މާލެ: 31°C

ހަމަނުޖެހުން ބޮޑުވެގެން ހުއްޓާލިމެޗް އެންމެފަހުން ވިކްޓްރީއަށް

February 8, 2024
30 ފަހަރު ބަލާފައި
ހަމަނުޖެހުން ބޮޑުވެގެން ހުއްޓާލިމެޗް އެންމެފަހުން ވިކްޓްރީއަށް
ހަމަނުޖެހުން ބޮޑުވެގެން ހުއްޓާލިމެޗް އެންމެފަހުން ވިކްޓްރީއަށް
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި އިއްޔެ ހަވީރު، ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރިމެޗްގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހުއްޓާލި މެޗުގެ ބާކީ ބައި ކުޑަހެންވޭރު ކުޅެން ބޭނުން ނުވުމުން ވިކްޓްރީއަށް ސެމީފައިނަލްގެ ޖާގަ ކަށަވަރުވެއްޖެއެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗްގެ 83 ވަނަ މިނެޓްގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މެޗް ހުއްޓާލިއިރު، 1-3 ގެ ނަތީޖާއިން ކުރީގައި އޮތީ ވިކްޓްރީއެވެ. މެޗްގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މެޗް ހުއްޓާލިއިރު، މުބާރާތާ ބެހޭ ކޮމިޓީން ނިންމާފައިވަނީ، އަންނަ ހުކުރުދުވަހުގެ ހަވީރު 16:00 ގައި ގަލޮޅު ދަނޑުގައި ސަޕޯޓަރުން ނުވައްދައި މެޗް ހުއްޓާލި ވަގުތުން ފެށިގެން ކުޅުމަށެވެ. މިގޮތަށް ނިންމާފައިވަނިކޮށް ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ މެޗްގެ ބާކީ ބައި ނުކުޅެ، މެޗް މެދުކަނޑާލިއިރު އޮތް ނަތީޖާއާއެކު މެޗް ނިންމާލަދިނުމަށް އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވާފައެވެ. މިކަމާއި ގުޅޭގޮތުން އެފްއޭއެމުން މިއަދު ބުނީ، މުބާރާތުގެ އިންތިޒާމު ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ މެޗްގެ ބާކީ ބައި ނުކުޅެ މެޗް މެދުކަނޑާލިއިރު އޮތް ނަތީޖާއާއެކު މެޗް ނިންމާލުމަށެވެ. އިއްޔެގެ މެޗްގައި ހަމަނުޖެހުން ހިނގާފައިވަނީ ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޮލީ ކުރި ފައުލަކަށް ރެފްރީ ރަތްކާޑު ނުދެއްކުމުން އިދިކޮޅަށް ނިސްބަތްވާ ސަޕޯޓަރުންގެ ބަޔަކު އަނަޓޮލީއަށް ހަމަލާދިނުމަށް ދަނޑަށް އެރި ހިސާބުންނެވެ. އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި ވިކްޓްރީގެ ކޯޗް ސޮބާގެ އަނގަމަތި ވަނީ ފަޅައިގެން ގޮސްފައެވެ. މި ހަމަނުޖެހުންތައް ތަހުގީގުކޮށް ފިޔަވަޅު އަޅާނޭކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމިތީން ވަނީ ބުނެފައެވެ. އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅޭގޮތުން ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ މައާފަށް އެދި ހިނގާދިޔަ ކަންތައްތަކާމެދު ހިތާމަކުރާކަމަށް ބުނެފައެވެ. އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މުބާރާތުގެ ސެމީފައިނަލުގައި ވިކްޓްރީ ނިކުންނާނީ ޒަމާނުއްސުރެ އެ ކްލަބާ އެންމެ ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ