މާލެ: 31°C

ރޯދައަށް ހުރުމަށްޓަކައި ދުލުން ކިޔާނެ ނިޔަތެއް އޮވޭތޯ؟ ކިހިނެއްތޯ ނިޔަތް ގަންނާނީ؟

March 10, 2025
197 ފަހަރު ބަލާފައި
ރޯދައަށް ހުރުމަށްޓަކައި ދުލުން ކިޔާނެ ނިޔަތެއް އޮވޭތޯ؟ ކިހިނެއްތޯ ނިޔަތް ގަންނާނީ؟
ނިޔަތަކީ ކޮންމެ އަޅުކަމެއްގެވެސް ޝަރްޠެކެވެ. ނިޔަތާ ނުލައި އަޅުކަން ޞައްޙައެއް ނުވާނެއެވެ.

ޖަވާބު: الحمد لله والصّلاة والسّلام على رسول الله.

ނިޔަތަކީ ކޮންމެ އަޅުކަމެއްގެވެސް ޝަރްޠެކެވެ. ނިޔަތާ ނުލައި އަޅުކަން ޞައްޙައެއް ނުވާނެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. إِنَّمَا الأَعْمَالُ بالنِّيَّاتِ وإِنَّمَا لِكُلِّ امْرِئٍ ما نَوَى (رواه البخاري ومسلم) ޢަމަލުތައް ނިޔަތުގެ މައްޗަށް މެނުވީ ނުވެއެވެ. އަދި ކޮންމެ އިންސާނަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ.

ރޯދަޔަށް ހުރުމަށްޓަކައި ދުލުން ނިޔަތެއް ކިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައިނުވެއެވެ. ނިޔަތުގެ ތަނަކީ ހިތެވެ. ހިތުން ނިޔަތް ނުގަނެ ކިތަންމެ ވަރަކަށް ދުލުން ނިޔަތް ކީ ކަމުގައިވިޔަސް ނިޔަތް ގަތްކަމުގައި ނުބެލެވޭނެއެވެ. ރޯދަޔަށް ހުރުމަށްޓަކައިވެސް ނިޔަތް ގަންނާނީ ހިތުންނެވެ.

އެގޮތުން ރޯދަޔަށް ނިޔަތް ގަންނައިރު އެހެނިހެން އަޅުކަންތަކަށް ނިޔަތްގަންނަ ފަދައިން އަޅުކަން އަދާކުރެވޭ ފަރާތާއި އަޅުމަކީ ކޮންކަހަލަ އަޅުކަމެއްކަން ނިޔަތުގައި ކަނޑައެޅުމުން ރޯދަޔަށްވެސް ނިޔަތް ގަނެވުނީއެވެ. ނިޔަތުގައި ހިތަށް އަރުވަން ޖެހޭނީ

ހ- މާތް ﷲ އަށްޓަކައި އެއިލާހުގެ ވަޖުހުފުޅު އަދައިގެން

ށ- ރަމަޟާންމަހުގެ ފަރްޟު ރޯދަ ހިފާކަމަށެވެ.

ފަރްޟު ރޯދަޔަށް ނިޔަތް ގަންނާނީ ރޭގަނޑުއެވެ. ފަޖުރު ލުމުގެ ކުރީންނެވެ. މުޅި ރޯދަމަހުގެ ރޯދަހިފުމަށް ރޯދަމަސް ފެށުމުގައި ނިޔަތް ގަނެވިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މިގޮތަށް ނިޔަތް ގަނެފިނަމަ، ޙައިޟު، ބަލި، ދަތުރު ފަދަ ޢުޛުރެއްގެ ސަބަބުން ރޯދަ ހިފުން މެދުކެނޑި އަނެއްކާ ރޯދަހިފަން ފަށާއިރު، ނިޔަތް އައުކުރަން ޖެހޭނެއެވެ. (شرح الممتع ج6 ص 369-370 )
والله أعلم

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ