މާލެ: 31°C

ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް 3- ކަޅު ކުލަ

March 27, 2023
2 ފަހަރު ބަލާފައި
ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް 3- ކަޅު ކުލަ
ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް 3- ކަޅު ކުލަ
ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ތިންވަނަ ކުލައަކީ ކަޅުކުލައެވެ. ކަޅުކުލައިގެ ވާހަކަ އަށްފަހަރު ހަތް އާޔަތެއްގައި އައިސްފައިވެއެވެ. ކަޅުކުލައިން ބައެއް ކަންތައްތަކަށް ދަލާލަތު ކުރެއެވެ. އެގޮތުން 1- ރޭގަނޑުގެ އަނދިރިކަން ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَى نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ عَلِمَ اللّهُ أَنَّكُمْ كُنتُمْ تَخْتانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ فَالآنَ بَاشِرُوهُنَّ وَابْتَغُواْ مَا كَتَبَ اللّهُ لَكُمْ وَكُلُواْ وَاشْرَبُواْ حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّواْ الصِّيَامَ إِلَى الَّليْلِ وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا كَذَلِكَ يُبَيِّنُ اللّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ -البقرة187 ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރިވަމުން ދިޔަކަން، ﷲ ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް ތައުބާލައްވައި، ތިޔަބައިމީހުންގެ ކިބައިން ޢަފޫކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި އިޢުތިކާފަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: ޖިމާޢު ނުވާށެވެ!) އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރިނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން ﷲ، އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވަނީ އެއުރެން ތަޤުވާވެރި ވުމަށްޓަކައެވެ. 2- ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ކާފިރުންނާއި ރިސާލަތު ދޮގުކުރި މީހުންނާއި މުޖުރިމުންގެ މޫނުގެ ކުލަ. يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكْفَرْتُم بَعْدَ إِيمَانِكُمْ فَذُوقُواْ الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ -آل عمران 106 “(އެއީ) މޫނުތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެން(ކަޅުވެގެން) ދާ ދުވަހެވެ. ފަހެ، އެއުރެންގެ މޫނުތައް (ކަޅުވެގެން) އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ! (އެއުރެންނާ ދިމާޔަށް އެދުވަހުން ބުނެވޭހުއްޓެވެ.) ތިޔަބައިމީހުން، އީމާންވުމަށްފަހު، ތިޔަބައިމީހުން ކާފިރު ވީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމަށްޓަކައި ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!” އަދިވެސް ވަޙީކުރައްވާފައިވެއެވެ. وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُواْ عَلَى اللَّهِ وُجُوهُهُم مُّسْوَدَّةٌ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ -الزمر60 ﷲ އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެން(ކަޅުވެގެން)ވާތީ، ޤިޔާމަތްދުވަހުން ތިބާ ދެކޭނެއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟” 3- މާޔޫސްކަމާއި، ހިތާމަވެރިކަމާއި މޮޅިވެރިކަން. وَإِذَا بُشِّرَ أَحَدُهُمْ بِالأُنثَى ظَلَّ وَجْهُهُ مُسْوَدّاً وَهُوَ كَظِيمٌ -النحل 58 “އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރުދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَنِ مَثَلاً ظَلَّ وَجْهُهُ مُسْوَدّاً وَهُوَ كَظِيمٌ }الزخرف 17 “ރަޙްމާންވަންތަ ރަސްކަލާނގެއަށް އެއުރެންގެ މީހަކު ނިސްބަތްކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ ޚަބަރު އެމީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެން(ކަޅުވެގެން) ދެއެވެ. އޭނާޔަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ.” 4- ހިކިކަމާއި ފަނާކަން. فَجَعَلَهُ غُثَاء أَحْوَى -الأعلى5 “އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ. 5- ބައެއް ފަރުބަދަތަކުގެ ކުލަ أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفاً أَلْوَانُهَا وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ -فاطر27 ހަމަކަށަވަރުން، ﷲ އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ. (ނުނިމޭ) = ޝެއިޙް މުޙައްމަދު ޝާފިޢުގެ ލިޔުމަކުން ނަގާފައި =

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ