ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރުމަށްފަހު ރުހުން ހޯދުމަށް އެމައްސަލަ އަނެއްކާ ވެސް މަޖިލީހަށް ފޮނުވައިފި އެވެ.
މިގޮތުން މަޖިލީހަސް ފޮނުވާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށެވެ.
ދައުރުން ބޭރުން މިދިޔަ މަހުގެ 29 ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ މި 3 ވަޒީރުން ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް ވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައެވެ.
ރައްޔިތުންގެ މަޖިލީހުން އެދުވަހު ރުހުން ނުލިބުނު 3 ވަޒީރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަ އެ ދުވަހު ހަވީރުގެ ވަގުތެއްގައި މަގާމަށް އައްޔަންކުރައްވައިފަ އެވެ.
ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާ ކުރިއަށް ގެންދެވިފައިވަނީ ދެދުވަސް މަތިން ތަފާތު ހަމަނުޖެހުންތަކާއެކު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުމަށްފަހުގައެވެ.






