މާލެ: 31°C

މަޖިލީހުން އެމްޑީޕީއަށް ފުރުސަތު ދޭން ނުޖެހޭ އެއް ސަބަބަކީ ދީނަށް ހަޖޫ ޖަހާތީ: ރައީސް

April 2, 2024
2 ފަހަރު ބަލާފައި
މަޖިލީހުން އެމްޑީޕީއަށް ފުރުސަތު ދޭން ނުޖެހޭ އެއް ސަބަބަކީ ދީނަށް ހަޖޫ ޖަހާތީ: ރައީސް
މަޖިލީހުން އެމްޑީޕީއަށް ފުރުސަތު ދޭން ނުޖެހޭ އެއް ސަބަބަކީ ދީނަށް ހަޖޫ ޖަހާތީ: ރައީސް
އިސްލާމްދީނަށް ހަޖޫޖެހުމާއި، ދީނަށް ފުރައްސާރަކުރުމަކީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުން އިދިކޮޅު އެމްޑީޕީއަށް ފުރުސަތު ދޭން ނުޖެހޭ އެއް ސަބަބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ އޮތް ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ހިނގަމުންމިދަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކުގެ ރެއެއް ނަމަވެސް މިއަދު ދީނަށްޓަކައި މި ގައުމު ސަލާމަތްކުރަން ޖެހިފައިވާކަމަށެވެ. މިގޮތުން މިހާރު މިއޮތް މަޖިލީހުގެ މެޖޯރިޓީ އޮވެ، އެމްޑީޕީގެ ވެރިކަމުގައި ދީނަށް ކުޑައިމީސްކޮށް ފުރައްސާރަކުރި ކުރުން ތަކުރާރުކޮށް އެ މިސްރާބަށް ތަކުރާރުކޮށް ގައުމު ގެންދިއުމަށް ފުރުސަތު ނުދިނުމަށްޓަކައި މަސައްކަތް ކުރަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެމްޑީއެން ރިޕޯޓް ނެރެގެން ރަސޫލާއަށާއި، އިސްލާމްދީނުގެ މައިގަނޑު މަސްދަރުތަކަށް ހަޖޫޖަހައި، އެބޭފުޅުން ހެއްދެވި ރިޕޯޓްތައް ހައްދަވައި، އެ ރިޕޯޓް ހެއްދެވުމުގައި ހިއްސާވި ފަރާތްތަކަށް ދިވެހި ދައުލަތުގެ ބައިތުލްމާލުން މުސާރަލިބޭ މަގާމުތައްދީ ފަސް އަހަރު އެގޮތުގައި ހޭދަކޮށްފައިވާ ކަމަށެވެ. މިކަމަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެގެން ކުރި ކަމެއް ކަމަށާއި، އެކަން އެމަގުން ހިނގާފައި އޮތުމުން ދެން އެ ބޭފުޅުންނަށް އެބީދައިން މަސައްކަތް ކުރުމުގެ ފުރުސަތު ދީގެން ނުވާނޭ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ހޮވަންޖެހޭނީ ގައުމީ ވިސްނުންހުރި، ދީނާއި ދިވެހި ގައުމިއްޔަތަށް ހެޔޮ އެދޭ ޕްރޯ ދިވެހިންކަމަށާއި، ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައީވެސް އެ ރޫހުގައިކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންމަޖިލީހުގައި ޕީޕީއެމް/ޕީއެންސީ މެމްބަރުންތިބުން ވަރަށް މުހިއްމު ވާނެ ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން އެގޮތުގައި ކުރެވެން އަންނަނީވެސް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ. މިގޮތުން ބަޖެޓް ފާސްކުރުމާއި، ގާނޫނުތައް ހެދުމާއި އަދި ގާނޫނުތަކަށް ބަދަލު ގެނެވެސް އަންނަނީވެސް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށްވާއިރު، މި ވާހަކަ ދެކެވެނީ މިފަދަ މުހިއްމު ސަބަބުތަކަށްޓަކައި ކަމަށްވެސް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ. ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ