ރައީސް ޔާމީން އިސްވެ އުފައްްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނަށް ހުށަނާޅާ އޮތީ 3000 މީހުންގެ ސޮއި ނުލިބިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް ޔާމީންގެ އަރިހުގައި ޕީއެންއެފްގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވީ، އާ ޕީޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވީ އެމަނިކުފާނުގެ ފަހަތްޕުޅުގައި އެތައް ބަޔަކު ތިބިކަމަށް ޤަބޫލުކުރެވިގެން ކަމަށާއި ނަމަވެސް ސަރުކާރުގެ ނުފޫޒު މާ ގަދަ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރި ހޯއްދަވައިފިކަމަށް ގަބޫލްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕާޓީ އުފައްދަން ރައްރަށުގައި އަތް ފުނާ އަޅައިގެންވެސް މެމްބަރުން ހަމަނުވެގެން މިއުޅެނީ. ރައީސް ޔާމީނަށް ތާއީދު ކުރެއްވިޔަސް ގިނަ ރައްޔިތުން ތިބީ ކޮންމެސް މަޤާމެއް ލިބޭނެކަމުގެ އިންތިޒާރުގައި. މިސާލަކަށް ރަށްރަށުގެ ޕީޕީއެމްގެ އިސްމީހުން މިހާރު ތިބީ އެރަށްރަށުގެ ފެނަކަައާއި، މަރުކަޒާ އަދި އެނޫންވެސް މުވައްސަސާ ތަކާ ހަވާލުވާން އަތުކުރި އޮޅާލައިގެން. މިހެން ތިއްބަ އެމީހުން ލައްވާ ސޮއިކުރަން ވަރަށް އުނދަގޫވާނެ. ހަޤީޤަތަކީ އިތުރު ފަސްއަހަރު އަނެއްކާ މަގުމަތީގައި ތިބެން ރައްޔިތުން ބޭނުން ނުވުން." ރައީސް ޔާމީންގެ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.
[caption id="attachment_96072" align="aligncenter" width="1024"]

ޔާމީންގެ ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް[/caption]
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު 29 ވަނަ ދުވަހުއެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަދީފައި ވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީނަށެވެ. ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ މިހާރު ރައީސް ޔާމީނާ އެންމެ އަރިހުގައި މަސައްކަތްކުރައްވާ މަހީލާއި ޑރ. ޖަމީލެވެ. ޕީއެންއެފްއަށް ރައީސް ޔާމީން ސޮއިކުރެއްވީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭގައެވެ. ރައީސް ޔާމީން ސޮއިކުރެއްވުމުންވެސް ޕާޓީ އުފައްދަން ލިވޭ ތަރުހީބު ކުޑަވުމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު ބުނަމުން ދަނީ ޕާޓީ ރަޖިސްޓްރީ ކުރަން ހުށައަޅާނީ ރައީސް ޔާމީން މިނިވަން ވުމުން ކަމަށެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިދިޔަ ހަފްތާގައި ނިމިގެންދިޔަ މާލޭ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބަކީ ރައީސް ޔާމީންގެ ތާއީދު މިހާރު އޮތް ވަރު ބަލަން ކުރެވުނު ޓެސްޓެކެވެ. މި އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު އެމަނިކުފާނުގެ ފޮޓޯ ޖަހައިގެން ވާދަކުރެއްވީ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދެވެ. މި އިންތިހާބުގައި ހުސެއިން ދިޔައީ 4 ވަނައަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސިޔާސީ ބުރަދަނާބެހޭ ގޮތުން އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.