މާލެ: 31°C

3 އަހަރަށްފަހު އަރިއާނާ އާ އަލްބަމެއް ނެރެނީ

January 18, 2024
3 ފަހަރު ބަލާފައި
3 އަހަރަށްފަހު އަރިއާނާ އާ އަލްބަމެއް ނެރެނީ
3 އަހަރަށްފަހު އަރިއާނާ އާ އަލްބަމެއް ނެރެނީ
ހޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރިއާނާ ގްރާންޑޭ، 3 އަހަރަށްފަހު އާ އަލްބަމެއް ނެރެން އުޅޭކަން ހާމަކޮށްފިއެވެ. އޭނާގެ އިންޓަގްރާމްގައި ކުރި ފޯސްޓެއްގައި ބުނެފައިވަނީ "އިޓާނަލް ސަންޝައިން" ގެ ނަމުން ނަންދީފައިވާ މި އަލްބަމް ރިލީޒްކުރަނީ އަންނަ މާޗް މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ. "އިޓާނަލް ސަންޝައިން" ނެރުމުގެ ތައްޔާރީތައް ވަމުން އަންނައިރު، އެ އަލްބަމްގެ ލަވައެއް ކަމަށްވާ "ޔެސް، އެންޑް؟" ވަނީ ވީޑިއޯއާ އެކު އާންމުކޮށްފައެވެ. ނަމަވެސް މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ މި އަލްބަމްގައި ހިމެނެނީ ކިތަށް ލަވަ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅުގައި އޭނާ ވަނީ މި އަލްބަމްގެ ރެކޯޑިން ސްޓޫޑިއޯގެ ފޮޓޯތަކަކާއި ވީޑިއޯތަކެއް އޭނާގެ އިންޓަގްރާމްގައި ހިއްސާކޮށްފައެވެ. "ސީ ޔޫ ނެކްސްޓް އިޔާ" ކެޕްޝަންގެ ގޮތުގައި ޖަހައި، ކުރި މި ޕޯސްޓުގައި އަރިއާނާގެ ލަވަތައް އެހުމަށް ކެތް މަދުވެފައިވާ ކަމަށް ބުނެ ގިނަ ފޭނުންތަކެއް ވަނީ ކޮމެންޓު ވެސް ކޮށްފައެވެ.

މި އަލްބަމް އާ ގުޅޭ ގޮތުން މިހަތަނަށް އަރިއާނާ ހަމައެކަނި ބުނެފައިވަނީ އަލްބަމްގައި ދެ މޫޑެއްގެ ލަވަތައް ހިމެނޭނެ ކަމަށެވެ.

އެގޮތުން، ބައެއް މީޑިއާތަކުން އަންނަނީ އަރިއާނާގެ ކުރީގެ ފިރިމީހާ ޑަލްޓަން ގޯމޭޒް އާއި މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އީތަން ސްލޭޓާއާ ގުޅޭ ލަވަތަކެއް އަލްބަމްއިން އިވިގެން ހިނގައިދާނެ ކަމަށް ހަބަރު ފަތުރަމުންނެވެ.

އޭނާ 2021 ވަނަ އަހަރު ޑަލްޓަން އާއި ކައިވެނިކޮށް، ދެމީހުންގެ ކައިވެނި ރޫޅިފައިވާކަން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަންނަނީ ލަވަކިޔުމުގެ އިތުރުން، މިއަހަރުގެ ނޮވެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ "ވިކެޑް" ނަމަކަށް ކިޔާ ފިލްމެއްގައި ވެސް މަސައްކަތްކުރަމުންނެވެ. އަރިއާނާ 30، ގެ އެންމެ ފަހުގެ އަލްބަމަކީ 2020 ގައި ނެރެނު "ޕޮޒިޝަންސް" އެވެ. އޭނާ މިހާތަނަށް ހަ އަލްބަމް ނެރެފައިވާއިރު، އެންމެ ފުރަތަމަ އޭނާ އަލްބަމެއް ނެރުނީ 2013 ގައެވެ. އެއީ "ޓްރޫލީ ޔުއާސް" އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ