މާލެ: 31°C

ހިތުގެ އުދާސް 2: ކުރިން ލޯބި މިހާރު އަނިޔާ!

April 23, 2024
3 ފަހަރު ބަލާފައި
ހިތުގެ އުދާސް 2: ކުރިން ލޯބި މިހާރު އަނިޔާ!
ހިތުގެ އުދާސް 2: ކުރިން ލޯބި މިހާރު އަނިޔާ!
ސުވާލު: އަހަރެމެންގެ ކައިވެންޏަށް ބަރާބަރު ހަތަރު އަހަރުވީއެވެ. ދެ ދަރިން އެބަތިއްބެވެ. ތުއްތު ދެކުދިންނެވެ. ފުރަތަމަ ދަރިފުޅު ލިބުމާއެކު ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަ ކުރެވެން ފެށިއެވެ. އަހަރެންނާ މެދު ފަރުވާ ކުޑަވާކަން އެނގުނެވެ. ދަރިފުޅުގެ ކަންކަމުގައި މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. މަސައްކަތް ނިމުނަސް ގެއަށް އައުން ލަސްވަމުންދާކަން ފާހަގަވެއެވެ. އެއްވެސް އެއްޗެކޭ ނުބުނަމެވެ. ހުކުރު ދުވަހެކެވެ. އަހަރެން ހުރީ ދަރިފުޅު އުރާލައިގެން ފެންފޮދެއް ބޯންދޭން ވެގެންނެވެ. އޭރު ހެނދުނު 11 ޖަހަނީއެވެ. އަހަރެން ސިޓިން ރޫމުގައި ހުއްޓާ ފިރިމީހާ އައިސް ގަމީހެއް ދިއްކޮށްލާފައި އިސްތިރިކުރަން އެދުނެވެ. ކުއްލިއަކަށް އަހަރެންނަށް ބުނެލެވުނެވެ؛ "އަލަމާރީގައި ހުރި ގިނަ ގަމީސް އެހުރީ އިސްތިރިކޮށްފަ. އެތަނުން ގަމީހެއް މިއަދު ލާންވީނުން!" އެހެން ރަނގަޅަށް ނުބުނެވި އުޅެނިކޮށް ފިރިމީހާ އަތްދަމާފައި އަހަރެންގެ މޫނުމަތީގައި ޖެހިއެވެ. ވީތަދުން އުރުގައި އިން ދަރިފުޅު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ރޮވެންފެށުނެވެ. ދަރިފުޅު ސޯފާގައި ބައިންދާފައި ގިސްލާ ރޮމުން ގޮސް ފިރިމީހާ އަތުގައި އޮތް ގަމީސް އަތުލައި، އިސްތިރިކޮށް ނިންމައި ގެންގޮސް ދިނުމާއެކު ކުޅިވަރު ފެށުނީއެވެ. އެއީ ކުރިން އަހަރެން ދަންނަ ފިރިމީހާއެއް ނޫނެވެ. އޭނާގެ ރުޅި ގަދަކަމެވެ. ހަރުކަށިކަމާއި އަނިޔާވެރިކަމެވެ. ގަމީސް އޭނާ އަތަށް ދިނުމާއެކު އެގަމީސް ވީދާ ކުދި ކޮށްލިއެވެ. އަދި ބުންޏެވެ؛ "ފިރިމީހާ އިސްވެ ބުނެގެން ކަމެއް ކޮށްދޭން ވެއްޖެއްޔާ ތިޔޮއް ހާކާ ބޮޑާއެއްދޯ. ތިޔަކަހަ މީހުންނަށް ފިލާވަޅެއް ދިނީމަ އިސްލާހު ވާނީ،" އެވަރުން އަދި ނިމުނީކީ ނޫނެވެ. އިސްތިރި ނަގާ އަހަރެންގެ ކަނާއަތުގެ ހަތަރު އިނގިލީގައި ޖައްސާ އިނގިލިތައް މެދުހުޅާ ހަމައަށް ފިއްސާލިއެވެ. ނަގާ ދިލައިން ކެތް ކުރެވޭ ވަރެއް ވެސް ނޫނެވެ. އަހަރެން ހުރީ ގަބުވެފައެވެ. ހުއްޓުން އަރާފައެވެ. ލިބުނު ޝޮކުގެ ބޮޑުކަމުންނެވެ. އަލަމާރިން ޓީޝާޓެއް ނަގައިގެން އެލައިގެން ފިރިމީހާ އެދިޔައީ ބޭރަށެވެ. އަތުކޮޅަށް ދަމާ ލެވުނު ބާރެއްލައި ދޮރުލައްޕާފައެވެ. އަހަރެން ހުރީ ބިރުން ވިރިވިރިއެވެ. ހީވަނީ މޭގަނޑު އަނގަޔަށް އައިސްދާނެ ހެންނެވެ. މީހާ ތުރުތުރު އަޅަނީއެވެ. ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ. މޫނުމަތީ ކޮކާ ބުރަނީއެވެ. މަޑުމަޑުން ހިނގާފައި ގޮސް އަލަމާރިން އައިސް ފެންފުޅިއެއް ބޯތައްޓަކަށް އަޅައި އިނގިލިތަކަށް ފިނިކުރެވޭތޯ ބެލީމެވެ. ދިލަ މައިތިރި ނުވެގެން އަހަރެން ދެ ދަރިން ގޮވައިގެން ދިޔައީ ސިއްޙީ މަރުކަޒަށެވެ. ޑޮކްޓަރަށް ދައްކައި ބޭސް ހިފައިގެން ގެއަށް އާދެވުނު އިރު އެކެއް ޖަހައިފިއެވެ. އޭރު ފިރިމީހާ ސިޓިން ރޫމުގައި އިނެވެ. އަހަރެން ފެނުމާއެކު ފިރިމީހާ ރުޅިއައިސްފައިވާ ސިންގާއެއް ފަދައިން ފުންމައިގެން އައިސް އަހަރެން ބުރުގާ ދަމައިގަތެވެ. އަދި ހަޅޭއްލަވައި ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރަމުން ބުންޏެވެ؛ "ހުކުރުން އަންނަން ވާއިރަށް ކާން ހަދާފަ ބަހައްޓަން އޮންނާނީ ބުނެފަ. މިހާރު އެވަރުގެ ކަމެއްވެސް ކޮށްލައި ނުދެވެނީތަ؟ އިނދެގެން އުޅެން ބޭނުން ނުވަންޏާ ވެސް ރީތިކޮށް ބުނެލާފަ މިކަން ނިންމާލަން ވީނުން." އޭރު ހުންނާނީ ކައްކާފައެވެ. ކާއެއްޗެހި މޭޒުމައްޗަށް ނުނަގާ ސިއްހީ މަރުކަޒަށް ދިޔައީ ތަންކޮޅެއް އަވަހަށް އާދެވިދާނެ ކަމަށް ބަލާފައެވެ. އެކަމަކު ޑޮކްޓަރަށް ދައްކާ މީހުންގެ ކިޔޫ ދިގު ކަމުން ދެގަޑިއެއްހާއިރު ސިއްހީ މަރުކަޒުގައި ހޭދަވީއެވެ. އަވަސް އަވަހަށް ގޮސް ކާން ހެދީމެވެ. އަދި ފިރިމީހާއަށް އެންމެ ކަމުދާ ޖޫސް ވެސް ގިރާފަ މޭޒުމަތީ ބެހެއްޓީމެވެ. ކާން ހަދާ ނިމިގެން ކާން ހެދުމުން ލަސްވީތީ ފިރިމީހާގެ ކިބައިން މަޢާފަށް އެދިފައި އަވަހަށް ކާން އިށީނުމަށް އެދުނީމެވެ. ފިރިމީހާ ހަމަ އެ އިންތަނުގައި އިންގޮތަށް އިނީއެވެ. ކާކަށް ނުދިޔައެވެ. އޭގެ ބަދަލުގައި ފެށީ އަޑުލާށެވެ. "އޭ މިހިރަ އެއްޗާ. މިހާރު އަބަދު ތިއޮންނަނީ އަހަންނަށް ޖެއްސުންކުރުން ކަމަކަށް. ކޮންމެވެސް ގޮތަކުން އަހަރެން ރުޅި އަރުވާނުލާ ހަމަ އެއްކަމެއް ވެސް މިހާރަކު ނުވޭ. އަހަރެން ހިތަށް އަރާ ހަމަ ޖެހި ޖެހީނުން މަރާލަފާނަމޭ. އެހާވެސް އަހަރެން ރުޅިއާދޭ އެބަ. ހީވަނީ މިއޮތީ ބަލާވެރިކަމެއް ހެން ޖެހިފަ،" އަހަރެން ބިރުން ހިތްތެޅެން ފެށިއެވެ. ދާހިއްލަން ފެށިއެވެ. ފިރިމީހާގެ އިތުރު ހަމަލާއެއް އަރާފާނެތީއެވެ. އަހަރެންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ފިރިމީހާ ތެދުވެގެން އައި ގޮތަށް އައިސް އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ދަމާފައި ކޮޓަރިއަށް ވައްދާ އެނދުމައްޗަށް ވައްޓާލިއެވެ. އަދި ވޭނުން ފުރިފައިވާ ގޮތަަށް އަހަރެން ރޭޕްކޮށްލިއެވެ. ގައިގެ އެތައް މިތަނުގައި ދެ އަތުން ތަޅަމުންނެވެ. އެވޭނުގެ ވާހަކަ މިހަލަ ވަގުތެއްގައި ބުނެދޭނެ ގޮތެއްވެސް ނޭނގެއެވެ. ފިރިމީހާ ގެއިން ނުކުމެގެން ދިއުމުން ދެ ދަރިން އުރާލައިގެން ގެނެސް އެނދުމަތީގައި ބައިތިއްބާފައި އިށޯވެލައިގެން އޮތް އިރު ބާކީސް ފޯވަމުން ދިޔައީ އަހަރެން ދެދޮލުން މެދުނުކެނޑި ފައިބަމުން ދިޔަ ކަރުނައިންނެވެ. ފިރިމީހާއަށް މިއައި ކުއްލި ބަދަލު އޮޅުން ފިލުވުމުގެ ގޮތުން ފިރިމީހާގެ ރައްޓެއްސަކަށް ފޯނު ކުރީމެވެ. އޭނާއާ ވާހަކަ ދެއްކަމުން ދިޔައިރުވެސް އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. އޭނާގެ ކިބައިން އަހަރެންނަށް އެނގުނީ ފިރިމީހާގެ މައިންބަފައިންގެ ޕްރެޝަރު ބޮޑުވެގެން ފިރިމީހާ މިހާރު ބޭނުންވަނީ ވަރިވާންކަން ރަހުމަތްތެރިޔާގެ ކިބައިން އެނގުނެވެ. އަހަރެމެންގެ ކައިވެންޏަށް ފިރިމީހާގެ މައިންބަފައިން ނުރުހޭކަން ކުރިންވެސް އޮތީ އެނގިފައެވެ. އެކަމަކު އެކަން އެނގޭކަމަށް ވެސް ނުހަދައި އަމިއްލަ މައިންބަފައިންނެކޭ އެއްގޮތަށް އެމީހުންނަށް ހެޔުކޮށް ހިތަމެވެ. އަޅާލަމެވެ. ކައްކާފަ ކާން ގެންގޮސްދެމެވެ. ކޮންމެ ދުވަހަކު ހާލު ބަލަމެވެ. އަަހަރެންގެ ސުވާލަކީ މިހާ ހިސާބުން އަހަރެން އަމަލުކުރާނީ ކިހިނެއްތޯއެވެ؟ އަހަރެންގެ ލޯބިވާ ފިރިމީހާއާ އަހަރެން ވަކި ވާންވީހެއްޔެވެ؟ ނޫނީ މިވޭން ބަރުދާސްތުކުރަންވީ ހެއްޔެވެ؟ -- ސަނާ ޖަވާބު: ސަނާއަށް ކުރިމަތިވެފައި ތިޔަވަނީ ވަރަށް ހިތްދަތި ހާލަތެކެވެ. ފިރިމީހާދެކެ ސަނާ ލޯބިވެއެވެ. ކޮންމެވެސް ގޮތަކުން އޭނާއާ ވާހަކަ ދެއްކޭތޯ ބަލާށެވެ. ނޫނީ މީހަކު މެދުވެރިކޮށް ނަމަވެސް އޭނާއަށް ވިސްނައި ދެވޭތޯ ބަލާށެވެ. ދެކުދިންގެ ހައްގުގައި ވެސް، ކުރިން އުޅުނު ހަމަޖެހޭ ދިރިއުޅުން އުޅުމަށް ނަސޭހަތްތެރި ވެވޭތޯ ބަލާށެވެ. އޭނާގެ މައިންބަފައިންގެ ފަރާތުން ޕްރެޝަރެއް އައުމަކީ އަނބިމީހާއަށް އަނިޔާކޮށް ތަޅާމަރަންވީ ސަބަބެއް ނޫނެވެ. މިހާރު ސަނާއަކީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ. ތުއްތު ދެކުދިން ތިބުމުން ތިޔަ ގުޅުމުގެ މާނަ މާފުނެވެ. މާމުހިއްމެވެ. އެހެންކަމުން ފިރިމީހާގެ ކިބައިން ނަމަނަމަ އަދި ވަރިއެއް ނޭދޭށެވެ. އޭނާއަށް ކުރިންވެސް ދިން ލޯތްބާއި އަޅާލުން ދޭށެވެ. އެއްވެސް ކަމަކަށް ތަފާތު ނުކުރާށެވެ. އިސްތިރި ޖެއްސިތަނުގައި ބޭސްކޮޅެއް އުނގުޅާލަ ދިނުމަށް ވެސް ބައެއް ފަހަރު އެދޭށެވެ. ރުޅިއަޔަސް އޭނާ ޖަޒުބާތުގައި ޖެއްސޭތޯ ބަލަން އެބެ ޖެހޭ ނޫން ހެއްޔެވެ؟ ރޭގަނޑު ނިދާއިރު ސަނާއަށް ރޮވޭނަމަ އެކަން ސިއްރު ނުކުރާށެވެ. ސަނާ ރޯކަން ފިރިމީހާއަށް އެނގޭ ގޮތަށް ރޯށެވެ. ދެން ޑައިރީ ލިޔަން ފަށާށެވެ. ތާރީހެއް ނުޖެހިޔަސް ޑައިރީ ފަށަން ވާނީ ދެމީހުން ރައްޓެހިވެގެން އުޅުނު ދުވަސްތަކުގެ ހަނދާންތަކުންނެވެ. އެއަށް ފަހު ސަނާގެ ހިތުގެ އުދާސްތައް ޑައިރީއަށް ބަންޑުންކޮށްލާށެވެ. އެ ޑައިރީ ބާއްވާނީ ފިރިމީހާއަށް ފެންނަ ހިސާބުގައެވެ. ފަހަރެއްގައި އޭނާ އެޑައިރީ ކިޔާލައިފިނަމަ ސަނާއާމެދު ރަހުމް އުފެދި އުފާވެރި ދިރިއުޅުމެއް އަލުން ލިބުމުގެ ފުރުސަތު އެބައޮތެވެ. އަޅެ މިގޮތަށް މިވަގުތަށް އަމަލުކޮށްގެން ހައްލެއް ލިބޭތޯ ބަލަމާ ހިނގާށެވެ. އަހަރެންގެ ހެޔޮ ދުއާ ސަނާއާ އެކު އަބަދުވެސް ވާނެއެވެ. --- ޕްރިންސް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ