"އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. އެހެންވެ، ރިޔާސީ އިންތިހާބަކަށް ކުރިމަތިލައިގެން މި ހުރީ. ބަރުލަމާނީ ނިޒާމަށް އަޅުގަނޑު ތާއީދު ކުރާ ނަމަ އަޅުގަނޑު ރިޔާސީ އިންތިހާބަކަށް ކުރިމައްޗެއް ނުލީސް. އެހެންވީމާ ތިބޭފުޅުން ކުރިއަށް މި އޮތް ޕްރައިމަރީގައި ވަރަށް ފުންކޮށް ވިސްނަވާފައި ވޯޓު ދެއްވަން ވާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނު އަސާސީ ބަދަލު ކޮށްގެން ވެރިކަމަށް ވަޑައިނުގެންނެވިގެން އުޅުއްވަނީ ކޮން ބޭފުޅެއް ކަން އެންމެންނަށް ވެސް ސާފުވާ ކަމަށެވެ.
"ކާކުތޯ ގާނޫނުއަސާސީ ބަދަލު ކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން ވެރިކަން ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމް ބަދަލުކޮށްގެން ވެސް ގާނޫނުއަސާސީ ބަދަލުކޮށްގެން ވެސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްތޯ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކު ދައްކަވާ ވާހަކަފުޅުތަކަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައްދުދެއްވަމުންނެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީ އޮންނަނީ މިމަހު 28 ވަނަ ދުވަހުއެވެ.






