މާލެ: 31°C

ސަރުކާރުގެ ތާއީދު ނެތި މަޖިލީހުން ފާސްކުރިގޮތަށް އިންތިހާބު ފަސްކުރެވިދާނެތަ؟

February 12, 2024
3 ފަހަރު ބަލާފައި
ސަރުކާރުގެ ތާއީދު ނެތި މަޖިލީހުން ފާސްކުރިގޮތަށް އިންތިހާބު ފަސްކުރެވިދާނެތަ؟
ސަރުކާރުގެ ތާއީދު ނެތި މަޖިލީހުން ފާސްކުރިގޮތަށް އިންތިހާބު ފަސްކުރެވިދާނެތަ؟
އަންނަ ރޯދަމަހުގެ ފުރަތަމަ ހަފްތާގައި (މާރޗް މަހުގެ 17) ވަނަ ދުވަހު ބޭއްވުމަށް މިހާރު އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ފަސްކުރުމަށް، (ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން)  އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު އިދކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓުން ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ތާއީދާއި އެކުއެވެ. އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު ސަރުކާރުގެ ގިނަ މެމްބަރުން އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ އިސްލާހު ފުރަތަމަ މަޖިލީހަށް ހުށައެޅުމުން މަޖިލީހަށް ބަލައިގަތުމަށް ވެސް ސަރުކާރުގެ މެންބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތުން، މަޖިލީހުގެ އާ ދައުރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވާ އާދިއްތަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ، އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޯދަމަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ދިރާސާކުރަން ނެގި ވަގުތީ ކޮމިޓީން އިލެކްޝަން ކޮމިޝަނާ ބައްދަލު ކުރުމުން އެ ކޮމިޝަނުން އެދުނީ ރޯދަމަސް ނިމެންދެން މަޑުކުރިޔަސް 6 ރޯދަ ނިމެންދނެް މަޑު ނުކުރުމަށެވެ. ނަމަވެސް ކޮމިޓީ ބައްދަލުކުރުމަށް ފަހު ނިންމީ ރޯދަމަހުގެ ފަހަށް އިންތިހާބު ފަސްކުރަން ފެންނަ ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ މި ނިންމުމަށް ސަރުކާރުގެ އަދި ސަރުކާރަށް ތާއީދުކުރާ އެއްވެސް މެންބަރެއްގެ ތާއީދު ނެތި މަޖިލީހުން ފާސްކުރި މި ބިލަށް ވާނީ ކިހިނެއްތޯއެވެ.؟ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ އިސްލާހެއްވިޔަސް އެއަށް ގާނޫނީ ބާރު ލިބެނީ ރައީސުލް ޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުންނެވެ. ފުރަތަމަ ފަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިސްލާހެއް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގް ނުކޮށްފިނަމަ އަނބުރާ ދާނީ މަޖިލީހަށެވެ. އެފަދަ ހާލަތެއްގައި އެ ނިންމުމަކަށް ގާނޫނީ ބާރު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް އެ ނިންމުމެއް ހަމަ އެގޮތަށް ފާސްކުރަން ޖެހޭނެއެވެ. އެކަން އޮގޮތަށް ދެވަނަ ފަހަރު ނިންމާ އަލުން އަނބުރާ ރައީސުލް ޖުމްހޫރިއްޔާ އަށް ފޮނުވޭނީ އެކަށީގެންވާ ވަގުތު ލިބިންގެންނެވެ. އެހެން ކަމުން މަޖިލީހުން އިންތިހާބު ފަސްކުރަން ފާސްކުރި ނަމަވެސް އެ އިސްލާހަށް އަމަލުކުރެވޭނީ އެ ކަމާމެދު ރައީސުލް ޖުމްހޫރިއްޔާ އަމަލުކުރާގޮތެއް އެނގުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ