މާލެ: 31°C

މޮރޮކޯގެ ތާރީހީ މޮޅާއެކު އަރަބިން އުފަލުން ފޮޅިފައި!

December 11, 2022
2 ފަހަރު ބަލާފައި
މޮރޮކޯގެ ތާރީހީ މޮޅާއެކު އަރަބިން އުފަލުން ފޮޅިފައި!
މޮރޮކޯގެ ތާރީހީ މޮޅާއެކު އަރަބިން އުފަލުން ފޮޅިފައި!
ވޯލްޑްކަޕްގެ ކުއާޓާފައިނަލް ގައި ރޭ ޕޯޗުގަލް ބަލިކޮށް، މޮރޮކޯއިން ހޯދި ކާމިޔާބީގެ އެންމެ ބޮޑަށް ފާޅުކުރަމުން އަންނަނީ އަރަބި ގައުމުތަކުގަ އެވެ. ވޯލްޑްކަޕްގައި ތަމްސީލުކުރަނީ އަރަބީން ނޫން ކަމަށާއި އެފްރިކާ ކޮންޓިނެޓްންޓް ކަމަށް މޮރޮކޯގެ ކޯޗް ވާލިދު ރިގްރާގީ ކުރިން ބުނެފައި ވިޔަސް، ރޭ އެ ގައުމުން ހޯދި ކާމިޔާބީގެ އުފާ ފާޅުކުރުން، މޮރޮކޯގެ ކަސަބްލަންކާއިން ފެށިގެން އިރާގުގެ ވެރިރަށް ބަޣުދާދާ ހަަމައަށް ވެސް އޮތީ ފެތުރިފަ އެވެ. އެހެނީ މިއީ ވޯލްޑްކަޕްގެ 92 އަހަރުގެ ތާރީހުގައި އެ މުބާރާތުގެ ސެމީފައިނަލާ ހިސާބަށް އަރަބި އިސްލާމީ ގައުމެއްގެ ޓީމެއް ދަތުރުކުރި ފުރަަމަ ފަހަރެވެ. އަލްޖަޒީރާ ބުނި ގޮތުގައި މޮރޮކޯގެ ބަނދަރުމަތީރަށް ކަސަބްލަންކާގެ މަގުތައް ރޭ އޮތީ އުފާފާޅުކުރާ މީހުންނައިގެން ފުރިފަ އެވެ. "މިއީ ޔަގީނުން ވެސް އާދަޔާ ހިލާފު އުފާވެރިކަމެއް. މީހުން އަންނަނީ އުފާފާޅުކޮށް ނަށަމުން. މުޅިރެއަށް މިކަން ދެމިގެންދާނެ،" ކަސަބްލަންކާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ނިކޮލަސް ހޭގް އެ އެޖެންސީއަށް ބުނެފައި ވެ އެވެ. މޮރޮކޯ ޓީމަށް ސަޕޯޓްކުރާ އެތައް ހާސް ބަޔަކު  ގަތަަރަށް ދަތުރުކުރި އިރު އެޓީމުގެ ކާމިޔާބީގެ އުފާ ފާޅުކުރަން އެހެން ގައުމުތަކުން އެތައް ބަޔަކު މޮރޮކޯއަށް ވެސް ދަތުރުކުރި އެވެ. "މި ވަގުތުކޮޅު[ގެ އުފާ] އިހުސާސްކޮށްލަން ސައުދީ އަރަބިއްޔާއިން އައިސް އެބަތިބި ދެ އާއިލާ. ގަތަރުން ވެސް ބަޔަކު އައިސް އެބަތިބި،" ކަސަބްލަންކާގައި ރޭ ކުރިއަށް ދިޔަ އުފާފާޅުކުރުން ސިފަކޮށްދެމުން ހޭކް ބުނެފައި ވެ އެވެ. ޣައްޒާގައި ވެސް އުފާވެރިކަން މޮރޮކޯގެ ކާމިޔާބީގެ އުފާ ފާޅުކުރުން ވަނީ މުޅި މެދުއިރުމައްޗަށް ވެސް ފެތުރިފަ އެވެ. އިޒްރޭލުގެ ހިސާރުގެ ދަށުގައި އޮތް ފަލަސްތީނުގެ ޣައްޒާ ވެސް އެކަމުން އިސްތިސްނާއެއް ނުވެ އެވެ. އަލްޖަޒީރާގެ ފަރާތުން ޣައްޒާގައި ހުރި ޔުމްނާ އަލްސައީދު އެ އެޖެންސީއަށް ބުނެފައިވާ ގޮތުގައި މޮރޮކޯ-ޕޯޗުގަލް މެޗް ކުރިއަށް ދިޔަ އިރު ޣައްޒާގައި ހުރި އެންމެ ބޮޑު ކުޅިވަރު ހޯލު އޮތީ މީހުންނައިގެން ފުރިފަ އެވެ. އެމީހުން ދިޔައީ މޮރޮކޯއަށް ތާއީދުކޮށް ހަޅޭއް ލަވަމުންނެވެ. "އެމީހުން ހަޅޭއްލެވި، އެމީހުން އަތްތިލަބަޑިޖެހި، އެމީހުން ބެރުޖެހި. އަދި އެންމެ ފަހުގެ ކަށިގަނޑުފުންމައިލުމާ އެކު އެތައް ހާސް ބަޔަކު މަގުތަކަށް ނުކުތް. އުފާފާޅުކުރުންތައް ފަށައި މޮރޮކޯއަށް ޓަކައި އޮތް އުފާވެރިކަން ދައްކައިލަން،" ޔުމްނާއާ ހަވާލާދީ އަލްޖަޒީރާގެ ރިޕޯޓުގައި ބުންޏެވެ. މޮރޮކޯގެ ކާމިޔާބީގެ އުފާފާޅުކުރުން ޣައްޒާގެ އިތުރުން، އިރާގުގެ ވެރިރަށް ބަޣުދާދުގައި ވެސް އޮތެވެ. އެ އެޖެންސީން ބުނި ގޮތުގައި މޮރޮކޯގެ ކާމިޔާބީއާ އެކު ގަތަރުގައި އުފާފާޅުކުރަން ނުކުތް މީހުންގެ ތެރޭގައި ވެސް އަރަބި އެތައް ގައުމެއްގެ މީހުން ތިއްބެވެ. އެމީހުން ބުނި ގޮތުގައި މިއީ ހަމައެކަނި މޮރޮކޯއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ މުޅި އަރަބިދުނިޔެއާއި އެފްރިކާކޮންޓިނެންޓަށް ވެސް ލިބުނު ކާމިޔާބީ އެކެވެ. ވޯލްޑްކަޕްގެ ސެމީފައިނަލަށް ދިޔައީ މޮރޮކޯއާއި ފްރާންސާއި އާޖެންޓީނާ އަދި ކޮރޮއޭޝިއާ އެވެ. އަންނަ ބުރާސްފަތިދުވަހު ކުޅޭ ސެމީފައިނަލްގެ ފަހު މެޗުގައި މޮރޮކޯއިން ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެޕްޕިއަން ފްރާންސާ ދެކޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ