މާލެ: 31°C

ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދް

July 8, 2024
2 ފަހަރު ބަލާފައި
ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދް
ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދް
ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމައި، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދް މިހެން ވިދާޅުވީ، ރޭ ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށެވެ. "ދައުލަތުގެކަންކަން ހިންގަންނޭގިގެން ގައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން" ޝާހިދް ވިދާޅުވިއެވެ. ޝާހިދްގެ މި ޕޯސްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ގައުމު ހިންގަން ނޭނގި ފިނިކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ އަބްދުﷲ ޝާހިދުމެންގެ ވެރިކަން ނިމުމަކަށް ގެނައީ ކަމަށެވެ. މީގެ އިތުރުން  އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. ރޭ ކުރިއަށް ދިޔަ ޕީއެންސީގެ ޖަލްސާ ގައި ރައީސް ޑރ. މުއިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެއްވުމަށް ނިންމަވާފައިވާ ބައެއް މުހިއްމު ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ދައުލަތް ހިންގުމުގެ އޮނިގަނޑު ކުޑަކުރުމަށް މަޖިލިސް މެމްބަރުންގެ އަދަދާއި، ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރައްވަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިހާރު މި ދާގޮތަށް ދަނީނަމަ ރައްޔިތުން މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު ސަތޭކަ ނުވަތަ އާބާދީ ބޮޑުވަމުންދާ ނިސްބަތުން މެމްބަރުންވެސް އިތުރުވަމުންދާނޭ ކަމަށެވެ. މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު އެގޮތަށް އިތުރުވަމުންދިއުމަކީ އެއްވެސް މާނައެއްހުރިކަމެއް ނޫންކަމަށާއި އެންމެރަނގަޅުކަމަށް ފެންނަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިއްބެވި އަދަދަށް މެމްބަރުން ތިއްބެވުންކަމަށެވެ. 17 ވަނަ ރައްޔިތުން މަޖިލީހުގައި މެމްބަރުންގެ ގޮތުގައި ތިއްބެވީ 77 މެމްބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ