ޅ. އަތޮޅު ނައިފަރާއި ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އަދި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ނައިފަރުން ހައްޔަރުކޮށްފައި ވަނީ އެރަށު ސޯސަންވިލާ / ޙަސަން ހުޝާމު (35އ) އާއި އެރަށު ކަދުވަލުގެ އާދަމް ނަޞީރު (32އ) ކަމަށެވެ.
މީގެ އިތުރުން އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި، އެރަށު ޝެހެނާޒްގެ / މުޙައްމަދު އަފްރާޙް (28އ) އެރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ހުޝާމު އަދި އާދަމް ނަޞީރު ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުޙައްމަދު އަފްރާޙް އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.







