މާލެ: 31°C

އިދިކޮޅު ކޯލިޝަނުން ގާސިމާއި ބައްދަލު ކޮށްފި

July 11, 2023
2 ފަހަރު ބަލާފައި
އިދިކޮޅު ކޯލިޝަނުން ގާސިމާއި ބައްދަލު ކޮށްފި
އިދިކޮޅު ކޯލިޝަނުން ގާސިމާއި ބައްދަލު ކޮށްފި
އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ބައްދަލު ކޮށްފި އެވެ. ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ގާސިމް އާއި ބައްދަލު ކުރައްވާފައިވަނީ ގާސިމްގެ ރިސޯޓެއްގަ އެވެ. މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕީއެންސީގެ އަބްދުއްރަހީމް އަބްދުﷲ، އެ ޕާޓީގެ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތިފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގެވެ.

މިއަދުގެ މި ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ދީފައިނުވި ނަމަވެސް ޕީޕީއެމުން ބުނެފައިވަނީ މި ބައްދަލުވުމުގައި ގާސިމާއިއެކު މަޝްވަރާކޮށްފައިވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭ ގޮތުން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މި ބައްދަލުވުމަކީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ގާސިމާއި ކުރެއްވި ބައްދަލުވުމެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ މިހާރު ވެރިކަން ކުރަމުން އަންނަ އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު މަސައްކަތް ނުކުރާނެ ކަމަށާއި ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ނިންމާ މިހާރު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓުވެސް ދީފަ އެވެ.

ގާސިމްގެ ކެމްޕޭނު ޖަލްސާތަކުގައި ރައީސް ސޯލިހަށާއި މިހާރުގެ ސަރުކާރަށް ފާޑު ކިޔާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެ އެވެ. އަދި އެމްޑީޕީން ވަކިވި މެންބަރުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްއާއި އެކުވެސް މީގެ ކުރިން ގާސިމް ވަނީ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ