މާލެ: 31°C

އޭޝިއަން ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ޖޯޑަން އަށް

February 7, 2024
37 ފަހަރު ބަލާފައި
އޭޝިއަން ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ޖޯޑަން އަށް
އޭޝިއަން ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ޖޯޑަން އަށް
އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ފައިލްގެ ފުރަތަމަ ޖާގަ ޖޯޑަން އިން ކަށަވަރު ކޮށްފިއެވެ. ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ގައި ޖޯޑަން ފައިނަލަށް ދަތުރުކުރީ ސައުތު ކޮރެއާ ގެ މައްޗަށް 2-0 ގެ ނަތީޖާއަކުން  ކުރިހޯދައިގެންނެވެ. ރޭގެ މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފައްދާފައިވަނީ ވެސް ޖޯޑަން އިންނެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ސައުތު ކޮރެއާއިންވެސް ޖޯޑަންގެ ގޯލަށް ނުރައްކާ ކުރެއެވެ. މެޗްގައި ޖޯޑަންގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 53 ވަނަ މިނެޓްގައި ޔަޒާން އަލް ނައިމާތު އެވެ. މުޅި މެޗްގައިވެސް އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ޔަޒާންގެ މި ލަނޑާއެކު ސައުތުކޮރެއާއިން ކުރިއަށްޖެހި ޖޯޑަންގެ ގޯލަށް ނުރައްކާކުރިއެވެ. ނަމަވެސް ކޮރެއާއަށް ގޯލެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް މެޗްގެ 66 ވަނަ މިނެޓްގައި ޖޯޑަންގެ ފޯވަޑް މޫސާ ސުލެއިމާން ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ. މި މުބާރާތުގައި ދެވަނަ ބުރުން ފެށިގެން ނޮކްއައުޓް ކޮންމެ މެޗެއްގައި ސައުތު ކޮރެއާ މޮޅުވެފައިވަނީ ފަހަތުން އަރައި އެއްވަރުކޮށްގެން އިތުރުވަގުތު ކުޅެގެން ކަމަށް ވިޔަސް ރޭގެ މެޗްގައި ސައުތުކޮރެއާއަށް އެ ނަތިޖާ ތަކުރާރު ކުރެވޭ ގޮތެއް ނުވިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ ރާއްޖޭގަޑިން 8:00 ގައި ބައްދަލުކުރާނީ އިރާން އާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެގަޑިން 8:00 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ