މާލެ: 31°C

ދެބެންގެ ދެދަރި ކުދީންނާ މުޢާމަލާތްކުރުން

December 24, 2024
2 ފަހަރު ބަލާފައި
ދެބެންގެ ދެދަރި ކުދީންނާ މުޢާމަލާތްކުރުން
ދެބެންގެ ދެދަރި ކުދީންނާ މުޢާމަލާތްކުރުން
އެއްގެއެއްގައި އުޅޭ، އެއްބަނޑު އެއްބަފާ މީހުންގެ ދަރީން (އެކުދީންނަކީ އެންމެ ގާތުން ކައިވެނި ޙަލާލު ކުދިންނަށް ވާތީ) އެއް ކުއްޖެއް އަނެއް ކުއްޖަކާ ވާހަކަ ދެއްކުން މަނާކޮށް، ގޭގައި ބާއްވާ އެއްވުންތަކާއި ޙަފްލާތަކުގައި ބައިވެރިނުކޮށް، ދާއިމީގޮތަކަށް މިހެން ގެންގުޅުމަކީ ހުއްދަވާނެކަމެއްތޯ؟ ޖަވާބު: ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަބަސްފުޅުގައި ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހެނީ ބައްޕަ ފަރާތު އަދި މަންމަ ފަރާތުގެ ވެސް ނަސަބުގެ ގޮތުން ގާތް މީހުންނާއެވެ. އޭގެ ތެރޭގައި ބަފައިންނާއި، މައިންނާއި، ކާފައިންނާއި، މާމައިންނާއި، ދަރީންނާއި ދަރީންގެ ދަރިންނާ މިހެންގޮތަސް ކިތަންމެ ދުރަށް ދިޔަކަމުގައިވިޔަސް މެއެވެ. އޭގެ ތެރޭގައި ބޭބެއިންނާއި އެބައިމީހުންގެ ދަރީންނާއި، ބައްޕަ ފަރާތު ބޮޑު ބޭބެއިންނާއި ބައްޕަފަރާތު ބޮޑު ދައިތައިންނާއި އެދެބައިމީހުންގެ ދަރީންނާއި، މަންމަފަރާތު ބޮޑު ބޭބެއިންނާއި މަންމަފަރާތު ބޮޑުދައިތައިންނާއި އެދެބައިމީހުންގެ ދަރީންވެސް ހިމެނެއެވެ. އެކަމަކު މި އެންމެންނާ ރަޙިމުގެ ގުޅުން ޤާއިމުކުރުމުގެ ނުވަތަ ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މާނައަކީ ކައިވެނިހެޔޮވާ މީހުންނާ އެކަހެރިވެ، މަޖާކޮށް ސަކަރާތްޖަހާ ހެދުން ހުއްދަވުމެއް ނޫނެވެ. އަދި ވަދެނުކުމެ އުޅުމާއި ނިވާނުކޮށް އުޅުން ހުއްދަވުމެއް ނޫނެވެ. އެހެނީ ފިރިމީހާގެ ކޮއްކޮ ނުވަތަ ބޭބެގެ ކުރިމަތީގައިވެސް އަނބިމީހާ ބުރުގާއަޅާ ނިވާވާން ޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ ) ، فَقَالَ رَجُلٌ مِنَ الأَنْصَارِ: يَا رَسُولَ اللهِ، أَفَرَأَيْتَ الْـحَمْوَ ؟ ، قَالَ: (الْـحَمْوُ الْـمَوْتُ) [رواه البخاري (5232) ، ومسلم (2172)] ”ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެ ތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވާށެވެ.“ އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ ”ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެ ގާތަށް ވަދެނިކުމެ އުޅުމާމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟“  ޙަދީޡްކުރެއްވިއެވެ. ”ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ“ މަރެވެ ޙަދީޘްކުރައްވާފައި އޮތުމުން އޭގެ މާނަކީ އެއީ ހަލާކެވެ. ނުރައްކާ ކަމެކެވެ. އެހެނިހެން ހިލޭ ފިރިހެނުންނަށް ބިރުގަންނަން ޖެހޭ ވަރަށް ވުރެ މި މީހުންނަށް ގަންނަން ޖެހޭ ބިރު ބޮޑުކަމެވެ. الْـحَمْوُ އަކީ ފިރިމީހާގެ ޢާއިލީގޮތުން ގާތް ފިރިހެނުންނެވެ. އެއީ މިސާލަކަށް ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނުންނާއި، ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނުންގެ ފިރިހެން ދަރީންނާއި، ބޮޑުބޭބެގެ ފިރިހެންދަރީންނެވެ. އެއީ އަނބިމީހާގެ މަޙްރަމުންނެއް ނޫނެވެ. އެއްގޭގައި ދިރިއުޅުނު ކަމުގައިވިޔަސް ދެބެންގެ ދެދަރި ކުދީންނަކީ މަޙްރަމުންނެއް ނޫނެވެ. ވީމާ، އެކުދީން ދެޖިންސުގެ ދެ ކުއްޖަކު، އެކަހެރިވުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ދެބެންގެދެދަރި އަންހެންކުއްޖަކު ބުރުގާނާޅާ ދެބެންގެދެދަރި ފިރިހެން ކުއްޖެއްގެ ކުރިމަތީގައި އުޅުމަކީ ހުއްދަކަމެއް ނޫނެވެ. ދެޖިންސުގެ ދެބެންގެ ދެދަރީ ކުދީން އެއްކޮށް ކުޅެން އުޅުން ހުއްދަވާނެތޯ، ޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދާ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވިއެވެ. “ދެޖިންސުގެ ދެބެންދެ ދެދަރީ ކުދީންނަކީ ބާލިޣުނުވާ، (ޝަހުވަތުގެ ޢުމުރަށް ނުފޯރާ) އެފަދަ ކަމެއް ހިނގުމުގެ ބިރުވެރިކަމެއް ނެތް ކުދީންތަކެއް ނަމަ އެކުދީން އެކުގައި ކުޅެހެދުމުގައި މައްސަލައެއްނެތެވެ. އެއީ ބޮޑެތި ކުދީންނަމަ އެކުގައި ކުޅެހެދުން ހުއްދަވެގެންނުވެއެވެ. އެހެނީ އެކުދީންނަކީ މަޙްރަމުންނެއް ނޫނެވެ. އަދި އެ އަންހެންކުދީންގެ ކުރިމަތީގައި ފިރިހެންކުދީން ނަކީ ހިލޭފިރިހެނުންނެވެ.” ވީމާ، ޚުލާޞާގޮތެއްގައި ބުނެވޭނީ، އެއްގެއެއްގެ ތެރޭގައި އުޅޭ ދެބެންގެދެދަރި ކުދީންނަކީ ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ ކުދީންނެވެ. ގޭތެރޭގައި ބާއްވާ ޢާއިލީ އެއްވުންތަކާއި ޙަފްލާތަކުގައި އެއީ އިސްލާމީ ޝަރްޢީ އިމުގެ ތެރޭގައި ބާއްވާ ކަންކަން ކަމުގައިވާނަމަ އެކުދީން ބައިވެރިކުރެވިދާނެއެވެ. އަދި އެކަމުގައި ރައްކާތެރިވާންޖެހޭނީ އިދިކޮޅު ޖިންސާއި އެކަހެރިވުމާއި ނިވާނުކޮށް އުޅުންފަދަ ކަންކަމާމެދުގައެވެ. ވަﷲ އަޢުލަމު.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ