އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް: ރައީސުލްޖުމްހޫރިއްޔާ

އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް: ރައީސުލްޖުމްހޫރިއްޔާ
ލިޔުން:
އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޅި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ޞިއްޙީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ޞިއްޙީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ފާހަގަކުރެވިފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޞިއްޙީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މިދައުރުގައި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަން ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުޙަލާތަކުގައި ހުރި ޞިއްޙީ ދާއިރާގެ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިޔަތް އޮތް ދުވަސްތަކުގައި ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގެ ބައިވެރިންނަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެއްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
