މާލެ: 31°C

ސަރުކާރު ބަދަލުވިއިރު އެސްޑީއެޕް ގައި ހުރީ ކިހާވަރެއް؟ ސީރިއަސް މައްސަލައެއް!

June 26, 2024
2 ފަހަރު ބަލާފައި
ސަރުކާރު ބަދަލުވިއިރު އެސްޑީއެޕް ގައި ހުރީ ކިހާވަރެއް؟ ސީރިއަސް މައްސަލައެއް!
ސަރުކާރު ބަދަލުވިއިރު އެސްޑީއެޕް ގައި ހުރީ ކިހާވަރެއް؟ ސީރިއަސް މައްސަލައެއް!
ސަރުކާރު ބަދަލުވިއިރު އެސްޑީއެޕް ގައި ހުރީ ކިހާވަރެއް؟ ސަރުކާރު ބަދަލުވިއިރު އެސްޑީއެފް ގައި ހުރި ފައިސާގެ އަދަދާމެދު އެޙާބޮޑު ޙިލާފުތަކެއް ހުރީ ކީއްވެ؟ ސަރުކާރު ބަދަލުވިއިރު އެސްޑީއެފް ގައި ހުރި ފައިސާގެ އަދަދާމެދު އެޙާބޮޑު ޙިލާފުތަކެއް އުފެދިފައިވާއިރު، އަޅުގަނޑުމެން ދިވެހިން އިތުބާރުކޮށް ޤައުމުގެ ހިންގުން ހަވާލުކުރި 3 ވެރިންވެސް މި މައްސަލާގައި ދައްކަނީ 3 ވާހަކައެކެވެ. ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ އެހެން ބޭފުޅުން އެ ހައްދަވަނީ ދޮގު ކަމަށެވެ. ހަގީގަތަކީ ކޮބާތޯއެވެ. މި ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާގެ ވާހަކައެވެ. ވަކި ވަގުތަކާ ހަމައަށް ވަކި ތަނެއްގައި ހުރި ފައިސާގެ އަދަދާއިގުޅޭ ވާހަކަ އެކެވެ. އެސްޑީއެފް ފަންޑަކީ ރައީސް ޔާމީނުގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. އެފަންޑަށް ޖަމާވަނީ ރާއްޖެއަށް ޒިއާރަތްކުރާ ފަތުރުވެރިންގެ އަތުންނަގާ ގްރީންޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ގެ ގޮތުގައި ނަގާ ފައިސާއެވެ. އެހެންކަމުން އެފަންޑަކީ އެމެރިކާ ޑޮލަރުން ފައިސާ ޖަމާވާގޮތަށް ބައްޓަންކުރެވިފައިވާ ފަންޑެކެވެ. ވެރިކަންކުރާ ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަންނިމި އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އެސްޑީއެފް ފަންޑުގައި ހުރީ އެއްމެ 2 މިލިއަން ޑޮލަރުކަމަށޭވެ. އެހާ ހިސާބުން ކުރީގެ ސަރުކާރުގެ އިސްވެރިން ހިމެނޭގޮތައް ކުރީގެ ފައިނޭސް މިނިސްޓަރ އަމީރު އެވާހަކަ ދޮގުކުރައްވައި އަދަދެއް ވިދާޅުވެ އެ އަދަދު ވެރިކަން ޙަވާލުކުރައްވައި ވަޑައިގެންނެވިއިރު އެސްޑީއެފް ގައި ހުންނާނެކަމަށް ވިދާޅުވިއެވެ. ކުރީގެ މިނިސްޓަރ އަމީރުގެ އެ ވިދާޅުވުމަށްފަހު ކުރީގެ ރައީސް ޔާމީން އަބްސދުލް ގައްޔޫމް ވެސް އެމަނިކުފާނުގެ ޕާޓީގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ އެމްޑީޕީން ވެރިކަންކޮށް ނިންމާލިއިރު އެސްޑީއެފް ގައި ހުރީ އެއްމެ މިލިއަނެއްހާ ޑޮލަރުކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ފައިނޭސް މިނިސްޓަރކަން ކުރެއްވި އަމީރު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޑރ.މުޙައްމަދު މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެނެވިއިރު އެސްޑީއެފް ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި އެ އަދަދަކީ ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު އަދަދަށްވުރެ 5.4 ބިލިއަން ރުފިޔާގެ ގިނަ އަދަދެއްކަމަށެވެ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުވެސް މިއަދު ރާއްޖެ ޓީވީގެ ހެނދުނު ހެނދުނާ ޕްރޮގްރާމަަށް ދެއްވި ބަސްދީގަތުމުގައިވެސް މިނިސްޓަރ އަމީރު ހާމަކުރައްވާފައިވާ އަދަދުތައް ތަކުރާރުކުރައްވައި ވިދާޅުވެފައިވަނީ މި ސަރުކާރުގެ ބޭފުޅުން އެ ހައްދަވަނީ ދޮގުކަމަށެވެ. ވީމާ، އެސްޑީއެފް ގައި ހުރި ފައިސާގެ އަދަދަކީ ދިވެހި ރައްޔިތުންގެ ފައިސާކަމަށްވީހިނދު ވެރިންގެ ބަސްތަކުގައި މިހާބޮޑު ތަފާތު ތަކެއް ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިހާހިސާބުން ހުރިހާ ބޭފުޅުންގެ ވާހަކަތަކުންވެސް ސާފުވާ އެއްކަމެއް އެބައޮތެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެމްއެމްއޭގައި ހުޅުވާފައި އޮންނަ ޑޮލަރު އެކައުންޓްގައި ނަގުދު ފައިސާގެ ގޮތުގައި 2 މިލިއަން ޑޮލަރު ހުރިކަމެވެ. އަދި އޭގެ އިތުރުން މިނިސްޓަރ އަމީރާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވާހަކަފުޅުތަކުން ދޭހަވަނީ ޑޮލަރު ފިކްސްޑް ޑިޕޮސިޓް ގެ ގޮތުގައްޔާއި އަދި ޑޮލަރު ޓީ-ބިލް އިންވެސްޓްމެންޓްގެ ގޮތުގައި 139.1 މިލިއަން ޑޮލަރު އެސްޑީއެފް ގައި ހުންނާނެކަމަށެވެ. އެހެންކަމުން އެ އަދަދަކީ އެސްޑީއެފްގެ އެމްއެމްއޭ ގެ އެކައުންޓްގައި އެވަގުތު ނެތްނަމަވެސް އެސްޑީއެފް ގައި ހުރި ފައިސާކަމަށެވެ. ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ކޮމާޝަލް ބޭންކުގައި ފައިސާ ޑިޕޮސިޓް ކުރަނީ ރައްކާކޮށްފައި ހުންނަ ފައިސާއިން އިތުރަށް ފައިސާ ހޯދުމަށްކަމަށްވާއިރު އެ ފައިސާއަކީވެސް އެސްޑީއެފް ގައި ހުރި ފައިސާކަމުގައެވެ. ސިޔާސީ ފަރާތްތަކުން އަބަދުވެސް ވާހަކަތައް ބައްޓަންކުރަނީ އެފަރާތްތަކަށް އެއްމެ ފައިދާ ވާގޮތަށެވެ. އެހެންކަމުން ދޮގަކަށް ނުވާގޮތައް ތަފާތު ގޮތްގޮތަަށް ދެކެވެން ހުންނަ ވާހަކަތަކުގައި އެފަރާތްތަކުން ގިނައިން ޙިޔާރުކުރާތަން ފެންނަނީ އެފަރާތަކަށް އެއްމެ ފައިދާ ބޮޑު ގޮތެކެވެ. ނަމަވެސް ދިވެހި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ކަމުގެ ޙަގީގަތް އެއްމެ ބޮޑަށް ސާފުވާނޭހެން ހާމަކުރުމަކީވެސް ވަރަށްމުޙިއްމު ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ