މާލެ: 31°C

މިދިޔަ ސަރުކާރުން ލޯނުތައް ނަގާފައިހުރީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްނޫން: ރައީސް

February 18, 2024
3 ފަހަރު ބަލާފައި
މިދިޔަ ސަރުކާރުން ލޯނުތައް ނަގާފައިހުރީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްނޫން: ރައީސް
މިދިޔަ ސަރުކާރުން ލޯނުތައް ނަގާފައިހުރީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްނޫން: ރައީސް
މިދިޔަ އަހަރުތަކުގައި ލޯންތައް ނަގާފައިހުރީ ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާވާނެ ގޮތަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު މަރަދޫ ރައްޔިތުންނާ ބައްދަލުކޮށްލުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މިދިޔަ ތަނުގައި ސަރުކާރުން ނަގާފައި ހުރި ލޯންތައް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ނޫންކަމަށާއި ރާއްޖެ މިހާރު އިގްތިސާދީ ގޮތުން މިހާލަތަށް ދިއުމުގެ އެންމެބޮޑު ސަބަބަކީ އެއީ ކަމަށެވެ. ރައީސް ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، ސަރުކާރާ ހަވާލުވިއިރު، 120 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނުތައް ނަގަމުންދިއުމުގެ ނަތީޖާކަމަށްވެސް ރައީސް ވިދާޅުވިއެވެ. " މީގަ ލޯނު ނެގުމެއްނޫން މައްސަލައަކީ. އަޅުގަނޑުމެންނަށްވެސް މަސައްކަތް ކުރެވޭނީ އެކި ކަހަލަ ފައިނޭންޝަލް ފެސިލިޓީސްތައް ހޯދައިގެން. ލޯނުތައް ނަގައިގެން. އެހެން ނަމަވެސް ރައްޔިތުންނަށް އެންމެބޮޑު ލާބައާ މަންފާ ލިބޭގޮތަށް އެކަންކުރުމަކީ އަދި މުޅިން ތަފާތުކަމެއް" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ލޯނުތައް ނަގައިގެން ކުރަމުންގެންދިޔަ މަސައްކަތްތަކުން ރައްޔިތުންނަށް ލިބުނު މަންފާ ވަރަށް ކުޑަ ކަމަށާއި، އެއީ އެކަން ކުރަންޖެހޭ ގޮތް ނޫންކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. https://twitter.com/presidencymv/status/1759204009397907850 ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަސައްކަތަށް މިސާލު ޖައްސަވަމުން ރައީސް ވިދާޅުވީ ބްރިޖް މަޝްރޫޢުއަކީ ލޯނާއި ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެއް ކަމަށާއި، އެ މަސައްކަތްތައް ކުރިއަށްދޔައިރު، ރައްޔިތުންނަށް އެތައްގޮތަކުން ފައިދާ ލިބުނު ކަމަށެވެ. " އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދިޔައިރު އެތައް ރައްޔިތުންނެއް ދިޔައީ މުއްސަނދިވަމުން. މެޓީރިއަލްސް ހޯދުންކަމަށް ވީނަމަވެސް، ލޮޖިސްޓިކަލް އަދި އެ މަސައްކަތަށް އައިސް އުޅުނު މުއައްޒަފުންގެ ކާބޯ ތަކެތި ގަތުން ކަމުގައި ވީނަމަވެސް މިކަންކަމުގައި ދިވެހި ކުންފުނިތަކަށް ވަނީ ފުރުސަތު ލިބިފައި" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ލޯނުތައް ނަގައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގައި މޮހޮރެއްވިއަސް ހޯދާފައިވަނީ އެ ލޯނު ނެގި ގައުމުން ކަމަށާއި އެކަން އެގޮތަށް ކުރުމުން ދިވެހިންނަށް ލިބުނު މުއްސަނދިކަމެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ނަގާ ލޯނުތައް އެއީ ދިވެހިންނަށް ފައިދާވާ ގޮތަށް ނެގޭ ލޯނުތަކެއްގެ ގޮތުގައި ހެދުމަށް ކަމަށާއި، މިހާތަނަށް ކަންކަން ކުރަމުން އައިސްފައިވަނީވެސް އެމަގުން ކަމަށެވެ. އެގޮތުން ނަގާ ލޯނުތަކުގެ މުއްދަތު އިތުރުކުރުމާއި، ލޯނު އަނބުރާ ދައްކާއިރު، ލުއި ފަސޭހަ ގޮތެއްގައި އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްތައް ފަށާނީ އިގްތިސާދުގައި ބުންވަރު ޖައްސަމުން ކަމަށާއި، އިގްތިސާދު ހަމަޖެއްސުމަށް ކުރިއަށް އޮތްތަނުގައި ވަރަށް އުނދަގޫ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ތަރައްޤީގެ މަސައްކަތްތައް ކުރުމުގައި މަޑުޖެހުމެއް އައި ނަމަވެސް ކުރިން ވިދާޅުވި ގޮތަށް ވައުދުތައް ފުއްދަވާނޭކަމަށާއި، މިއީ ކެމްޕެއިން ތެރޭގައިވެސް ދެއްކެވި ވާހަކަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި ސަރުކާރުން ހިންގަން ގޮންޖެހުންތައް ހުރިކަމަށް ރައީސް ފާހަގަކުރައްވާފައިވާއިރު، ރިޔާސީ ކެމްޕެއިނުތެރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރޭވުންތައް ރާވައިގެން ދަރަނިތައް ފިލުވުމުގެ ގާބިލުކަން ހުންނާނޭ ކަމަށާއި، ދަރަނިތައް ހުރުމަކީ އެމަނިކުފާނަށް މައްސަލައެއް ނޫންކަމަށެވެ. އަދި ރާއްޖޭން ނަގާފައިވާ ބޮޑެތި ލޯންތައް ރީފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ރަހުމަތްތެރި ގައުމުތަކުން ދީފައިވާ ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ