އެމެރިކާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ޑިފެންޑަރު ނައޯމީ ގްރިމާ ދުނިޔޭގެ ޓްރާންސްފަރގެ ރިކޯޑް އަދަދެއް ދިނުމަށްފަހު އިނގިރޭސިވިލާތުގެ ޗެލްސީއަށް އެ ޓީމުން ގެނެސްފިއެވެ.
އުމުރުން 24 އަހަރުގެ ގްރިމާ އެމެރިކާގެ ސެންޑިއެގޯ ވޭވް އެފް.ސީ އިން ޗެލްސީ އަށް ސޮއިކޮށްފައިވަނީ 1.1 މިލިއަން ޑޮލަރަށެވެ. މިއީ އަންހެން ފުޓްބޯޅަ ކުޅުންތެރިއެއްގެ ޓްރާންސްފަރ ޑީލެއް މިލިއަން ޑޮލަރުން ހެދި ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމުގެ ދަށުން ނައޯމީ 4 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޗެލްސީ އަށް ކުޅުމަށް ހަމަޖެހިފައިވެއެވެ.
ގްރިމާ ޗެލްސީ އަށް ގެނައުމަށް މި ހެދުނު އެއްބަސްވުމުގެ ކުރިން އަންހެން ފުޓްބޯޅަ ކުޅުންތެރިއެއްގެ ޓްރަންސްފާ ހަދާފައިވާ އެންމެ ބޮޑު އަގަކީ 788،000 ޑޮލަރަށެވެ. އެއީ ޒަމްބިޔާގެ ސްޓްރައިކަރު ރޭޗަލް ކުންދަނަންޖި މެޑްރިޑް ސީ.އެފް.އެފް އިން ބޭ އެފް.ސީ އަށް ބަދަލުވުމަށް ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.







