މާލެ: 31°C

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

October 2, 2022
2 ފަހަރު ބަލާފައި
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ފަހުގެ އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން އުފަލާއިއެކު ފާހަގަކުރައްވާފައެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 މެނޭޖްކޮށް، އިޤްތިޞާދީ ޙާލަތު ކުރިއެކޭ އެއްހަމަޔަކަށް އިޢާދަކުރުމުން ރާއްޖެ ވަނީ އެހެން ޤައުމުތަކަށް ނަމޫނާ ޤައުމަކަށް ވެފައި ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަޙައްދީ ބައިވެރިޔާކަމުގައި ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ