މާލެ: 31°C

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ވެސް މާދަމާ

February 2, 2024
3 ފަހަރު ބަލާފައި
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ވެސް މާދަމާ
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ވެސް މާދަމާ
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ. އެދެ ޕާޓީގެ ޕްރައިމަރީ ވޯޓުލުން ވެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00ގައެވެ. ޕްރައިމަރީގެ ވޯޓުލެވޭ މީހުންގެ ލިސްޓާއި ވޯޓުފޮށިތައް ބަހައްޓާ ތަންތަން މިހާރު ވަނީ ދެ ޕާޓިއިން ވެސް އިއުލާން ކޮށްފައެވެ. އެމްޑީޕީ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 9:00ން ހަވީރު 5:00އަށެވެ. އެ ޕާޓީގެ ޕްރައިމަރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓަކު ވާދަކުރެއެވެ. މާލޭގައި ވޯޓުފޮށި ބަހައްޓަނީ މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލުގައެވެ. އަދި ހުޅުމާލޭގެ ކާމިލް ދީދީ ޕްރީ ސްކޫލާއި މުޙައްމަދު ޤާސިމް ޕްރީސްކޫލުގައި ހުޅުމާލެ ދާއިރާތަކުގެ ވޯޓު ފޮށި ބެހެއްޓުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. އެމްޑީޕީން ވަނީ ޕްރައިމަރީއަކާ ނުލައި 49 ދާއިރާއެއްގެ ޓިކެޓު ހަވާލުކޮށްފައެވެ. ޕްރައިމަރީއަކާ ނުލައި ޓިކެޓް ދީފައިވަނީ އެ ޕާޓީން ހުޅުވާލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށެވެ. މަޖިލީހުގެ 93 ދާއިރާއަށް ވެސް ވާދަކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެކަން އިއުލާން ކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އެއްވެސް މީހަކު ކުރިމަތިނުލާ ދާއިރާތަކަށް ކެންޑިޑޭޓުން ހޯދާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. ދަ ޑިމޮކްރެޓްސް އިން ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ ދެ ދާއިރާއެއްގެއެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެއެވެ. އެ ދެ ދާއިރާގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00ން ހަވީރު 4:00އަށް ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ. ޑިމޮކްރެޓްސް އިން ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ މާލެ އާއި ހުޅުމާލޭގައެވެ. އެގޮތުން، ހެންވޭރު ދެކުނު ދާއިރާގެ ފޮށި ހައުސް އޮފް ޑިމޮކްރެޓްސް ގައި ބަހައްޓާއިރު ހުޅުމާލެ ދެކުނު ދާއިރާގެ ފޮށި ބަހައްޓަން ނިންމާފައވަނީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައެވެ. އެޕާޓީން ވެސް ވަނީ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. ނަމަވެސް މިހާތަނަށް އެ ޕާޓީން ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ 41 ދާއިރާއަކަށެވެ. މީގެ ތެރެއިން 39 ދާއިރާއެއްގެ ޓިކެޓް މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ އެ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީއެވެ. ޕާޓީގެ ޓިކެޓަށް މިހާތަނަށް އެދިފައިނުވާ 52 ދާއިރާއަށް މީހުން ހޯދަން ޑިމޮކްރެޓްސް އިން ވަނީ ތަކުރާރުކޮށް އިއުލާންކޮށްފައެވެ. އެ ދާއިރާތަކަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާނަމަ ޕާޓިން ބޭނުންވާ މީހަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ މިއަހަރު މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ