މާލެ: 31°C

އާ މަޖިލިސް ހުވާކުރުމާއި މަޖިލީހުގެ ރައީސް ހޮވާ ޖަލްސާ މާދަމާ، ރިޔާސަތުގައި އިންނަވާނީ ސިޔާމް

May 27, 2024
2 ފަހަރު ބަލާފައި
އާ މަޖިލިސް ހުވާކުރުމާއި މަޖިލީހުގެ ރައީސް ހޮވާ ޖަލްސާ މާދަމާ، ރިޔާސަތުގައި އިންނަވާނީ ސިޔާމް
އާ މަޖިލިސް ހުވާކުރުމާއި މަޖިލީހުގެ ރައީސް ހޮވާ ޖަލްސާ މާދަމާ، ރިޔާސަތުގައި އިންނަވާނީ ސިޔާމް
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އާ މެންބަރުންގެ ހުވާ ކުރުމާއި މަޖިލީހުގެ ރައީސް އަދި ނައިބުރައީސް ހޮވާ ޖަލްސާ މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ. 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު، އާ މަޖިލީހަށް މެންބަރުން އިންތިހާބުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އާ މެންބަރުން ހުވާކުރުމުގެ ރަސްމިެއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރެވެ. އަދި އެއަށްފަހު ފުރަތަމަ ޖަލްސާ ހެނދުނު 10:15 ގައި ފަށާއިރު އެންމެ ފުރަތަމަ މަސައްކަތަކަށް އޮންނާނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުން ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ. އެގޮތުން، މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު ސިޔާމް ކަމަށެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކުރަންވާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެއް ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ، ރިޔާސަތު ބަލަހައްޓާނީ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އެގޮތުން އެޕާޓީން ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބުރައީސްގެ މަގާމަަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް ހޮވުމަށް ނިންމާފައެވެ. އާ މަޖިލީހުން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. މާދަމާ އާ މަޖިލިސް ހުވާކުރަން ތައްޔާރުވަމުން އަންނައިރު، އިންތިހާބީ މެންބަރުން މަޖިލީހުގެ މާހައުލަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ