މާލެ: 31°C

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅައިފި

August 1, 2023
2 ފަހަރު ބަލާފައި
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅައިފި
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅައިފި
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކޮށްފައިވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއާއި ހަވާލު ކުރީ އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ. މި ފޯމާއި އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް އެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއާއި ހަވާލު ކުރީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ރަނިންމޭޓްކަމަށް ކަނޑައަޅާފައިވާ ޑރ. މުހައްމަދު ޖަމީލާއި އިދިކޮޅު ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާއި ހަވާލުވުމަށްފަހު އީސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެ ފޯމާއި މެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ގޮތެއް ނިންމުން ގަސްތުގައި ލަސްނުކުރާނެ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

"އިލެކްޝަންސްގެ ގާނޫނީ ޓީމުން ބެލުމަށް ފަހު ނިންމާ ގޮތެއް 24 ގަޑިއިރު ތެރޭގައި ހާމަނުކުރާނެ،" ހަބީބު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅުމާއިއެކު އެމަނިކުފާނުވެފައިވަނީ ކެންޑިޑެސީ ފޯމް ހުށަހެޅި ފުރަތަމަ ކެންޑިޑޭޓަށެވެ.

ކެންޑިޑެސީ ފޯމް ހުށަހެޅި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ކުރެއްވޭނެ ކަމާއިމެދު އަދިވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެއީ އެމަނިކުފާނު މިހާރުވެސް އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަމްފީޒް ކުރަމުން ކަމަށް ވާތީ އެވެ. ދަށު ކޯޓުން ކޮށްފައިވާ އެ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ