މާލެ: 31°C

ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެ: ރައީސް ސޯލިހު

August 19, 2022
71 ފަހަރު ބަލާފައި
ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެ: ރައީސް ސޯލިހު
ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެ: ރައީސް ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލުން ވަނީ، ފޭދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާފައެވެ. ރަށުގެ ތަރައްޤީއަށް އަމާޒުކޮށް ވޭތުވެދިޔަ ސަރުކާރުތަކުން ހިންގައިފައިނުވާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް މިހާރު ވެސް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި ފޭދޫގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ވަނީ އެރަށުގެ ޒުވާނުނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްޤީކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުގައި އިތުރު ޕޮލިހުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައިވަނީ ދަންނަވާފައެވެ. މީގެ އިތުރުން މިހާރު ތަރައްޤީކުރަމުންދާ ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ. . ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ފޭދޫގައި ކުރިޔަށް ގެންދާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ