ކުރުވާހަކަ: ބައްޕަ

ކުރުވާހަކަ: ބައްޕަ
ލިޔުން:
" ހެޕީ ފާދަރސް ޑޭ"
ބުނަން ބޭނުން ކިތަންމެ އެއްޗެއް ހިތަށް އައިނަމަވެސް ހަމައެކަނި އެހެން ޖަހާލުމަށްފަހު ބައްޕައަށް މެސެޖްކޮށްލަން އުޅުނީމެވެ. ނަަމަވެސް އެހެންވެސް ފޮނުވާކަށް ނުކެރުނެވެ. މެސެޖް ޑިލީޓްކޮށްލީމެވެ. ބައްޕަގެ ގޮތްއެނގޭތީއެވެ. ކިތަންމެ ރަނގަޅަކަށް ކަމެއްކުރިޔަސް ދުވަހަކު ރީތިނަމެއް ނުލިބޭނެއެވެ. އަހަރެމެން ދެބެއިން ހާ ބަސްނާހަ ދަރިން ދުވަހަކުވެސް މީހަކަށް ލިބިފައިނުވާކަހަލައެވެ. ރަނގަޅަށްކުރެވޭ އެއްކަމެއްވެސް ނޯވެއެވެ. އަހަރެމެންނާއި އަނގައިން ބުނިއްޔާ ބުނާނީ ކޮންމެވެސް ލެކްޗަރެއްދޭށެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވިގެންނެވެ. ގޭގައި އުޅޭ މަގުވަދުތު ދާނީ އެގޮތަށެވެ. ބައްޕަގެ ރުންކުރުކަމާއި ހަރުކަށިކަމާއި ރުޅިގަދަކަމުން އަހަރެމެން ތިބެނީ ބިރުން ސިހިސިހިއެވެ.
" ސަމީނާ! މިގޭގަ ހަކުރުކޮޅެއް ނެތީތަ؟ މި ބޯންކެރޭ ވަރެއްނޫނޭ! "
އެ އިވުނީ ބައްޕަގެ އަޑެވެ. ދުވަހުގެ ފެށުންވެސް ދާނީ އެގޮތަށެވެ. އެއިވުނީ މަންމައާއި ދިމާއަށް ހަޅޭލަވަިގަތްއަޑެވެ. އެއީ އާދައެވެ. އެއްދުވަހު ސައިތަށީގައި ހަކުރު މަދިއްޔާ އަނެއްދުވަހު ރޮށީގެ ބޭރުގައި ހިކިފުށްގިނަވެދާނެއެވެ.
އަހަރެން ފާޚާނާއިން ނިކުމެފަ ކޮއްކޮއަށް ގޮވީމެވެ. ކޮއްކޮ ހޭލިގޮތަށް ހޭންފެށިއެވެ.
" މަޖާ ހުވަފެނެއް ފެނުނީތަ ؟"
" ނޫނޭ ދޮންތީ! މިއަދު ފާދަރސްޑޭ ނުން، އާޓް ގަަޑީގަ ޖެހޭ ކާޑެއް ހަދަން ކޮންމެ ކުއްޖަކުވެސް އަދި ބައްޕަ އަށް އެކާޑުދޭން، ހިނިއައީ ، ބައްޕައަށް ކާޑުދިނީމަ ހަދާނެގޮތް ހިތައްއަރާފަ. ޔަގީން އިންނާނީ މިހެން"
ކޮއްކޮ ތުންދަމާލާފައި ލޯއަޅާފައި ބުނެލިއެވެ. ބައްޕަގެ ގޮތް ދިހައަހަރުގެ ކޮއްކޮއަށްވެސް އެނގެއެވެ. އަހަރެންގާތަށް ވެސް ހިނިއައެވެ. ކޮއްކޮއާއި އަހަރެން ތައްޔާރުވެގެން ނިކުތްއިރު ވެސް ބައްޕައާއި މަންމަަ ޒުވާބުކުރަނީއެވެ. މަންމަ ޝަކުވާ ކުރަނީ ގެއަށްވޭނުންވާ އެއްޗެތި ނުހޯދާތީއެވެ. ބައްޕަ ބުނަނީ ކުރަންޖެހޭ ޚަރަދުތައް ގިނަވާހަކައެވެ.
ކޮއްކޮގޮވައިގެން ސްކޫލަށްދަނީ މަންމައެވެ. ސުކޫލު ކައިރިވީމަ ހިނގާފައިދެވޭތީއެވެ. އަހަރެން ދަނީ ބައްޕަގެ ސައިކަލުގައެވެ. އޮފީހަށް ދަމުން އަހަރެން ގެންދަނީއެވެ. ކިތަންމެ ލަދުގަތަސް ސައިކަލަށް އަރާ އިންނަންޖެހެނީ އެއްފަރާތަކަށެވެ. ވެއްޓިދާނެތީ ބައްޕަގެ ކޮނޑުގައި ވެސް ހިފަހައްޓައިގެންނެވެ. އަޅެ އަހަރެން މިއީ ކުޑަކުއްޖެއް ހެއްޔެވެ. ގްރޭޑް ބާރައިގަ އުޅޭ ބޮޑު އަންހެނެކެވެ. އެހެން އިނީމަ މީހުން ބަލާވަރެއް ކުދިން ދިމާކުރާވަރެއް ބައްޕައަކަށްނޭގޭނެއެވެ. ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދެވޭއިރު އަހަރެން އިންނަނީ ދަތްކުޑި ވިކިފައެވެ.
ފުރަތަމަ ގެއިން ނުކުތްއިރު ޖެހިގެން އުޅޭގޭގައި އުޅޭ މަސައްކަތްކުރާ މީހާ ގެއަށްވަންނަނީއެވެ. އޭނާ އަހަރެމެން ފެނުމުން އެއްފަރާތުގައި މަޑުކޮށްލިއެވެ. ބައްޕަ އަކަށް ކަމަކު ނުދިޔައެވެ.
"އާދެވުނުލެއް އަވަސް ވެގެންތަ އަދިވެސް އެ މަޑުކުރަނީ، އެންމެ މީހުންގިނަވާ ގަޑީގަ ކުނި ނެރުނީމަ ކިހާ އުނދަގޫ ވާނެކަމެއް މިމީހުނަށް ނޭގޭ ؟ މިމީހުން ދުވަހަކު ކަމެއް ރަނގަޅަކަށް ނުކުރާނެ" އެމީހާއަށް އަޑު އިވޭނެއެވެ. އަހަރެން ހުރީ ލަދުންނެވެ.
ދެންފެނުނީ ޖެހިގެން ހުރިގޭގައި އުޅޭ އިދްރީސް އޮފީހަށްދާން ނިކުތްތަނެވެ. އެއީ ބައްޕަގެ އެހާބޮޑު ހަތުރަކަށްވީ ކީއްވެބާއޭ ހިތައްއަރައެވެ. އޭނާ ހަމަފެނުމުން ގޯޅިގަނޑުގައި ސައިކަލު ބަހައްޓާފައި ހުންނާތީ ޝަކުވާކުރިއެވެ.
ޓްރެފިކް ލައިޓުގައި މަަޑުކޮއްލުމާއި އެކު އާދައިގެ މަތިން ބައްޕަ ފެށިއެވެ. މާލޭގެ މަގުތަކުގެ ދުއްވަން ދަތިކަމާއި މީހުންގިނަކަމާއި ހުރިހާކަމެއް ސިޔާސީ ކަންކަމާއި ގުޅުވާލިއެވެ. ކައިރީގައި މަޑުކޮށްލައިގެން އިން މީކަށް ދޯދިނެވެ. އެމީހާވެސް އެއްބައިވެލިއެވެ. ޓްރެފިކް ޕޮލިހުން ކުއްވެރިވެއެވެ. ޓެކްސީ ޑްރައިވަރުންނާއި މަގު ހިނގާމީހުންވެސް ގޯހެވެ. ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންނެވެ. އަަހަރެން އިނީ ލަދުން ބޯފަޅައިގެން ދާވަރުވެފައެވެ. ކޮންމެ ދުވަހަކު ތަކުރާރުވާ ރިޕީޓް ޕްރޮގްރާމެކެވެ. އޮފީހަށް ގޮސް އަދި ކިތައްމީހުނަށް ހަޅޭލަވާނެބާއޭ ހިތައްއެރިއެވެ. އެއީ އަހަރެންގެ ބައްޕައެވެ. ހިތްހަމަޖެހޭ އެއްކަމެއް ވެސް މިދުނިޔެމަތީގައި ނުވެއެވެ.
ސްކޫލުން ނިމުނުގަޑީގައި ބައްޕަ ބަލައެއްނާދެއެވެ. ފޯނު އޮންކޮއްލާފައި އަހަރެން ގުޅާގުޅާ ފޯނެއްނުނެގިއެވެ. މަންމައަށްގުޅީމެވެ. ޓެކްސީއެއްގައި ގެއަށް އައުމަށް މަންމަބުންޏެވެ. މަންމަ ވާހަކަދެއްކި ގޮތުން އަހަރެން ކަންބޮޑުވިއެވެ. އަނެއްކާ ކަމެއް ގޯސްވީބާއެވެ. މީހަކަށްކަމެއްވީބާއެވެ. ކުޑަކޮށް ހާސްވެފައި ހުރެގެން ގޮސް ގެއަށް ވަނުމުން ހާސްކަން އިތުރުވިއެވެ. ގޭތެރެ އާދަޔާއި ޚިލާފަށް ހިމޭންވެފައި އޮތުމުންނެވެ. އަހަރެން ފެނުމުން މަންމަ އައިސް އަތުގައި ހިފިއެވެ. މަންމައަށް ހުރީ ރޮވިފައި ހުރިކަހަލަގޮތަކަށެވެ. ސޯފާގައި ބައްޕައިނެވެ. ކޮއްކޮ އިނީ ބައްޕަގެ އުނގުގައެވެ. އެއީ އާންމުކޮށް ފެންނަމަންޒަރެއްނޫނެވެ. މަންމަ އަހަރެންގޮވައިގެން ގޮސް ޖެހިގެން ހުރިސޯފާގައި ބެއިންދިއެވެ. އަހަރެން ހުރީ ވާނުވާ ނޭނގިގެން ހާސްވެފައެވެ.
" ދަރިފުޅު ބުނީމެއްނުން ކޮންމެވެސް އެނުއަލް ޕާޓީއަކަށްދާން ހެދުމެއްފަހާ ވާހަކަ، މީގެން ވާނެދޯ، ނުވެއްޖެއްޔާ މަންމަކައިރީގަ ބުނޭ "
ބައްޕަ ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގާފައިދިނެވެ. އަހަރެން ހައިރާންވިއެވެ.
" އަވަހަށްދޭ ދެން ޔުނީފޯމް ބަދަލުކޮށްލައިގެން ބަތްކާން"
މިފެންނަނީ ހުވަފެނެއްބާއޭ ހިތައްއެރިއެވެ. ބައްޕަ އެގޮތަށް ރީތިކޮށް ވާހަކަދެއްކި ހަނދާނެއްވެސް އަހަރެން ނުވެއެވެ. އަހަންނާއި ކޮއްކޮއާއި އެގޮތަށް ލޯބިން އޯގާތެރިކޮށް ވާހަކަދައްކާކަށް ބައްޕައަކަށް ފުރުސަތެއްނުލިބެއެވެ. އަހަރެން ސުވާލުގެ ނަޒަރަކުން މަންމައަށް ބަލާލީމެވެ. މަންމަހުރީ ފެންކަޅިވެފައެވެ.
" ދޮންތީ ! ބައްޕަގެ ރިޕޯޓުލިބިއްޖެ، ބައްޕަ އެއިނީ ސޭޑްވެފައޭ، ކޮއްކޮ ހިތައް އެރިއޭ ބައްޕަ ހާދަ ރަނގަޅޭ މިއަދު، މަންމަކައިރީ ބުނީ ރިޕޯޓްލިބުނީއޭ"
ދިހަ އަހަރުގެ ކޮއްކޮއެދައްކަނީ ކޮން ރިޕޯޓެއްގެ ވާހަކަކަން އަހަރެން ހަނދާންވިއެވެ. މީގެ ދެތިން ދުވަހެއްކުރިން ބައްޕަ ބޮލުގައި ރިއްސައިގަނެގެން ކެތްނުވާވަރުވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެދުވަހު ޓެސްޓުތަކެއްހެއްދިއެވެ. އަދި ރިޕޯޓު ލިބޭނީ މިއަދު ކަމުގައި ބުނި ހަނދާންވެސް ވިއެވެ. ކޮއްކޮގެ ވާހަކައަޑު އިވިފައި އަހަރެން ހާސްވިއެވެ. މަންމައާއި ބައްޕަ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ބައްޕަ ކޮއްކޮ ކުޅެން ފޮނުވާލާފައި ރިޕޯޓު ނަގާ އަހަންނަށް ދައްކާލިއެވެ.
" ބްރެއިން ޓިއުމަރ، ލާސްޓް ސްޓޭޖް"
ބައްޕަ އެހެން ބުނެލިއިރު އަޑު ތުރުތުރުއަޅައެވެ. މަންމަ ރޯންފެއްޓިއެވެ. އަހަންނަށް ލިބުނީ ޝޮކެކެވެ.
އަހަންނަށް ބައްޕަގައިގަ ބައްދާލެވުނެވެ. މަންމަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. މަންމައާއި ބައްޕަވެސް ތިބީ ފެންކަޅިވެފައެވެ. ބައްޕައަށް ކުރެވޭ ހުރިހާ ކަމަކަށް މާފަށްއެދުނެވެ. ރުޅިއާދެވޭތީއާއި އަހަރެމެން ބުނާ އެއްޗެތި ހޯދާނުދެވޭތީ އެވެ. އަހަރެން އިތުރަށް ދެރަވިއެވެ. ބައްޕަގެ މުހިންމުކަން އިހުސާސްވެފައެވެ. ކަމެއް ނުކޮށްދިނަސް ވަރިހަމައެވެ. ކިތަންމެ ހަރުކައްޓަކަސް، ރުޅިގަދަޔަސް ހެވެވެ. އަހަރެން ބޭނުމީ ބައްޕަ ގަދަވެ ސަލާމަތުން ހުރުމެވެ. އެދުވަހަކީ އަހަރެމެނެގެ އާއިލާއަށް ދިމާވި އެންމެ ހިތްދަތުދުވަހެވެ.
އެރޭ އެކަކު ވެސް ނުނިދައެވެ. ނިދިނާންނަނީއެވެ. އަހަންނަށް ހަމަރޮވެނީއެވެ. ބައްޕަދެކެ އަބަދު ރުޅިއާދެވުނީތީ އަމިއްލަ ނަފުސު ކުއްވެރިކޮށް ދެރަވެއެވެ. ބައެއްފަހަރު ބައްޕަ ބުނާގޮތް ނުހެދޭތީ ދެރަވެއެވެ. ބައްޕަ ނެތިއްޔާ އަހަރެމެން އުޅޭނީ ކިހިނެއްބާއޭ ހިތައްއަރާފައި ދެރަވެއެވެ. މަންމައެކަނިވާނެ ވަރު ވިސްނިފައި ދެރަވެއެވެ. ކޮއްކޮ ދެރަވާނެވަރު ވެސް ހިތައްއެރިއެވެ. އޭނާއަށް އަދި މާބޮޑަށް ކަންކަމެއް ނުވެސް ވިސްނޭނެއެވެ. އެނާގެ ކިޔެވުންވެސް އަދި ކުރިއަށްއޮތީއެވެ. އަހަރެންވެސް މަތީތައުލީމު ހާސިލްކުރަން ވެސް ބޭނުމެވެ. އަހަރެމެންގެ ޚަރަދުތައް ބަލަހައްޓާނީ ކާކު ކިހިނެއްހެއްޔެވެ. ހުރިހާ ފިކުރެއް ބޮލުތެރޭގައި އެނބުރެން ފެށުމުން އަހަރެން ބައްޕަދެކެ ލޯބިވާ މިންވަރާއި ބައްޕަގެ މުހިންމުކަން އިހުސާސްވިއެވެ.
ކުޑައިރު ބައްޕަ އަހަރެން ގޮވައިގެން ހިނގާލަން ދާހަނދާންވިއެވެ. ހެނދުނު ބުއްތަށިހަދާދޭ ހަނދާންވިއެވެ. ކިތަންމެ ބުރަ މަސައްކަތުގައިއުޅުނަސް ކޮންމެ ދުވަހަކު ސްކޫލަށް ގެންގޮސް ގެނެސްދީ ހަދާކަން ވިސްނުނެވެ.
ހެނދުނު ސައިމޭޒު ދޮށުގައި އެކަކު ވެސް އަނގައިންނެއް ނުބުނެއެވެ. މަންމައިނީ ފާޑަކަށް ހުއްޓިފައެވެ. ބައްޕަތެދުވެގެން ގޮސް އަމިއްލައަށް ސައިތައްޓެއް އަޅައިގެން އައިސް މަންމައަށް ދިނެވެ. މަންމަ ނޫނެކޭ ބުނެ ބޯހޫރުވާލުމުން އޯގާތެރިކަމާއި އެކު އަނެއްކާވެސް ބައްޕަ ސައިތަށިކައިރިކޮށްލިއެވެ.
"ސައިތަށިބޯލާ، ސަމީނާ ހެން ދަހިކަމުން ހަކުރު ނާޅައެއްނޫނޭ މިހެދީ"
ބައްޕަ ސަމާސާ ގޮތަކަށް އެހެން ބުނުމުން ފެންކަޅިވެފައި އިން މަންމައަށް ހެވުނެވެ. އަހަރެން ވެސް ހިނިތުންވެލީމެވެ. ހަގީގަތުގައި ކިތަންމެ ކޫސަނި ޒުވާބެއްކުރިޔަސް މަންމައާއި ބައްޕަ އެކަކު އަނެކުދެކެ ލޯބިވެއެވެ. އަޅާލާއެވެ. މިފެންނަނީ އެކަމުގެ ހެއްކެވެ.
އެދުވަހު ބައްޕަގެ ރައްޓެހި ލޯޔަރަކަށް ގުޅިއެވެ. ވާހަކަދެއްކީ އަހަރެމެންތިއްބައެވެ. ގެބެހުމާއި މުދާބެހުމާއި ވަސިއްޔަތް ހެދުމާއި ބެހޭގޮތުންނެވެ. އެންމެ ހައިރާންވިކަމަކަށްވީ ބައްޕަ އަހަރެމެންގެ ނަމުގައި އެކައުންޓުހުޅުވާ ގިނައަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަންއެނގުމުންނެވެ. އަދި އަހަރެމެން ދެބެއިންގެ މަތީތައުލީމަށް އިންޝުއަރެންސް ސްކީމް ނަގާ ލާރިއެއްކުރަމުންދާކަން އެނގުމުންނެވެ. އަހަރެން އުފާވިއެވެ. އެއަށްވުރެ ބޮޑަށް ދެރަވިއެވެ. ބައްޕައާއި މެދު ކުރިން ދެކެވުނު ގޮތް މުޅިން ބަދަލުވިއެވެ. އަހަރެމެންނަށް އެއްޗެހި ހޯދާ ނުދީ އަޅާނުލާ ކަމަށް ހީވެފައި އޮތް އޮތުން ބަދަލުވިއެވެ. ހަގީގަތުގައި ބޭކާރު ކަންކަމަށް ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި ބައްޕަ ވިސްނާފައި އޮތީ އަހަރެމެންގެ މުސްތަގުބަލާއި މެދުގައިކަން އެނގުނެވެ.
ރިޕޯޓުތައް ހިފައިގެން ޑޮކްޓަރަށްދާން ގެއިން ނުކުތީ އަހަރެމެން އެންމެން އެކީގައެވެ. ގޯޅިން ނިކުންނަށް ގޮސްފައި ބައްޕަ އެނބުރިގޮސް އިދުރީސްމެންގެ ގެއަށް ބޯދިއްކޮއްލާފައި އިދުރީހަށްގޮވާލިއެވެ. އޭނާ ނިކުތީ އަޖައިބުވެފައެވެ.
"މަބުނީ އިދުރީސް ކޮންތާކުންތަ ތިސައިކަލު ގަތީ، ހާދަ ޗާލޭ އިނގޭ !"
އިދުރީސް އިރުކޮޅަކު ހައިރާންވެފައި ހުރެފައި ވަރަށް ހެވިފައި އޭނާގެ ސައިކަލުގެ މޮޅުވާހަކައާއި ރީތިވާހަކަ ދައްކަންފެށިއެވެ. އެތައް ޒަމާނެއްކޮށްފައި ދެއަވައްޓެރިން ހީހީފައި އެކަކު އަނެކަކާއި ވާހަކަދައްކާތަން ފެނުމުން މަންމަ ވެސް ހުރީ ހައިރާންވެފައެވެ. އުފާވެސްވެފައެވެ. ބައްޕައަށް ގޯސްކޮށް ކުރެވުނު ހުރިހާކަމެއް ރަނގަޅުކޮށް އެންމެންނަށް ހިތް ހެޔޮކުރަނީ ކީއްވެގެން ކަން އަހަންނަށް ވިސްނުނެވެ. ދެރަވީ އެހެންވެގެންނެވެ.
ޑޮކްޓަރަށް ގޮސް ދެއްކުމުން ވަރަށް ތަފްސީލުކޮށް ބައްޔާބެހޭގޮތުން މައުލޫމާތުދިނެވެ. އަހަރެމެންގެ ހިތްއިތުރަށް ހަލާކުވިއެވެ. ހޮސްޕިޓަލުން ނިކުމެނިކުމެ ތިއްބާ ބައްޕައަށް ފޯނެއްއައެވެ. ބައްޕަ ފޯނުން ވާހަކަދައްކަން ފެށުމާއި އެކު މޫނުމައްޗައް ވެރިވެގެން ދިޔަ ކުލަވަރު ފެނުފައި އަހަންނާއި މަންމަ ތިބީ ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ކުއްލިއަކަށް ފޯނުކަނޑާލިއެވެ. އަދި ބާރުބާރަށް ހޮސްޕިޓަލުގެ ކައުންޓަރާއި ދިމާއަށް ދިޔައެވެ. އަހަރެމެން ވެސް ބައްޕަފަހަތުން ދިޔައިމެވެ.
"މިވަރު ބޮޑުކަމެއް ކޮށްފަ ވެސް ތިބުނަނީ ސޮރީއޭ، ކޮން ސޮރީއެއް ބޮރީއެއް، މީހެއްގެ މުޅި ދިރިއުޅުމާއިއޭ ތިކުޅެލީ ކަލޭމެން "
ބައްޕަ އަޑުގަދަކޮށްލާފައި ބައްޕަގެ ރަސްމީ ރާގުގައި ކައުންޓަރުގަ އިން ކުއްޖާއާއި ދިމާއަށް ހަޅޭލަވައިގަތެވެ.
"މިމީހުން އޮޅިގެން ދިނީ ނުބައި ރިޕޯޓެކޯ، މަގޭ ނަންކިޔާ އެހެން މީހެއްގެ ރިޕޯޓޯ، އަޅެފަހެ މީހަކު ހައިރާނެއްނުވާނެ ! ފަރުވާކުޑަވިޔަސް ބޮޑުވަރު ނުން، މަގޭ ނެތްބައްޔެއް ޖައްސައިގެން މުޅި ޒިންދަގީ ހަރާބުނުވީ ކިރިޔާނުން. މާދަމާ ކީމޯދޭން ފެށިނަމަޔޯ! އަދި އެ ޑޮކުޓަރު ކަލޭގެ ވެސް ނޫޅުނޭ އެއްޗެއް އިތުރަށް ބަލާކަށް "
ވީގޮތް އެނގުމުން އަހަންނާއި މަންމައަށް އެކަކު އަނަކަކުގެ މޫނަށް ބަލާލެވުނެވެ. އަހަރެން ވީ އުފަލުން ނަށައިގަންނަން ބޭނުންވިއެވެ. މަންމަގެ ލޯ ވެސް މިފަހަރު ފެންކަޅިވީ އުފަލުންކަން ޔަގީނެވެ. ބައްޕަހުރީ ރުޅިއައިސް ރަތްވެފައެވެ. މަންމައާއި އަހަންނަށް އެއްފަހަރާ ހީގަނެވުނެވެ. އޮޅުމަކުން ރިޕޯޓު ބަދަލުވުން އެއީ ނަސީބެކޭ ހިތައްއެރިއެވެ. ކުރިން ދުވަހަކުވެސް ނުފެންނަ ބައްޕައެެއް ފެނިއްޖެއެވެ. އެ ސައުވީސް ގަޑިއިރު ތެރޭގައި ހަގީގަތުގައި ބައްޕައަކީ ކާކުކަން އެނގިއްޖެއެވެ. ބައްޕަދެކެ އިތުރަށް ލޯބިވެ ހިތުގައި ކުރިން ނެތް އިޚްތިރާމެއްވެސް އުފެދިއްޖެއެވެ. ގިނަ ބައްޕައިން ނަކީ އެކެހަލަ ބައެކެވެ. އަބަދު ލޯބިވާކަން ނުދެއްކިޔަސް އަބަދުވެސް އެންމެ އެންމެ ހެޔޮއެދޭ އެންމެ ލޯބިވާ މީހުންނެވެ. -ނިމުނީ-
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
