މާލެ: 31°C

ސައީދުގެ ރައްދު ރައީސް ޔާމީނަށް: ހަރުމަދާ ވިއްކާ ފައިސާ ޗާޕެއް ނުކުރާނެ

January 24, 2024
3 ފަހަރު ބަލާފައި
ސައީދުގެ ރައްދު ރައީސް ޔާމީނަށް: ހަރުމަދާ ވިއްކާ ފައިސާ ޗާޕެއް ނުކުރާނެ
ސައީދުގެ ރައްދު ރައީސް ޔާމީނަށް: ހަރުމަދާ ވިއްކާ ފައިސާ ޗާޕެއް ނުކުރާނެ
މިސަރުކާރުގެ މިހާތަނަށް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާ ހަމަ އެކަނި ކުރާ ކަމަކީ ބޮޑެތި ޚަރަދުތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކައަށް އެމަނިކުފާނުގެ ވެރިކަމުގައިވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި މިހާރުވެސް އިކޮނޮމިކް މިނިސްޓަރ ސައީދު ފާޑު ވިދާޅުވެއްޖެއެވެ. އެކްސް މެދުވެރިކޮށް މިނިސްޓަރ ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ "ގާނޫނު ތަޅު އަޅުވާފައި" ފައިސާ ޗާޕުކޮށް، ހަރު މުދާ ވިއްކާނެ ސަރުކާރެއް ނޫން ކަމަށާއި، ދައުލަތާ މީގެކުރިން ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހު ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ ސައީދު ސުވާލު ކުރެއްވިއެވެ. މިނިސްޓަރ ސައީދުގެ މި ޓްވީޓްގައި އެއްވެސް ބޭފުޅެއްގެ ވާހަކަ ފާހަގަ ނުކުރެއްވި ނަމަވެސް މި ވާހަކަ ރައްދުކުރައްވާފައިވަނީ ކުރީގެ ރައީސް ޔާމީނަށް ކަމުގައި ބެލެވެނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅާކާއި ގުޅިގެންނެވެ. އެގޮތުން ޕީއެންއެފް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމާއި އިއުލާން ކުރާ ކަންކަމުން މުޅިން ފެންނަނީ ރައްޔިތުންގެ ހެވާއި ލާބައަށް ކުރާ ކަންކަން ކަމަށާއި އެކަންކަމާ ދޭތެރޭގައި ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ހައްތާ ވެސް ފެންނަނީ ހަރަދު ކުރާ ތަން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އެކުވެރި ގައުމުގެ ގޮތުގައި އިންޑިއާ އޮތް އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އިން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ ގާތްގަނޑަކަށް ތިން ބިލިއަން އެމެރިކާ ޑޮލަރާ ކައިރީގައެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް މިސަރުކާރުން މަސައްކަތެއް ކުރައްވާތަންވެސް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. މި ސަރުކާރުން އާމްދަނީ އިތުރު ކުރަމަށް މަސައްކަތެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް މި ސަރުކާރުން ވަނީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާ ހަރުފަތަކަށް ގެނައުމަށް ބޮޑު މަޝްރޫއެއް އިއުލާން ކުރައްވައިފައެވެ. އަދި މި ސަރުކާރާ ހަވާލުވި އިރު، ނުނިމި އޮތް ވެލާނާ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް މި އަންނަ އޮކްޓޯބަރު ހިސާބުގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓަރުން އަންނަ މިންވަރު އިތުރުކުރުމަށް ރައީސް މުއިއްޒު ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި އިންވެސްޓުކުރެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައަޅުއްވައި އެކި ދާއިރާތަކުން އިންވެސްޓުކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ