މާލެ: 31°C

ކައިވެނި ކުރުމަށް މައިންބަފައިން ނުޤަބޫލުވުން

December 4, 2024
2 ފަހަރު ބަލާފައި
ކައިވެނި ކުރުމަށް މައިންބަފައިން ނުޤަބޫލުވުން
ކައިވެނި ކުރުމަށް މައިންބަފައިން ނުޤަބޫލުވުން
ސުވާލު: ވަރަށް ފަހުން އިސްލާމްވި އަންހެން ކުއްޖަކާއި އަހަރެން ތަޢާރަފްވެ، އަހަރެމެން ދެމީހުން ކައިވެނި ކުރުމަށް އެއްބަސްވީމެވެ. އެކަމަކު އަހަރެންގެ ޢާއިލާ މިކައިވެންޏަށް ވަރަށް ބޮޑަށް ދެކޮ ހަދައެވެ. އަހަރެންގެ ސުވާލަކީ މައިންބަފައިންނަށް ދަރިއެއްގެ ކައިވެންޏަށް ބާރު ފޯރުވެވޭނީ ކިހާވަރަކަށްތޯ އެވެ؟ އަދި މިކަމުގައި އެދެމީހުންގެ ނިންމުމާ އަހަރެން ޚިލާފު ވެއްޖެ ނަމަ އަހަރެން ފާފަވެރި ވާނެތޯ އެވެ؟ ޖަވާބު: މައިންބަފައިން ދަރިންގެ ކައިވެންޏަށް ދެކޮޅު ހަދާ ޙާލަތްތަކެއްވެއެވެ، އޭގެތެރޭގައި: 1- ދަރި އަމިއްލައަށް އިޚްތިޔާރު ކުރާ އެއްވެސް ކުއްޖަކާ މެދު އެއްބަސް ނުވުން. 2- ޝަރްޢީ ސަބަބުތަކާއި ހެދި ދަރި އިޚްތިޔާރު ކުރާ ކުއްޖަކާމެދު އެއްބަސް ނުވުން، އޭގެ ތެރޭގައި އެ އަންހެން ކުއްޖަކީ އަޚްލާޤު ރަނގަޅު ކުއްޖަކަށް ނުވުން ނޫނީ މުސްލިމަކު ކަމުގައި ނުވުން. (އެއީ އިސްލާމް ދީނުގައި ނަޞާރާ ނުވަތަ ޔަހޫދީ ދީނުގެ އަންހެނަކާއި ކައިވެނި ކުރުން ހުއްދަ ކަމެއްކަމުގައި ވިޔަސް މެއެވެ.) 3- އެއްވެސް ޝަރްޢީ ސަބަބެއް ނެތި ދުނިޔަވީ ނުވަތަ އަމިއްލަ އެދުމެއްގެ ސަބަބުން ދަރި އިޚްތިޔާރު ކުރާ ކުއްޖަކާ މެދު އެއްބަސް ނުވުން، އޭގެތެރޭގައި އެ ކުއްޖަކީ ބުރު ސޫރަ ރީތި ކުއްޖަކަށް ނުވުމާއި ހަސަބާއި ނަސަބު ރަނގަޅު ކުއްޖަކަށް ނުވުމާއި، ކުއްޖާ މާ ބޮޑަށް ގަޔާވާ ކުއްޖަކަށް ނުވުމާއި ކައިވެނި ނުކުރެވުނު ކަމުގައި ވިޔަސް ޙަރާމް ކަމަކަށް އަރައި ގަނެވޭނެ ކަމުގެ ބިރު ނެތުން ހިމެނެއެވެ. 4- މަތީގައި އެވާ ތިންވަނަ ޙާލަތުގައި ވާފަދައިން އެކަމަކު މިޙާލަތުގައި އެއަންހެން ކުއްޖާ އަކީ ފިރިހެން ކުއްޖާ ވަރަށް ބޮޑަށް ގަޔާވާ/ ފިރިހެން ކުއްޖާއަކީ އަންހެން ކުއްޖާ ވަރަށް ބޮޑަށް ގަޔާވާ ކުއްޖަކަށް ވުމާއި ކައިވެނި ނުކުރެވިއްޖެ ނަމަ ޙަރާމް ކަމަކަށް އަރައި ގަނެވިދާނެ ކަމުގެ ބިރު ހީވުން. 5- މައިންބަފައިން އިޚްތިޔާރު ކުރާ ކުއްޖަކާ ކައިވެނި ކުރުމަށް މަޖުބޫރު ކުރުން، އެއީ އިޚްތިޔާރުކުރާ ކުއްޖާއަކީ ދީން ވެރި ބުރު ސޫރަ ރީތި ކުއްޖަކު ކަމުގައި ވިޔަސް މެއެވެ. މަތީގައިވާ ޙާލަތްތަކަށް ރިޢާޔަތްކޮށް ނެގޭނެ ޙުކުމް ތަކަކީ: ދަރިއަކަށް މައިންބަފައިންނަށް ކިޔަމަންވުން ވާޖިބު ވާނެ ޙާލަތްތަކާކީ؛ ދެވަނަ އަދި ތިންވަނަ ޙާލަތެވެ. ދެވަނަ ޙާލަތުގައި މައިންބަފައިންނަށް ކިޔަމަންވުން ވާޖިބުވާނެކަން ވަރަށް ސާފެވެ. ސަބަބަކީ އެކައިވެންޏައިގެން ކުރިއަށް ގޮސްފިނަމަ ކުއްޖާ އަށް އޭގައި ގެއްލުމެއް ލިބި އަދި މައިންބަފައިންނަށް ވެސް މިކައިވެނީގެ ސަބަބުން އަސަރުތަކެއް ކޮށްފާނެތީއެވެ. ތިން ވަނަ ޙާލަތުގައި އެކައިވެނި ކުއްޖާގެ މައްޗަށް ވާނީ މުބާޙު (ހުއްދަ) ކަމަކަށެވެ. އެހެނީ ކުރުމާއި ނުކުރުން ހަމަހަމަ ކަމަކަށެވެ. އެހެނަސް މިޙާލަތުގައި މައިންބަފައިންނަށް ކިޔަމަންތެރިވުން އެއީ ވާޖިބެއްކަމުގައި ވުމުން، ވާޖިބު މުބާޙުގެ މައްޗަށް އިސްވާނެތީވެ އެކައިވެނި ނުކޮށް ހުރެ މައިންބަފައިންނަށް ކިޔަމަންވުން ވާނީ ވާޖިބު ކަމަކަށެވެ. ދަރިއަކަށް މައިންބަފައިންނަށް ކިޔަމަންވުން ވާޖިބު “ނުވާނެ” ޙާލަތްތަކާކީ: ފުރަތަމަ، ހަތަރުވަނަ އަދި ފަސްވަނަ ޙާލަތެވެ. މިޙާލަތްތަކުގައި މައިންބަފައިންނަށް ކިޔަމަންވުން ވާޖިބެއް ނުވާނެއެވެ. ފަހެ އިންނާނެ ކުއްޖަކު އިޚްތިޔާރު ކުރުން އެއީ ދަރީންގެ ޙައްޤެކެވެ. މައިންބަފައިންގެ ޙައްޤެއް ނޫނެވެ. އެހެންނަމަވެސް ބައެއް ޙާލަތްތަކުގައި މައިންބަފައިންގެ ނުފޫޒު ފޯރުވެވިދާނެއެވެ. އެހެނަސް ހުރިހާ ޙާލަތެއްގައެއް ނޫނެވެ. ފަހެ ދަރިފުޅު އިޚްތިޔާރު ކުރާ ކުއްޖާ އަކީ ދީންވެރި ޚުލްޤު ހެޔޮ ކުއްޖެއްތޯ ބެލުމެއްނެތި ކައިވެނި ކުރުން މަނާކުރުން މިއީ އޭގައި އެއްވެސް ހަމައެއް ލަމައެއް ނެތް ކަމެކެވެ. އަދި މިޙާލަތުގައި އެދެމީހުންނަށް ކިޔަމަންވުމެއްވެސް ދަރީންގެ މައްޗަކަށް ނުވެއެވެ. ހަމަ އެހެންމެ ދަރި ގަޔާވާ ކުއްޖަކު ހުރެ، އެކުއްޖާއާ ކައިވެނި ނުކޮށް ހުރެއްޖެނަމަ ޙަރާމް ކަމަކަށް އަރައި ގަނެވިދާނެ ކަމުގެ ބިރު ހީވާކަމުގައި ވަނީ ނަމަ ވެސް މައިންބަފައިން ކައިވެންޏާ ދެކޮޅު ހަދާ ނަމަ އެދެމީހުންނަށް ކިޔަމަން ވުމެއް ނެތެވެ. އެހެނީ އެކަމުގެ ސަބަބުން އިސްލާމް ދީން އެކަންކަން މަނާކުރުމަށްޓަކައި އައި، ފިތުނައާއި ޙަރާމް ކަންކަމަށް މަގު ފަހިވެގެން ދާތީއެވެ. ހަމަ އެގޮތަށް ފަސްވަނަ ޙާލަތުގައި ވާހެން، މައިންބަފައިން އިޙްތިޔާރު ކުރާ އަންހެން ކުއްޖަކާއި ކައިވެނި ކުރުން މަޖުބޫރު ކުރުން، މިޙާލަތުގައި ވެސް އެދެމީހުންނަށް ކިޔަމަން ވުމެއް ނުވެއެވެ. މިޙާލަތުގެ މިޘާލަކީ ހަމަ ކާބޯތަކެތީގެ މިޘާލެވެ. ފަހެ އޭނާ ކާންބޯން ބޭނުންވާ އެއްޗެއް އިޚްތިޔާރު ކުރުން ވަނީ އޭނާއަށެވެ. އެދެމީހުންނަށް އެކަމަށް ބާރެއް ނުފޯރުވޭނެއެވެ. އިބްނުލް މުފްލިޙް ރަޙިމަހު ﷲ ވިދާޅުވެފައި ވެއެވެ: “ދަރި ބޭނުން ނުވާ މީހަކާ ކައިވެނި ކުރުމަށް މަޖުބޫރު ކުރުމެއް މައިންބަފައިންނަކަށް ނުވެއެވެ. އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ވިދާޅުވެފައި ވެއެވެ: މައިންބަފައިންގެ ތެރެއިން އެކަކަށް ވެސް ދަރި ނުރުހޭ މީހަކާ ކައިވެނި ކުރުން މަޖުބޫރު ކުރުމީ އެމީހުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި ދަރި އެކަމަށް އެއްބަސްނުވި ނަމަވެސް ދަރީގެ ބޮލުގައި ފާފައެއް ނޭޅޭނެއެވެ. އެހެނީ އެހެނިހެން ބައިވަރު ކާނާ ހުއްޓައި މީހަކަށް ކަމުނުދާ ކާނާއެއް މަޖުބޫރުން ކާންދިނުން މިއީ އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤެއް ނޫނެވެ. ކައިވެންޏަކީ ވެސް ހަމަ މިކަހަލަ ކަމެކެވެ. އަދި އެއަށްވުރެވެސް އައުލާ ވެގެންވާ ކަމެކެވެ. މީހަކަށް ގަދަކަމުން މަޖުބޫރުން ކާންދެވޭ ތަކެތީގެ އަސަރު ދެމިގެން ދާނީ ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް މަޖުބޫރުން ކައިވެނިކުރުވާ، ދެމީހަކު އެކުގައި އުޅުމަށް މަޖުބޫރު ކުރުމީ، އެކަމުން ދެފަރާތަށްވެސް ގެއްލުން ލިބޭ އަދި އަދި އެ އެކަކު އަނެކަކު ދޫކޮށް ދިޔުމުގައިވެސް އުނދަގޫތަކެއް ވާކަމެކެވެ.” (އާދާބުއް ޝަރްޢިއްޔާ 1/447) މިކަންތައް ތަކަށް ރިޢާޔަތްކޮށް ބުނެވޭނީ: އެއަންހެން ކުއްޖާ އިސްލާމްވެ، ހެޔޮލަފާ ރަނގަޅު މުސްލިމެއް ކަމުގައި ވެ އަދި ތިބާ ގަޔާވާ ކުއްޖެއްކަމުގައި އޭނަވެ އަދި ތިބާ އޭނާއާއި ކައިވެނި ނުކޮށް ހުރެއްޖެނަމަ ޙަރާމް ކަމަކަށް އަރައި ގަނެވިދާނެ ކަމުގެ ބިރު ތިބާއަށް ހީވާ ކަމުގައި ވާނަމަ: ދެވޭނެ ޖަވާބަކީ ތިބާގެ ޢާއިލާ ޤަބޫލު ނުވިކަމުގައި ވިޔަސް އެއަންހެން ކުއްޖާއާ ކައިވެނި ކުރުމެވެ. އަދި ވަކިން ޚާއްޞަކޮށް އެއީ ތިބާ އެއަންހެން ކުއްޖާއަށް ދީނުގެ ކަންކަން އޮޅުންފިލުވައިދޭނެ އެހެން ފަރާތެއް ނުވާނަމަ އެކުއްޖާގެ ދީނާއި މެދު ބިރުވެތި ވާނަމައެވެ. އަދި ތިބާއަށް ނަޞޭހަތްތެރިވަނީ ތިބާގެ މައިންބަފައިންގެ ރުހުން މިކަމަށް ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށް، އެދެމީހުންނަށް ކިޔަމަންތެރިވުމުގެ ހެޔޮ ކަމާއި ތިބާގެ ހިތް ގަޔާވާ ފަރާތަކާއި ކައިވެނި ކުރުމުގެ ހެޔޮކަން، ދެކަންތައް އެއްކޮށް ލިބިގަތުމަށެވެ. އަދި އެދެމީހުންނަށް ނޭނގި ވެސް ތިބާއަށް ކައިވެނި ކުރުން ހުއްދަ ވެގެންވެއެވެ. އަދި ދަންނާށެވެ! ތިބާއަށް ތިބާ ބޭނުންވާ ފަރާތަކާއި ކައިވެނި ކުރެވޭ އިރުގައި އަދި މައިންބަފައިންނަށް މިކަމުގައި ކިޔަމަންވުން ތިބާގެ މައްޗަށް ނުވާ ހިނދު، ތިބާ އެދެމީހުންގެ ބަދު ދުޢާއާއި އެދެމީހުން ތިބާއާމެދު ހިތްހަމަ ނުޖެހިދާނެ ކަމާމެދު ތިބާ ބިރުވެތި ނުވާށެވެ! އެހެން ކުރާ ބަދުދުޢާ އަކީ ފާފަވެރިވާނެކަމެކެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާ އެދެމީހުންނަށް ކަމޭ ހިތާހާ ހިނދަކު އެދުޢާ އިޖާބަ ނުކުރައްވާ ހުއްޓެވެ. އިންޝާ ﷲ. އަދި ތިބާ އެދެމީހުންގެ އެދުމާއި ޚިލާފަށް ކައިވެނި ކުރިކަމުގައި ވިޔަސް ފާފަ ވެރިއެއް ނުވާނެއެވެ. ދެވަނަ ކަމަކަށް: ތިބާ ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ ވަލީ އަކާއި ނުލައި ތިބާއަށް އެއަންހެންކުއްޖާ އާއި ކައިވެނި ކުރުން ހުއްދަ ނުވާނެކަމެވެ. ފަހެ އެއަންހެންކުއްޖާގެ ޢާއިލާގެ ތެރޭގައި މުސްލިމަކު ވާނަމަ އެމީހެއްގެ ވަލީ މިކައިވެންޏަށް ބޭނުންވާނެ އެވެ. އަންހެން ކުއްޖާ އިސްލާމް ވިކަމުގައި ވިޔަސް ކާފަރަކަށް ވަލީ ވެރިއަކަށް ނުވެވޭނެ އެވެ. އޭނާގެ ޢާއިލާގައި މުސްލިމަކު ނުވާ ނަމަ، އޭނަގެ ވަލީއާ ޙަވާލުވާ ހުށީ މުސްލިމުންގެ ތެރެއިން މީހެކެވެ. މިޘާލަކަށް ޝަރްޢީ ޤާޟީ އެއް، މުފްތީއެއް ނުވަތަ އިސްލާމީ މަރުކަޒެއްގެ އިމާމެކެވެ. ކޮންމެ ޙާލަތެއްގައިވެސް އަންހެން ކުއްޖާއަށް ވަލީއާ ނުލައި ކައިވެނި ކުރުން ހުއްދަވެގެނެށް ނުވެއެވެ. والله أعلم- މިއީ މި ލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. https://islamqa.info/ar/answers/98768/

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ