މާލެ: 31°C

މަސްވެރިންނަށް ފައިސާ ނުދެވެނީ ސަރުކާރުގެ ނާގާބިލުކަމުން: އެމްޑީޕީ

February 20, 2024
3 ފަހަރު ބަލާފައި
މަސްވެރިންނަށް ފައިސާ ނުދެވެނީ ސަރުކާރުގެ ނާގާބިލުކަމުން: އެމްޑީޕީ
މަސްވެރިންނަށް ފައިސާ ނުދެވެނީ ސަރުކާރުގެ ނާގާބިލުކަމުން: އެމްޑީޕީ
މަސްކިރުވާފައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ދިގުލައިގެންދަނީ މި ސަރުކާރުގެ ނާގާބިލުކަމުންކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން ގއ.ކޫއްޑޫގައި މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާންމަސް ކައިރިވެފައިވާއިރު، މަސްވެރިންނަށް ދޭންޖެހޭ 400 މިލިއަނެއްހާ ރުފިޔާ ނުދީ ހުރުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒަށް ގޮވާލަމުން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ކޮވިޑުގެ އެންމެ ދަތި ހާލުގައި، ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތްއިރުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެކަށީގެންވާ މުއްދަތުގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ދީފައިވާކަމަށެވެ. "މަސްވެރިން ބާނާމަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސްވާއިރުވެސް ހިފަހައްޓާފައިވަނީ މި ސަރުކާރުގެ ނާގާބިލުކަމުން. އެތައް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއްނޫން" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެކަމަށް ވައުދުވެ، އެ އަހުދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ސަރުކާރުން ވަނީ ހިލާފްވެފައިކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީނަމަވެސް ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަމަށާއި، މަސްވެރި އެތައް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތްއިރުވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓްތައް އިފްތިތާހު ކުރަމުންދާތީ އެކަން ބަލައި ނުގަންނަ ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރަމަޟާން މަހަށް ފަހު މަސް ގަންނަން ނިންމާފައިވާ އަގު 15 ރުފިޔާއިން ތިރި ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށްވެސް ގޮވާލާފައެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލާގައި އެފަރާތްތަކުން ދަނީ ގއ ކޫއްޑޫގައި އިހުތިޖާޖު ކުރަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ފެށި އިހުތިޖާޖު އަދިވެސް ކުރިއަށްދާއިރު، މަސްވެރިން ބުނަމުން ގެންދަނީ، ދޭންޖެހޭ ފައިސާ އެއްކޮށް ނުދެނީސް ކޫއްޑޫއިން ނުފައިބާނޭ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ މިވަގުތު އެ ހުރިހާ ފައިސާއެއް ދެވެން ނެތްކަމަށާއި، ނަމަވެސް މިމަހުގެ 26 ގެ ކުރިން 100 މިލިއަން ރުފިޔާ ދެވިދާނޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ