މާލެ: 31°C

އިރު އޮއްސޭ ވަގުތު ކުޑަކުދީން ބޭރަށް ނެރުން

December 15, 2024
2 ފަހަރު ބަލާފައި
އިރު އޮއްސޭ ވަގުތު ކުޑަކުދީން ބޭރަށް ނެރުން
އިރު އޮއްސޭ ވަގުތު ކުޑަކުދީން ބޭރަށް ނެރުން
އިރު އޮއްސޭ ވަޤުތު ކުޑަކުދީން ބޭރަށް ނެރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެކެވެ. ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ ، فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ ، فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ ، وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا ، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ ) رواه البخاري (3280) ومسلم (2012) މާނައީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ތިޔަބައިމީހުންގެ ކުދީން (ގެއިން ނުކުތަނުދީ) ހިފަހައްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް އެވަގުތު (ބިންމަތީ) ފެތުރިގަނެއެވެ. ފަހެ ރޭގަނޑުން ބައެއް ދިޔުމުން (ޢިޝާނަމާދު ވަޤުތުވުމުން) އެކުދިން ދޫކޮށްލާށެވެ. އަދި ބިސްމިﷲ ކިޔުމަށްފަހުގައި ދޮރުތައް ލައްޕާށެވެ. ފަހެ (އެގޮތަށް) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި ބިސްމިﷲ ކިޔުމަށް ފަހު ފެން ކަންވާރުތަކުގެ މަތިތައް ބާރުކުރާށެވެ. (މަތިތައް ޖަހާށެވެ.) އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ކަންވާރުތަކުގައި މަތިޖަހައި ނިވާކުރާށެވެ. އެއީ އޭގެ މަތީގައި (ކުޑަނަމަވެސް) އެއްޗެއް ބާއްވާލައިގެން ނަމަވެސްމެއެވެ. އަދި ތިޔބައިމީހުން ބައްތިތައް ނިވާލާށެވެ.” އަދިވެސް ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ، فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ) . وروى مسلم (2013) މާނައީ: ” އިރު އޮއްސިއްޖެނަމަ، ތިޔަބައިމީހުންގެ ނަޢަމުސޫފިތަކާއި ދަރީން ރޭގަނޑުގެ އަނދިރިކަމުގެ ކުރީކޮޅު ފާއިތުވެއްޖެއުމަށް ދާންދެން ދޫނުކުރާށެވެ. ފަހެ ހަމަކަށަވަރުން އިރު އޮއްސިއްޖެނަމަ، ރޭގަނޑުގެ އަނދިރި ކަމުގެ ކުރީކޮޅު ފާއިތުވެއްޖައުމަށް ދަންދެން ޝައިޠާނުން ބިންމަތީގައި ފެތުރިގަނެއެވެ.” މިކަމުގެ ޙިކުމަތަކީ ކޮބާ؟ ޝައިޠާނުންގެ ކިބައިން ރައްކާތެރިކުރާ އައްޑަނައަކީ ޛިކްރެވެ. ކުދީންނަކީ މި ރައްކާތެރިކަން ހޯދުމުގެ ކުޅަދާނަކަށް ލިބިގެން ނުވާ ބަޔެކެވެ. ޝައިޠާނުން ފެތުރިގަންނަ ވަޤުތުގައި އެސޮރުމެންނަށް ފަސޭހައިން އަތުޖެހޭ، ގޯނާކުރެވޭ ޙިސާބުގައި، އެއްވެސް ރައްކާތެރިކަމެއް ނެތި ހުރުމަކީ އެފަދަ އުނދަގޫތައް ކުރިމަތިވެދާނެ ސަބަބަކަށްވާތީ އެކަން ނަހީކުރެއްވީއެވެ. އަދި ޝައިޠާނުން ގިނަ ވަގުތަކަށް އެވަގުތު ވެފައިވުމާއެކު، ކުއްޖަކަށް ކުރެވޭ ކަމެއްގެ ސަބަބުން މިސާލަކަށް އެއްލޭ އެއްޗެއްގެ ސަބަބުން އޭގެން އެއްޗަކަށް ގޯނާކުރެވި، އޭތީގެ އުނދަގޫ އެ ކުއްޖަކަށް ފޯރުންވެސް އެކަށީގެންވެއެވެ. އިރު އޮއްސުމުން ޝައިޠާނުން ފެތުރިގަންނަނީ ކީއްވެ؟ އެއީ އެސޮރުމެން ޙަރަކާތްތެރިވުން، ދުވާލަށް ވުރެ ރޭގަނޑު ފަސޭހަވާތީއެވެ. ޝައިޠާނީ ބާރުތަކަށް އަނދިރި ވަޤުތު ތަކަކީ އެހެން ވަޤުތުތަކަށްވުރެ ފަސޭހަ، ޝައއިޠާނުން ލޯބިކުރާ ވަޤުތުތަކެކެވެ. އަދި ކަޅުކުލަ އަކީވެސް ޝައިޠާނުން ލޯބިކުރާ ކުލައެކެވެ. (ބައްލަވާ” فتح الباري ” (6/341)) އެވަޤުތު ފެށެނީ އަދި ނިމެނީ ކޮން އިރަކު؟ ނަހީގެ ވަޤުތު ފެށެނީ އިރު އޮއްސުމުންނެވެ. އަދި ނިމެނޭ ޢީޝާ ނަމާދު ވަޤުތު ވަނުމުންނެވެ. ނެރުން ނަހީވެފައިވަނީ ކޮން ޢުމުރެއްގެ ކުދިންނެއް؟ ތަންދޮރު ނޭނގޭ ވަރުގެ ކުޑަކުދިންނެވެ. ޢާއްމުގޮތެއްގައި ޢިލްމުވެރިން ވިދާޅުވަނީ 7 އަހަރުން ދަށުގެ ކުދީން ކަމަށެވެ. މިކަމުގެ ޙުކުމަކީ ކޮބާ؟ އެއީ މުސްތަޙައްބު ކަމެކެވެ. ވާޖިބެއް ނޫނެވެ. ޘާހިރީ މަޛްހަބުގައި ވާޖިބެކެވެ. (ބައްލަވާ ” الفروع ” (1/132) ، ” فتح الباري ” (11/87) ” فتاوى اللجنة الدائمة ” (26/317) ) ދަރިފުޅު ގޮވައިގެން މިސްކިތަށް މަޣްރިބް ނަމާދަށް ދާ ނަމަ ..؟ ނަހީވެފައިވަނީ ކުދީން އެކަނި ދޫކޮށްލުމެވެ. ބޮޑު މީހަކާއެކު މިސްކިތަށްދާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. އިރު އޮއްސުނު ވަގުތު ކުދީން ބޭރުގައި ތިބި ނަމަ …؟ އައުލާވެގެންވަނީ ވީހާ އަވަހަކަށް ގެއަށް ވެއްދުމެވެ. ދުރުތަނެއްގައި ތިބި ނަމަ އަވަހަށް ގެއަށް ގެނައުމެވެ. އަނދިރިކަން ފެތުރިގަންނަ ވަގުތުގައި ބޭރުގައި ތިބުމުން ލިބިދާނެ ޝައިޠާނީ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ