މާލެ: 31°C

ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު މަރުވާމީހާއަށް ޚާއްޞަކަމެއް ލިބިގެންވޭތަ؟

November 22, 2024
2 ފަހަރު ބަލާފައި
ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު މަރުވާމީހާއަށް ޚާއްޞަކަމެއް ލިބިގެންވޭތަ؟
ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު މަރުވާމީހާއަށް ޚާއްޞަކަމެއް ލިބިގެންވޭތަ؟
ލިޔުއްވީ ޝެއިޙް މުޙައްމަދު ޝާފިޢު ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ މީހާއާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްމަގެ ޙަދީޘްފުޅެއް އައިސްފައިވެއެވެ. عن عبد الله بن عمرو رضي الله عنهما قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) رواه الترمذي (1074)، ޢަބްދުﷲ ބުން ޢަމްރޫ ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ، މާތް ﷲ އެމީހާ ކަށްވަޅުގެ ފިތުނައިން މިންޖުނުކުރައްވާ އެއްވެސް މުސްލިމަކު މަރުވާކަމުގައި ނުވެއެވެ.” ގިނަ ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި މި ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. ވީމާ، ހުކުރު ދުވަހަކީ މާތް ދުވަހެއް ކަމުގައިވިޔަސް، ހުކުރު ދުވަހުގައި މަރުވުމަކީ ވަކި ޚާއްޞަކަމެއް ލިބޭ ކަމެއް ނޫނެވެ. އަދި ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގައި މަރުވާމީހާވެސް، ހަމަ އެހެން ދުވަސްތަކުގައި މަރުވާ މީހުން ފަދައިން ކަށްވަޅުގެ އިމްތިޙާނުން އިމްތިޙާނު ކުރެވޭނެއެވެ. މީހާގެ މަރު އެއީ ރަނގަޅު މަރަކަށްވުމުގައި މީހަކު ވަކި ވަގުތެއްގައި ނުވަތަ ވަކި ދުވަހެއްގައި މަރުވުމެއް ނުބެލެވޭނެއެވެ. އެހެނީ މީހާގެ މަރު އެއީ ރަނގަޅު މަރެއްކަމުގައިވާނީ އެމީހާގެ ޢަމަލުތައް ސީދާވެގެންނެވެ. ފާފަވެރިޔަކު ފާފައިގެ މަތީގައިވެސް ހުކުރު ދުވަހު މަރުވެދާނެއެވެ. ޞަޙާބީ ބޭކަލުންގެ ކިބައިން، އެބޭކަލުން ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގައި މަރުވުމަށް އުންމީދުކުރެއްވިކަން ޘާބިތުވާކަށް ނެތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ