީގެ ފަރާތުން މިސް ޔުނިވަރސް މުބާރާތުގައި ވާދަކުރާނީ އޭނާ ކަމަށްވެސް ވަނީ ބުނެފައެވެ. އިންސްޓަރގްރާމުގައި އަރަބިބަހުން ރޫމީ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުރަތަމަ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މިސް ޔުނިވަރސް މުބާރާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ތަމްސީލްކުރަން ލިބުނުކަމީ އޭނާއަށް ލިބުނު ވަރަށްބޮޑު ފަހުރެއް ކަމަށެވެ. މިދިޔައަހަރު އެލް ސަލްވަޑޯގައި ބޭއްވި މިސް ޔުނިވާސް 2023 ގެ ތާޖު  ކާމިޔާބުކުރީ ނިކަރާގޫއާގެ ޝެއިނިސް ޕަލަސިއޯސްއެވެ. [caption id="attachment_99791" align="alignnone" width="800"] މިއަހަރުގެ މިސް ޔުނިވަރސްގައި ސައުދީގެ ފަރާތުން ވާދަކުރާ ރޫމީ..[/caption] މިއަހަރުގެ މިސް ޔުނިވަރސް މުބާރާތުގައި ސައުދީގެ ފަރާތުން ވާދަކުރާ ރޫމީ ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މިފަދަ އެތައް މުބާރާތްތަކުގައި ވާދަކޮށްފައެވެ. މިއަހަރުގެ މިސް ޔުނިވަރސް މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މެކްސިކޯގައެވެ. މިސް ޔުނިވަރސް މުބާރާތުގައި ސައުދީން ބައިވެރިވާން ނިންމާފައިވާއިރު، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި މިދިޔަ އަހަރު ވަނީ ފެޝަންވީކެއްވެސް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް އެ ފެޝަން ޝޯ ކުރިއަށްގެންގޮސްފައިވަނީ އެއްވެސް ފޮޓޯގްރާފަރަކު އަދި ފިރިހެނަކުވެސް ނުވައްދައެދައެވެ. މިކަމާ ގުޅޭގޮތުން އަރަބި ބައެއް ނޫސްތަކުން ބުނެފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން އެބާވަތުގެ ކަންކަން ކުރެވޭނަމަ އެކަންކަން ވަކި ސައުދީގައި ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތްކަމަށް އެގައުމުގެ ކަމާބެހޭ މިނިސްޓްރީން ބުނެފައިވާކަމަށެވެ. އަންހެނުންގެ ބައިވެރިވާ ހަރަކާތްތައް ސައުދީގައި ބާއްވަމުންދާއިރު، ސައުދީގައި މިހާރު އަންހެނުން ބައިވެރިވާ ފުޓްބޯޅަ ލީގާއި، އަންހެނުންނަށް ހާއްސަ ރެސްލިން މުބާރާތެއްވެސް ވަނީ ބާއްވާފައެވެ. [caption id="attachment_99792" align="alignnone" width="800"] ސައުދީގައި ކުރިއަށްދިޔަ އަންހެނުންގެ ރެސްލިން މުބާރާތުގެ މެޗެއްގެ ތެރެއިން...[/caption] މީގެ ކުރިން ސައުދީގައި މުސްލިމް ނޫން މީހުނަށް ހަރުކަށި އުސޫލްތަކެއް ހުރިނަމަވެސް މިހާރު އެގައުމުން ކުރިން ހިފަހައްޓަމުން އައި ބައެއް ކަންކަން ދޫކޮށްލާފައެވެ. ސައުދީގައި މިހާރު ރާ ވިއްކާ ފިހާރައެއް ހުޅިވިނަމަވެސް އެތަނުން ރާ ވިއްކަނީ ހާއްސަ އުސޫލްތަކެއްގެ ދަށުން ބޭރުގެ ޑިޕްލޮމެޓުންނަށް އެކަންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ