ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހިފެހެއްޓުމަށް އިސްލާހް ހުށަހަޅަނީ

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހިފެހެއްޓުމަށް އިސްލާހް ހުށަހަޅަނީ
ލިޔުން:
ސަރުކާރުގެ ސިޔާސީމަގާމުތައް އެއްވަރެއްގައި ހިފެހެއްޓުމަށް، އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން އިސްލާހުތަކެއް ހުށަހެޅުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، އަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ފެނިގެން މި ދަނީ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ އަދަދު އިންތިހާއަށް ގިނަވަމުންދާތަން ކަމަށެވެ.
ހާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އަދި އެފެންވަރުގެ ބޭފުޅުންނަށް އިތުރު މަގާމުތައް އުފައްދަވަމުންދާކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބަލާއިރު މިކަމަކީ މައްސަލައެއްގެ ގޮތުގައި ފެންނަ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިކަން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނޭ ކަމަށާއި، މިއީ ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ހިފެހެއްޓިފައި އޮންނަން ޖެހޭނެ އަދަދުތަކެއް ކަމަށް ކަނޑައެޅުމަށް އެމްޑީޕީއާ ޑިމޮކްރެޓްސްއަށް އެއްބަސްވެވޭތީވެ، އެކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ ސަރުކާރު ކުންފުނިތައް އުފެއްދުމަށް ވަކި އުސޫލެއް ގާއިމްކުރެވިފައި ނެތުމުން އޭރެއްގައި އެ އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ކުންފުނިތައް އުފައްދައި އެތަންތަނަށް މީހުން އައްޔަނުކުރަމުންދާކަމަށެވެ.
މިއީ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ވާ ކަމެއްކަން ފާހަގަކުރަމުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދޭނެ ގޮތާއި، އަދި އެ ރެގިއުލޭޓްކުރެވޭނެ ގޮތް ގާނޫނަކުން ބަޔާންކުރާ ގޮތަށް އޮންނަން ފެންނާތީވެ ދެޕާޓީން ގުޅިގެން އެކަންކުރުމަށްވެސް ނިންމާފައިވާކަމަށެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ހަސަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު ކޮންމެ 5000 އާބާދީއަކަށް މެމްބަރަކު އިތުރު ކުރުމުގެ ބަދަލުގައި މެމްބަރުންގެ އަދަދު އިތުރު ނުވާނޭގޮތަށް އިސްލާހު ގެނައުމަށް ދެ ޕާޓީން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
އަދުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަަދަދު އިތުރުވަމުންދާތީ އެމްޑީޕީއާ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކުރިއިރު، ސަރުކާރުން ބުނެފައިވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުވާނޭކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
