މާލެ: 31°C

ޕީޖީ ވިދާޅުވަނީ ބައްސާމް 12.4 މިލިއަން ޑޮލަރަށް ހިޔާނާތްތެރި ވެފައިވާ ކަމަށް

April 18, 2024
2 ފަހަރު ބަލާފައި
ޕީޖީ ވިދާޅުވަނީ ބައްސާމް 12.4 މިލިއަން ޑޮލަރަށް ހިޔާނާތްތެރި ވެފައިވާ ކަމަށް
ޕީޖީ ވިދާޅުވަނީ ބައްސާމް 12.4 މިލިއަން ޑޮލަރަށް ހިޔާނާތްތެރި ވެފައިވާ ކަމަށް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާގެ އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަނެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އެ އޮފީހުން ޝާއިރުކުރި މައުލޫމާތުތަކުގައިވަނީ އެފްއޭއެމަށް 2018 ވަނަ އަހަރުން ފެށިގެން އޮކްޓުބަރު 2023 އަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން 12.4 މިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދަނޑުތައް ކުއްޔަށް ދީގެން ވެސް އެފްއޭއެމަށް ފައިސާ ލިބޭ ކަމަށެވެ. ފީފާއިން ދޭ ފައިސާ ޑޮލަރުން ޖަމާކުރުމުން، އެފްއޭއެމުން ޑޮލަރު ވިއްކައިގެން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އެފް.އޭ.އެމްގެ އެކައުންޓުން އެފް.އޭ.އެމްގެ ރައީސް ގ.ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވެ އެވެ. ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "sales of dollars" ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވެއެވެ. މާލީ މުޢާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ ޕީޖީ އޮފީހުން ބުނެފައިވޭ އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަރޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަޙްޤީޤަށް ހޯދިފައިވާ ކަމުގައި ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން އެފްއޭއެމަށް ފުލުހުން ވަދެ ވަނީ ފާސްކޮށްފަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ވަނީ ޚިޔާނާތުގެ ދަޢުވާއާއި މަނީ ލޯންޑްރިންގގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ތަޙުޤީޤު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. އަދި ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް އޮތް މީހެއް ކަމަށާއި އެ މައްސަލަވެސް އޮތީ އޭސީސީ ތަޙުޤީޤު މަރުޙަލާގައި ކަމަށެވެ. އެ އޮފީހުން ބުނީ އެފް.އޭ.އެމްގެ ހުރިހާ ނިންމުންތައް ނިންމައި ހިންގުމާ ހަވާލުވެ ތިބެނީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީން ކަމަށާއި އެފްއޭއެމުގެ ފައިސާ އެތަނުގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާއިރު އެގްޒެކްޓިވް ކޮމިޓީން މިއިން އެއްވެސް ކަމެއް ބަލާފައިނުވާ ކަމަށެވެ. ބައްސާމް ވަނީ އެފްއޭއެމުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް ކޮވިޑްތެރޭގައި ފީފާއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ލޯނަކަށް ހިޔާނާތްވި މައްސަލާގައި ފީފާއިން ދަނީ ބައްސާމްގެ މައްސަލަ ބަލަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ކޯރަމް ހަމަނުކޮށް، އެފްއޭއެމުގެ އެންމެ ފަހުގެ ކޮންގްރެސް ބާއްވާފައިވާތީވެ، ފީފާއިން ވަނީ އެފްއޭއެމުގެ އިންތިހާބު ހުއްޓުވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ