މާލެ: 31°C

ރަމަޟާމަހު ފަހު ދިހަ: ސިޔާސީ ފަހު ތަޅާލުމަށް ނިކުންނެވީ އަދުރޭ އާއި ޖަމީލް

April 8, 2024
2 ފަހަރު ބަލާފައި
ރަމަޟާމަހު ފަހު ދިހަ: ސިޔާސީ ފަހު ތަޅާލުމަށް ނިކުންނެވީ އަދުރޭ އާއި ޖަމީލް
ރަމަޟާމަހު ފަހު ދިހަ: ސިޔާސީ ފަހު ތަޅާލުމަށް ނިކުންނެވީ އަދުރޭ އާއި ޖަމީލް
ރައީސް މައުމޫނުގެ ވެރިކަން ނިމި ސިޔާސީޕާޓީތަކުން ވެރިކަންކުރަން ފެށިފަހުން މިފަހަރުގެ ރަމަޟާންމަސް ފާހަގަކުރެވިގެން ގޮސްފައިވަނީ، ސަރުކާރުން ހިންގާ ޕާޓީއާ އިދިކޮޅުޕާޓީ އާ ދެމެދު ސިޔާސީގޮތުން ބަހުގެ ހަމަލާތައް އެންމެ ބޮޑަށް ބަދަލުކުރެވުނު ފަހަރަށެވެ. އާއްމު މަސްމަހު ސިޔާސީ ލީޑަރުން އެއްބަޔަކު އަނެއްބަޔަކާ ބަހުގެ ހަމަލާތައް ބަދަލުކުރިނަމަވެސް، މިހާތަނަށް ފާއިތުވެދިޔަ އަހަރުތަކުގައިވެސް ރަމަޟާންމަސް ފާހަގަކުރެވިފައިވަނީ، އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމުގެ ރޫހު ވަރަށް ކުޑަ މަހެއްގެ ގޮތުގައެވެ. ނަމަވެސް މިފަހަރުގެ ރަމަޟާންމަހާ ކުރިމަތިލީއިރު، މަންޒަރު ވަރަށް ތަފާތެވެ. ސަރުކާރު ހިންގާ ޕާޓީއާ އިދިކޮޅު ޕާޓީތަކާ ދެމެދު ބަހުގެ ހަމާލާތައް ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. ހާއްސަ ގޮތެއްގައި ރަމަޟާންމަހުގެ ފަހު ދިހައެއް ފެށުނު ފަހުން އެއްބަޔަކު އަނެއްބަޔަކާ ބަހުގެ ހަމަލާތައް ބަދަލުކުރުން ވަނީ ވަރަށް ގަދަވެފައެވެ. މިކަމުގައި އެންމެ ކުރީގައި އުޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޟާލިޙެވެ. ރަމަޟާންމަހު ފަހު ދިހައެއްގެ ފުރަތަމަ ރޭ ދެ ބޭފުޅުން އެންމެ ފުރަތަމަ އެއްބޭފުޅަކު އަނެއް ބޭފުޅަކާ ޖަދަލުކުރައްވަން ފެއްޓެވި މައުޟޫއަކީ ފައިސާ ޕްރިންޓް ކުރުމާ ގުޅޭގޮތުންނެވެ. މި މައުޟޫ ފައްޓަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ މިފަހުން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުތަކުގެ ތެރޭގައި ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގައި ފައިސާ ޗާޕްކުރިކުރުން ހިމެނޭ ކަމަށެވެ. މީގެ ރައްދުގައި ރައީސް ޟާލިޙް ވިދާޅުވެފައިވަނީ ފައިސާ ޗާޕްކުރުމަކީ ކުރަންޖެހިއްޖެ ނަމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. ފައިސާ ޗާޕްކުރުމުގެ މައްސަލައަށްފަހު ދެން ރައީސް ޑރ.މުއިއްޒު ނެންގެވި އަނެއް މައްސަލައަކީ ރައީސް ޟާލިހު ވެރިކަމުން ފޭބިއިރު، ސަވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފް އެކީ ބޭނުންކޮށްފައި ހުރި ވާހަކައެވެ. ރައީސް ޑރ.މުއިއްޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ރައީސް ޟާލިޙް ވިދާޅުވީ، އެސްޑީއެފްގައި ފައިސާ ނެތްކަމަށް ދައްކަވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެއްބިލިއަން ރުފިޔާގެ އެ ފަންޑް 7 ބިލިއަން ރުފިޔާއަށް އިތުރުވެފައި ހުންނާނޭކަމަށެވެ. އެފަދަ ފަންޑުތަކުގައި ހުންނަ ފައިސާއަކީ މޭޒުގައި ހާމައަށް ފެންނަން ހުންނަންޖެހޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ޟާލިޙް ވަނީ ފަންޑުގައި ހުރި ފައިސާއިން އިންވެސްޓްކޮށްފައިވާނޭކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް ދުވަސްވަރު އެ ފަންޑުން ފައިސާ ނެގިނަމަވެސް އެމްޑީޕީ ވެރިކަން ނިމުނުއިރު ފަންޑަށް ފައިސާ ޖަމާކުރަން ފައްޓަވާފައިވާނޭކަމަށްވެސް ކުރީގެ ރައީސް ޟާލިހް ވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސް ޟާލިޙާއި ރައީސް ޑރ.މުއިއްޒުގެ ބަހުގެ ހަމަލާތަކަށްފަހު، ރަމަޟާންމަހުގެ ފަހު ދިހައެއް ނިމެނިކޮށް ފަހު ތަޅާލުންގަނޑަށް ނިކުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޔާމީނުގެ އިސް ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދެވެ. މި ދެ ބޭފުޅުންގެ ބަހުގެ ހަމަލާތަކަށް ބަލާއިރު، އަދުރޭ ވިދާޅުވަމުން ގެންދަވަނީ ޑރ.ޖަމީލަކީ ރައީސް ޔާމިނަށް ހެޔޮ ހިތެއް އޮވެގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ނޫންކަން މީގެ ކުރިން ޖަމީލް ރައީސް ޔާމިނާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކުން ދޭހަވާ ކަމަށެވެ. އަދުރޭ އާ ގުޅޭގޮތުން ޖަމީލް ވިދާޅުވެފައިވަނީ އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ ދަރިކަލުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ވަޒީރު ކަމަށް ކޮލިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. ކޮންމެއަކަސް މިފަހަރުގެ ރަމަޟާންމަސް ނިމިގެން މިދަނީ ވަރަށް ތަފާތުކޮށެވެ. ކުރީ އަހަރުތަކުގައި މިވަރެއް ނުވެއެވެ. ފަހަރެއްގައި މިފަހަރު ސިޔާސީގޮތުން އެއްބަޔަކު އަނެއްބަޔަކާ ބަހުގެ ހަމަލާތައް ބަދަލުކުރުން ވަރުގަދަ މިވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތުން ކަމަށް ވެދާނެއެވެ. ޔައުނީ ކޮންމެ ބަޔަކުވެސް ބުނަމުން އަންނަނީ އެބައެއްގެ މަސައްކަތް ކާމިޔާބުވާން އަންނަނީ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން ކަމުގައި ވާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ