މާލެ: 31°C

މަޝްހޫރު ލަވަކިޔުންތެރިޔާ ޓީނާ ޓާނާ މަރުވެއްޖެ

May 25, 2023
2 ފަހަރު ބަލާފައި
މަޝްހޫރު ލަވަކިޔުންތެރިޔާ ޓީނާ ޓާނާ މަރުވެއްޖެ
މަޝްހޫރު ލަވަކިޔުންތެރިޔާ ޓީނާ ޓާނާ މަރުވެއްޖެ
މަޝްހޫރު އެތައް ލަވަތަކެއް ހުށަހަޅައިދީ ގިނަ ބައެއްގެ ހިތްތަކުން ލޯބި ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޓީނާ ޓާނާ މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ސިއްހީ އެތައް މައްސަލަތަކަކަށް ފަރުވާ ހޯދަމުން ގެންދަނިކޮށް އުމުރުން 83 އަހަރުގައެވެ. ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ޓީނާ ޓާނާ ގެ ކިޑްނީ ފެއިލްވެފައިވާ އިރު އޭނާ ދިޔައީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯދަމުންނެވެ. ރޮކް އެން ރޯލް މިއުޒިކުގެ ރާނީގެ ގޮތުގައި ސިފަކުރެވިގެންދިޔަ ޓީނާ ޓާނާ ވަނީ  1980 ގެ ތެރޭގައި ސޯލޯ އާޓިސްޓެއްގެ ގޮތުގައި ނުކުމެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ގްރެމީ އެވޯޑު ހޯދާފައިވާއިރު ރޮކް އެން ރޯލް ހޯލް އޮފް ފޭމްއިން 1991 ވަނަ އަހަރު އައިކްއާ އެކު ޖާގަ ލިބުމަށްފަހު ސޯލޯ އާޓިސްޓެއްގެ ގޮތުގައި 2021 ގައި ވެސް އެ ޝަރަފް ވަނީ ހޯދައިފައެވެ. އޭނާ ފުރަތަމަ މަޝްހޫރުވާން ފެށީ ފުރަތަމަ ފިރިމީހާ އައިކް ޓާނާ އާއެކު އެ ދާއިރާގައި މަސައްކަތް ކުރަމުން ދަނިކޮށް 1960 ގެ ތެރޭގައެވެ.ޓީނާ ޓާނާގެ އޭރުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޕްރައުޑް މޭރީ" އަދި "ރިވާ ޑީޕް، މައުންޓަން ހައި" ހިމެނެއެވެ. އޭނާ ވަނީ އައިކްއާއެކު ދިރިއުޅެމުންދިޔަ އިރ ލިބުނު އަނިޔާތަކުން ސަލާމަތްވުމަށް 1978 ވަނަ އަހަރުގެ ތެރޭގައި އައިކްގެ ކައިރިން ވަރިވެފައެވެ. ޓީނާ ޓާނާ 2018 ގައި ނެރުނު އޭނާގެ ބަޔޮގްރަފީ "މައި ލަވް ސްޓޯރީ" ގައި އައިކްގެ އަނިޔާތަކުގެ ވާހަކަ ލިޔުނެވެ. މިއުޒިކީ ދާއިރާގައި ބަބުޅަން ފެށިގޮތަށް އޭނާ ވަނީ ކަޅު އަންހެނުންނަށް ސްޓޭޖް މަތީ ޕާފޯމް ކުރަން ދަތިތައް ހުންނާނެ ކަމަށް ބުނަމުންދިޔަ ބުނުމަށް ބަދަލު ގެނެސް އެ ނަސްލުގެ މީހުންނަށް ވެސް އެކަން ވާނެކަން ސާބިތުކޮށްދީފައެވެ. 2013 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ އާވިން ބަކްއާ ކިޔާ މީހަކާ ދެވަނަ ކައިވެންޏެއް ކޮށްފައެވެ. އޭނާ އާއެކު އުފާވެރި ދިރިއުޅެމެއް އުޅުމަށް އެދެމީހުން ވަނީ ސްވިޓްޒަލޭންޑަށް ދިރިއުޅުން ބަދަލުވެސް ކޮށްފައެެވެ. ޓީނާ ޓާނާގެ ކިޑްނީ ފެއިލްވީ އެތަނުގައި ދިރިއުޅެމުން ދަނިކޮށެވެ. އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޓީނާ ޓާނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ''ލެޓްސް ސްޓޭ ޓުގެދާ''، "ސްޓީމީ ވިންޑޯސް"، ޕްރައިވެޓް ޑާންސާ" އަދި ޖޭމްސް ބޮންޑް ފިލްމު "ގޯލްޑެންއައި" ގެ ތީމް ލަވަ ފަދަ ލަވަތައް ހިމެނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ