މާލެ: 31°C

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ގަބޫލުނުކުރުމުން އިދިކޮޅުން ސްޕްރީމް ކޯޓަށް ދާން ނިންމައިފި

August 1, 2023
2 ފަހަރު ބަލާފައި
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ގަބޫލުނުކުރުމުން އިދިކޮޅުން ސްޕްރީމް ކޯޓަށް ދާން ނިންމައިފި
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ގަބޫލުނުކުރުމުން އިދިކޮޅުން ސްޕްރީމް ކޯޓަށް ދާން ނިންމައިފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން ސްޕްރީމް ކޯޓަށް ދާން ތައްޔާރުވަމުންދާ ކަމަށް އިދިކޮޅުން ބުނެފި އެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް 'މިނިވަން' ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސްޕްރީމް ކޯޓަށް މި މައްސަލަ ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދި އެމަނިކުފާނުގެ ވަކީލުންގެ ޓިމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް ކަމަށެވެ. "ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން." ޑރ. ޖަމީލް ވިދާޅުވި އެވެ. ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ހީކުރި ގޮތާއި އެއްގޮތަށް އީސީ އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތާށިވެފައި ކަމަށެވެ. އަދި ގާނޫނުގައި ވާގޮތުގެ މަތިން މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ތައްޔާރުވަމުންދާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކޮށް އޮތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ