މާލެ: 31°C

ކުޅުންތެރިން މޮޅުކުރަން މޮރޮކޯއިން ގެންދިޔައީ މައިންބަފައިން!

December 6, 2022
2 ފަހަރު ބަލާފައި
ކުޅުންތެރިން މޮޅުކުރަން މޮރޮކޯއިން ގެންދިޔައީ މައިންބަފައިން!
ކުޅުންތެރިން މޮޅުކުރަން މޮރޮކޯއިން ގެންދިޔައީ މައިންބަފައިން!
ފުޓުބޯޅައިގައި ހާއްސަކޮށް ވޯލްޑްކަޕްގައި ކުޅުންތެރިންނަށް ހިތްވަރުދޭން ޓީމުތަކުން ގެންދަނީ ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިންނެވެ. އެކަމަކު މޮރޮކޯގެ ކާމިޔާބީގެ ސިއްރަކީ ކުޅުންތެރިންގެ މައިންބަފައިން ގަތަރަށް ގޮސް ތިބުމުވެ. ވޯލްޑްކަޕް ފެށުމުގެ ކުރިން އެ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދުށް، ބެލްޖިއަމް ގްރޫޕް ސްޓޭޖްގައި 2-0 އިން ބަލިކުރުމަށް ފަހު މޮރޮކޯގެ އަޝްރަފް ހަކީމީ ދުވެފައި ދިޔައީ އޭނާގެ މަންމަގެ ގާތަށެވެ. ހަކީމީ އޭނާގެ މަންމައާ އެކު އުފާފާޅުކުރި މަންޒަރުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ވައިރަލް ވިއެވެ. ފްރާންސްގެ ޕެރިސް ޖާމެއިންގައި ފުލްބެކެއްގެ ގޮތުގައި ކުޅޭ ހަކީމީ ފަހުން އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލީ މަންމަގެ ނިތްކުރީގައި ބޮސްދޭ މަންޒަރު ފެންނަ ފޮޓޯއެކެވެ. އެކަމަކު މޮރޮކޯ ޓީމަށް ހިތްވަރުދޭން ގަތަރަށް ގޮސް އިނީ ހަކީމީގެ މަންމަ އެކަންޏެއް ނޫނެވެ. މޮރޮކޯގެ ކޯޗް ވާލިދު ރިގްރާގީ އާއި މިރޮކޯގެ ރޯޔަލް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ފައުޒީ ލިގްރާގެ އިރުޝާދުގެ ދަށުން، މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ތެރެއިން ކުޅުންތެރިން އިޚުތިޔާުރު ކުރާ ބަޔަކު ގަތަރަށް ގެންދިޔައީ އެމީހުންގެ ދަތުރުގެ ހުރިހާ ހަރަދެއް މޮރޮކޯ ސަރުކާރުން ކުރާ ގޮތަށެވެ. މޮރޮކޯގެ ޓީމު ގަތަރުގައި ތިބޭ ވިންދަމް ދޯހާ ވެސްޓްބޭ ހޮޓާ ހީވަނީ ހޫނުމޫސުމުގެ އާއިލީ ކޭމްޕެއް ހެންނެވެ. ރިގްރާގީގެ މަންމަ ފާތިމާ ފަދަ މީހުންނަށް އެއީ ހަޔާތުގައި އެންމެ ފަހަރަކު ނޫނީ ނުކުރެވޭ ފަދަ އުފާވެރި ދަތުރެކެވެ. "ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި އޭނާގެ މުޅި ކެރިއަރުގައި ވެސް މިނޫނީ އަހަރެން އޭނާއާ އެކު [މުބާރާތެއް ބަލަން] ދަތުރެއް ނުކުރަން،" މޮރޮކޯގެ ކުޅިވަރު ޗެނަލް އައް ރިޔާދިއާއަށް ދިން އިންޓަވިއުއްގައި ފާތިމާ ބުންޏެވެ. އޭނާ ބުނެފައިވާ ގޮތުގައި މިދިޔަ 50 އަަހަރު ވެސް އޭނާ ހޭދަކުރީ ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ. މުބާރާތެއް ބަލަން އޭނާ ޕެރިހުން ބޭރަށް ކުރި މިއީ ފުރަތަމަ ދަތުރެވެ. މޮރޮކޯ ޓީމުގެ މެދުތެރެެއަށް ކުޅޭ އަބްދުލް ހާމިދު ސަބީރީގެ މަންމައާއި ބައްޕަ އަކީ ކެމެރާއާ ވަރަށް ރަށްޓެހި ދެމަފިރިންނެވެ. ގަތަރަށް އައިތާ ދެތިން ދުވަސް ވަންދެން އެމީހުން އުޅުނީ ތިބޭ ހޮޓާ ބަލައިލުމާއި މަޝްހޫރު ކުޅުންތެރިންނާ އެކު ސްވެނިއާ ފޮޓޯނެގުން ކަހަލަ ކަންކަމުގަ އެވެ. މައިކެއް ހަމަ ދިއްކޮށްލާއިރަށް އެމީހުން ދައްކަނީ މޮރޮކޯގެ ކުޅުންތެރިންނާ މެދު އެމީހުން ފަހުރުވެރިވާ ވަރުގެ ވާހަކަ އެވެ. މޮރޮކޯގެ ހުރިހާ ކުޅުންތެރިންނާ މެދުގައި ވެސް އެމީހުން ދެކެނީ އަމިއްލަ ދަރިންގެ ގޮތުގަ އެވެ. ކޯޗް ރިގްރާގީ ދެކޭ ގޮތުގައި އެފަދަ އުފާވެރި މާހައުލެއް އުފެއްދުމަކީ ދަނޑުމަތީގައި އެކަމުގެ ފައިދާ ފެންނާނެ ކަމެކެވެ. މޮރޮކޯގެ މާމޫރާގައި ހުންނަ މުހައްމަދު 5 ވަނަ ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މޮރޮކޯ ޓީމުގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވުމަށް ފަހު އޭނާ ފުރަތަމަ ވެސް އިއުލާނު ކުރީ " މައިންްބަފައިންގެ އުފާވެރިކަމާ ނުލައި ލިބޭނެ ކާމިޔާބެއް ނެތް" ކަމަށެވެ. ވޯލްޑްކަޕްގައި މޮރޮކޯގެ ކާމިޔާބީގެ އަނެއް ސިއްރަކީ ގަތަރުގައި ދިރިއުޅޭ މޮރޮކޯ މީހުންގެ އަދަދު ގިނަ ކަމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގަތަރަށް އައި މޮރޮކޯ މީހުންގެ ގިނަ ކަމެވެ. ގަތަރުގައި މޮރޮކޯގެ 15،000 މީހުން ދިރިއުޅެ އެވެ. އިތުރު އެތައް ހާސް މީހުންނެއް ވޯލްޑްކަޕް ބަލަން ގަތަރަށް ދިޔަ އެވެ. އެހެންވެ މޮރޮކޯ ކުޅޭ މެޗްތަކުަގައި ކުޅުންތެރިންނަށް ކުރެވެނީ އަމިއްލަ ގައުމުގައި ކުޅޭ ފަދަ އިހުސާސެކެވެ. އެކަން އެންމެ ބޮޑަށް ފެނުނީ ވަރުގަދަ ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗްގަ އެވެ. އެ މެޗްގެ ފުރަތަމަ 15 މިނެޓްގެ ތެރޭގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯއަށް ކުރިމަތިވީ ވަރަށް ވަރުގަދަ ޕްރެޝަރެކެވެ. ޔޫރަޕްގައި ނުވަތަ އެމެރިކާ ބައްރުގައި ކުޅުނު މެޗެއް ނަމަ އެ 15 މިނެޓަކީ ގަޑިއެއް ހާއިރު ކަމަށް އެމީހުންނަށް އިހުސާސްވީހެވެ. އެއީ ސަޕޯޓަރުން އެހާ ވެސް މަދުވާނެތީ އެވެ. (އަލް ޖަޒީޒާ)

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ