މާލެ: 31°C

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވޯޓުލުން ފަށައިގެން ކުރިއަށް

January 27, 2024
3 ފަހަރު ބަލާފައި
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވޯޓުލުން ފަށައިގެން ކުރިއަށް
ވެރިކަންކުރާ މައިޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކުރިއަށް އޮތް ދައުރުގެ ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އިންތިހާބުގައި މިފަހަރު 73 ދާއިރާއަކުން 71،000 ހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް ޕީއެންސީން ބުނެއެވެ. ވޯޓުލުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖެހުމާއި ހަމަޔަށެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10 އެއް ޖެހިފަހުންނެވެ. މި އިންތިހާބުގައި އަތޮޅުތަކަށް ނިސްބަތްވާ މީހުން ވޯޓުލާ ފޮށިތައް ހެންވޭރު ދަނޑުގައި ބަހައްޓާފައިވާއިރު، ބައެއް ސްކޫލުތަކުގައިވެސް ވަނީ ވޯޓްފޮށިތައް ބަހައްޓާފައެވެ. ވޯޓްފޮށިތައް ބަހައްޓާފައިވާ ސްކޫލުތަކަކީ، ހުޅުމާލޭގައި ހުންނަ ކާމިލްދީދީ ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލުގެ އިތުރުން ރެހެންދި ސްކޫލް ހިމެނެއެވެ. މީގެ އިތުރުން ވިލިމާލޭގެ ޔޫތް ސެންޓަރުގައިވެސް ވަނީ ވޯޓުފޮށި ބަހައްޓާފައެވެ. މި ފޮށިތަކުގެ ޖުމްލަ އަދަދަކީ 227 އެވެ. ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވޯޓުލުން ފަށާފައިވާއިރު، ބައެއް ދާއިރާތަކަށް އިތުރު މެމްބަރުން ކުރިމަތި ނުލާތީވެ، ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ ޕީއެންސީގެ 13 މެމްބަރަކަށް ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ވާދަކުރުމަށް ޓިކެޓް ކަށަވަރުވެފައިވާކަަމަށް ޕީއެންސީން ވަނީ ބުނެފައެވެ. ޓިކެޓް ކަށަވަރުވި މެމްބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޕީއެންސީގެ ނައިބު ރައީސް އިސްމާއިލް ޝުޖާއުގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ޓިކެޓް ކަށަވަރުވި އިތުރު މެމްބަރުން:
  • އަލީ މޫސާ – ހޯރަފުށީ ދާއިރާ
  • ފާތިމަތު ސައުދާ – ނިލަންދޫ ދާއިރާ
  • އަލީ އިބްރާހިމް – ހެންވޭރު ހުޅަނގު ދާއިރާ
  • އިދުރީސް އަބްދުﷲ – ހަނިމާދޫ ދާއިރާ
  • އިބްރާހިމް ސަނާހު – ތިމަރަފުށި ދާއިރާ
  • އަބްދުﷲ ޝަޒީމް – ހުޅުމާލެ މެދު ދާއިރާ
  • އަހުަމދު ތާރިގް – މަހިބަދޫ ދާއިރާ
  • އަހުމަދު އަޒާން މަރުޒޫގް – ހިތަދޫ މެދު ދާއިރާ
  • މުހައްމަދު ޝާހިދު – ހުޅުދޫ ދާއިރާ
  • އިބްރާހިމް މުހައްމަދު – ގަލޮޅު ދެކުނު ދާއިރާ
މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޕްރައިމަރީއަށް ކުރިމަތިލި ބައެއް މީހުނަށް، ވަނީ ވާދަ ނުކުރެވޭނެކަމަށް އަންގައި ސިޓީވެސް ފޮނުވާފައެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ހުރިހާ އެންމެނަށް އެޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ޖެނުއަރީމަހުގެ 22 ދުވަހު ވަނީ ނިންމާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ