މާލެ: 31°C

ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި: ރައީސުލްޖުމްހޫރިއްޔާ

August 28, 2022
96 ފަހަރު ބަލާފައި
ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި: ރައީސުލްޖުމްހޫރިއްޔާ
ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ދިއްގަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި ދިއްގަރުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުމުގައި ދިއްގަރު ކައުންސިލުން ވަނީ، މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމާއި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިއްގަރު ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާ، ދިއްގަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭމިންވަރު އިތުރުކުރުން ހިމެނެއެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ އެމަނިކުފާނަށް ދިއްގަރަށް ވަޑައިގެންނެވުނު 3 ވަނަ ފަހަރުކަން ފާހަގަކުރައްވައި، ދިއްގަރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ދައުރުގައި ބާކީ އޮތީ އެއް އަހަރުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އަދި ކައުންސިލްތަކާއި އެކު މިގޮތަށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުން އެންމެ ބޭނުންވާކަންކަން ބައްލަވައިގެން ތަރައްޤީއަށް ހިންގޭ މަޝްރޫއުތައް ތަރުތީބު ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އިއްޔެ ހަވީރު ދިއްގަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދިއްގަރަށް ވަޑައިގެން އެރަށުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. ދިއްގަރު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ. މިވޮލީމެޗު ބެލުމަށް ދިއްގަރުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުން ހާޒިރުވިއެވެ. ރައީސުލްޖުމްހުރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެއަތޮޅު ވޭވަށަށާ، މުއްޔަށް ވަޑައިގަންނަވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ