މިއަހަރުގެ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ ރިޔާސީ އިންތިހާބު؟

މިއަހަރުގެ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ ރިޔާސީ އިންތިހާބު؟
ލިޔުން:
ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން ބޭއްވި އިންތިހާބުތަކުގެ ތެރެއިން މިއަހަރު ބާއްވާ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބަށް ވެދާނެ ހެއްޔެވެ؟ މިހާރުވެސް އެކި ޕާޓީތަކުން ޖުމުލަ ހަތަރު ބޭފުޅަކަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކޮށްފަ އެވެ. އަދި އިތުރު ބޭފުޅުން އަންނަނީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި އިންތިހާބަކީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބެވެ. އެއީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ. އެ އިންތިހާބުގައި ވާދަ ކުރައްވާފައިވަނި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ.
ދެން ޖެހިގެން އައި ދެ ރިޔާސީ އިންތިހާބަށް ބަލާއިރު 2013 ވަނަ އަހަރު ހަތަރު ބޭފުޅުން ވާދަ ކުރި އިރު 2018 ވަނަ އަހަރު ވާދަކޮށްފައިވަނީ އެންމެ ދެ ބޭފުޅުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ނިންމާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ މިވަގުތު ރިޔާސީ އިންތިހާބަށް އެންމެ ވަރުގަދައަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ. އެމަނިކުފާނު ގެންދަވަނީ އިންތިހާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކެމްޕޭން ދަތުރުތައް ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ މިއަހަރުގެ ޖެނުއަރީ މަހު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވައިގެންނެވެ.
މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފަ އެވެ. ނަމަވެސް މިއަހަރުގެ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެއީ މިވަގުތު އެމަނިކުފާނު ގެންދަވަނީ ޖަލު ހުކުމެއް ތަމްފީޒު ކުރައްވަމުން ކަމަށް ވާތީ އެވެ. އެ މައްސަލަ މަތީ ކޯޓަކުން އިސްތިއުނާފް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. މިވަގުތު ރައީސް ޔާމީންގެ އެހެން މައްސަލަ އެއްވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ އަނެއް ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އެވެ. ގާސިމަށް ރިޔާސީ ޓިކެޓް ހަވާލު ކުރެއްވި ފަހުން އޭނާގެ ކެމްޕޭން ހަރަކާތްތައްވެސް މަޑުމަޑުން އަންނަނީ ކުރަމުންނެވެ. އެގޮތުން މާލޭގައި ގާސިމްގެ ކެމްޕޭން ޓީމުން ވަނީ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން އަންނަނީ އެކި ޕާޓީތަކާއި އެކު ކޯލިޝަންގެ މަޝްވަރާވެސް ކުރަމުންނެވެ. އެގޮތުން އެމްޑީޕީ، ޕީޕީއެމް އަދި ޑިމޮކްރެޓްސްއާއި އެކުވެސް ގާސިމް ވަނީ ކޯލިޝަންގެ މަޝްވަރާތައް ކުރައްވާފަ އެވެ.
އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓު އަރުވާފައި ވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. ނާޒިމްވެސް އަންނަނީ މަޑުމަޑުން ކެމްޕޭންގެ ހަރަކާތްތައް ކުރައްވަމުންނެވެ. އެގޮތުން އެކިއެކި ރަށްރަށުގައި ޕާޓީގެ ޖަގަހަތައް ހުޅުވުމާއި ކެމްޕޭން ޖަލްސާތައްވެސް އަންނަނީ ބާއްވަމުންނެވެ.
މީގެ އިތުރުން އެމްޑީޕީ ބައިވެ ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންތަކެއް އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް މިމަހު ހުޅުވާލުމުން ކުރިމަތި ލައްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަންޏެވެ. ނަމަވެސް އެ ޕާޓީން އަދި އިލްޔާސްއަށް ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފަ އެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ނިންމާފައިވާ އެތައް ބަޔަކު އެބަ އުޅެ އެވެ. އެގޮތުން އެމްއާރްއެމްގެ ޓިކެޓުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ނިކުންނަވާނެ ކަމަށް ދެކެވޭ ވާހަކަތައްވެސް އަންނަނީ ގިނަ ވަމުންނެވެ. މީގެ ކުރިން ފާރިޝްވެސް ވަނީ އިންތިހާބުގައި ކުރިމަތި ލައްވާނެ ކަމުގެ އިޝާރާތްތަކެއް ދެއްވާފަ އެވެ.
ފާރިޝްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު މުނައްވަރުވެސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ހާމަ ކުރައްވާފަ އެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އަންނަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ގޮތުން ކެމްޕޭން ހަރަކާތްތައް ކުރައްވަމުންނެވެ.
ސިޔާސީ ގޮތުން ނަން މަޝްހޫރު މި ބޭބޭފުޅުންގެ އިތުރުން ސިޔާސީ މައިދާނުން މީގެ ކުރިން ފެނިފައި ނުވާ ބޭފުޅެއްކަމަށްވާ ޑރ. މުހައްމަދު އާތިފްވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓްގެ ނަމުގައި ޕާޓީއެއް އުފައްދަވާ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އާތިފް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވެސް އަދި އިތުރު ކެނޑިޑޭޓުން ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ބައެއް ސިޔާސީ މީހުން ބުނެ އެވެ.
މިހުރިހާ ބޭފުޅުން ވާދަ ކުރާނަމަ މިއަހަރުގެ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަމަ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގައި ކުރިމަތިލައްވާ ބޭފުޅުންނެވެ. މިތަނުން އެންމެ ގާބިލު ބޭފުޅެއް ހޮވުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
