މާލެ: 31°C

ނަމާދު ނުކުރާ ނަމަ!

March 24, 2023
2 ފަހަރު ބަލާފައި
ނަމާދު ނުކުރާ ނަމަ!
ނަމާދު ނުކުރާ ނަމަ!
ލިޔުން: ޝެއިޙް މުޙައްމަދު ޝާފިޢު އިންސާނުންނާއި ޖިންނީން މި ދުނިޔޭގައި ހޭދަކުރާ ކުޑަ ދުވަސްކޮޅުގެ އަސްލު މަޤްޞަދަކީ މާތް ﷲ އަށް އަޅުކަންކޮށް އާޚިރަތް ކާމިޔާބު ކުރުމެވެ. ޤިޔާމަތް ދުވަހު އިންސާނާއާ ‏އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭގޮތުންނެވެ. ސުވާލަކީ ތިބާ މި ސުވާލަށް ތައްޔާރު ތޯއެވެ؟ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. “ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާ މެދުގައެވެ. ފަހެ އެކަން ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. އެކަން ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ”. (ސުނަނު ތިރްމިޛީ 413، ޞައްޙަކުރެއްވީ ޝެއިޚު ޢަލްބާނީ) މި ހަދީޘުން ބަޔާންވެގެން ދަނީ ކޮންމެ އިންސާނަކު ވެސް ނަމާދާމެދު ސުވާލު ވެވި ހިސާބު ބެލެވޭނެކަމެވެ. މި ސުވާލަށް ތައްޔާރު ވެވޭނީ ކޮންމެ މީހަކުވެސް ނަމާދު ޤާއިމް ކޮށްގެނެވެ. އަހަރެމެން މުސްލިމުންނާ ކާފަރުވީ މީސްތަކުންނާ ދެމެދުގައިވާ ‏‏ފަރަޤަކީ ނުވަތަ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ‏‎.‎‏ ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. ދީނުގެ ތަބެވެ. ނަމާދު ދޫކޮށްލައިފި މީހާ އިސްލާމްކަމުން ވެސް ބޭރުވެގެން ދާނެ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދީ އިންޒާރު ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ “އަހަރެމެން މުސްލިމުންނާ އެބައިމީހުންނާ ދެމެދުގައިވާ ‏‏ފަރަޤަކީ/ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ‏‎.‎‏”‏ އެހެންކަމުން މި ޙަދީޘުން ވެސް މީހާގެ އިސްލާމްކަމާއި ކާފަރުކަން ވަކިކުރާ ފާރެއްކަމުގައި ނަމާދު ވާކަން ހާމަވެގެން ދެއެވެ. ނަމާދު އެޅުން ދެގޮތަކަށް ޢިލްމުވެރިން މާނަކުރައްވައެވެ. ފުރަތަމަ ގޮތަކީ ނަމާދުގެ ފަރުޟުކަމާމެދު އިންކާރުކޮށް ނަމާދު ނުކުރުމެވެ. މިގޮތުން ނަމާދު އަޅައިފިނަމަ ކަނޑައެޅިގެން އެމީހަކު ކާފިރުވާނެ ކަމުގައި އުންމަތުގެ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވާފައިވެއެވެ. ދެވަނަ ގޮތަކީ ނަމާދުގެ ފަރުޟުކަން ޤަބޫލުކުރި ކަމުގައިވިޔަސް، ކަންނެތް ކަމުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޝަރީޢަތުގައި ޢުޛުރެއް ކަމުގައި ނުބެލެވޭ ކަމެއްގައި މަޝްޣޫލުވުމުގެ ސަބަބުން ނަމާދު އެޅުމެވެ. އެފަދަ މީހާ ކާފަރު ނުވާނޭކަމަށް ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި އޮތުންވެސް އެކަމުގެ ޚުޠޫރަތްތެރިކަމުގެ މައްޗަށް ދަލާލަތުކުރެއެވެ. ނަމާދަކީ ވާޖިބު ކަމެއްގެ ގޮތުގައި ދެކިހުރެ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާއާއި ބެހޭގޮތުން އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އަހަރެމެންގެ މަޛްހަބުގައި މަޝްހޫރު ގޮތަކީ ކުރީގައި ބަޔާންވެދިޔަ ފަދައިން ކަންނެތްކަމާއި އެކީ ނަމާދުއަޅާ މީހާ ޤަތުލު ކުރުމެވެ. އެހެންނަމަވެސް އެއީ އޭނާ ކާފަރުވުމުގެ ސަބަބުންނެއް ނޫނެވެ. އެއީ އޭނާގެ މައްޗަށް ޙައްދެއްގެ ގޮތުންނެވެ. (އެބަހީ ނަމާދު އަޅާކަމުގެ ޢުޤޫބާތެއްގެ ގޮތުންނެވެ.) އިމާމް މާލިކާއި ސަލަފުންގެ ކުރީގެ ގިނަ ޢިލްމުވެރިންނާއި އަދި ފަހުގެ ގިނަ ޢިލްމުވެރިންވެސް ވިދާޅުވަނީ މިފަދައިންނެވެ. ކަންނެތްކަމާއެކު ނަމާދު އަޅާ މީހާއާ ބެހޭގޮތުން އެހެން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭނާގެ މައްޗަށް ހުރިހައި ކަމެއްގައިވެސް ހިނގާނީ މުރުތައްދެއްގެ ޙުކުމެވެ. (އެބަހީ ނަމާދު އެޅުމުގެ ސަބަބުން އޭނާ ދީނުން ބޭރުވެ މުރުތައްދު ވާނެއެވެ.)” (انظر، المجموع للنووي: 3/17-19) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. ”إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاةِ” (رواه مسلم في كتاب الإيمان). މާނައަކީ: “ހަމަކަށަވަރުން މީހާއާއި، ޝިރުކާއި އަދި ކާފަރުކަމާއި ދެމެދުގައިވާ ހުރަހަކީ ނަމާދެވެ.”

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ