ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް"، ގެ ދަށުން ހިންގާ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ބައެއް ކަމަށްވާ "ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމު" ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގެދޮރު ބިނާކުރުމަށް އެހީ ދޭ "ހެލްޕް-ޓު-ބިލްޑް" ސްކީމުގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް"، ގެ ދަށުން ހިންގާ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ބައެއް ކަމަށްވާ "ހެލްޕް-ޓު-ބިލްޑް" ސްކީމުގެ ދަށުން ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ އެހީ ދޫކުރުމާ ގުޅޭ ގޮތުން އެކުލަވާލި އުސޫލު ނަންބަރު 30-ޖީ/2026، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ "ހެލްޕް-ޓު-ބިލްޑް" ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުގެ 11:00 އިން ފެށިގެން (29 ނޮވެންބަރު 2026) hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން އާންމު ކޮސްފައިވާ އުސުޅުގައި ބުނެފައިވާ ގޮތުން މި ސްކީމަކީ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އަމިއްލަ ބިމުގައި ގެދޮރު ބިނާނުކުރެވި ތިބި އާއިލާތަކަށް އެހީތެރިވުމުގެ މަގުސަދުގައި ފަށާ ސްކީމެއް ކަމަށާއި އެހެންކަމުން މި ސްކީމުގެ ދަށުން ލޯނު ނެގުމަށް ހަމަޖައްސައިދޭ އިކުއިޓީއަކީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޫކުރާ ހިލޭ އެހީއެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން 1 މިލިއަން ރުފިޔާގެ ގެދޮރު އިމާރާތްކުރުމުގެ ލޯނަކަށް ބޭނުންވާ 20 އިންސައްތައިގެ އިކުއިޓީއަށް ބަލައި، ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް ގިނަވެގެން 200,000 ރުފިޔާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެއް ބިމެއްގައި ގިނަ ވާރުތަވެރިންތަކެއް ގުޅިގެން އިމާރާތްކުރާނަމަ، ޝަރުތު ހަމަވާ ކޮންމެ ވެރިއަކަށް 200,000 ރުފިޔާގެ މަގުން އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަަށްވެސް އެ މިނިސްޓްރީން ބުނެއެވެ.







