މާލެ: 31°C

ފިރިމީހާގެ ހުއްދަނެތި މޫނު ބުރުގާ އެޅިދާނެތަ؟

September 13, 2024
2 ފަހަރު ބަލާފައި
ފިރިމީހާގެ ހުއްދަނެތި މޫނު ބުރުގާ އެޅިދާނެތަ؟
ފިރިމީހާގެ ހުއްދަނެތި މޫނު ބުރުގާ އެޅިދާނެތަ؟
ފިރިމީހާގެ ހުއްދަނެތި ނުވަތަ ފިރިމީހާގެ ނުގަބޫލުގައި މޫނުބުރުގާ އެޅިދާނެތޯ މިއީ ބައެއް އުޚްތުން ކުރާ ސުވާލެކެވެ. މޫނުބުރުގާ އެޅުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮންނަނީ ދެރައުޔަކަށެވެ. އެއީ ވާޖިބެއްކަމުގައި ބުނެވޭ ރައުޔާއި އެއީ މުސްތަޙައްބު ކަމެއް ކަމުގައި ބުނެވޭ ރައުޔެވެ. މީގެން ކޮންމެ ރައުޔެއް ނަގައިގެން އަނބިމީހާ މޫނުބުރުގާ އެޅިކަމުގައިވިޔަސް، ފިރިމީހާގެ މައްޗަށްވަނީ އެކަމާ އުފާކޮށް އަނބިމީހާއަށް އެކަމުގައި އެހީތެރިވެދިނުމެވެ. އަދި އެކަމާ ދެކޮޅު ނުހެދުމެވެ. މޫނުބުރުގާ އެޅުމަކީ ވާޖިބެއްކަމަށް ދެކޭމީހާ، އޭނާ މޫނުބުރުގާ އެޅުމުގައި، އެކަމާ ދެކޮޅު ހަދާ އެއްވެސް މަޚްލޫޤަކަށް އެއީ މައިންބަފައިންކަމުގައި ވިޔަސް، ފިރިމީހާ ކަމުގައި ވިޔަސް ކިޔަމަންވާކަށް ނުޖެހޭނެއެވެ. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ (لَا طَاعَةَ فِي مَعْصِيَةٍ إِنَّمَا الطَّاعَةُ فِي الْمَعْرُوفِ) رواه البخاري (7257) ومسلم (1840).”(މާތް ﷲއަށް) އުރެދުމުގައި (އެއްވެސް މީހަކަށް) ކިޔަމަންވުމެއް ނުވެއެވެ. (މަޚްލޫޤުންނަށް) ކިޔަމަންވުން ހެޔޮކަންކަމުގައި މެނުވީ ނުވެއެވެ.” އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. (لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ اللَّهِ عَزَّ وَجَلَّ) رواه أحمد (1098). “ﷲ ޢައްޒަވަޖައްލައަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންގަތުމެއް ނުވެއެވެ.” މޫނުބުރުގާ އެޅުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް ކުރެވޭ ކަމެކެވެ. ވީމާ، މާތް ﷲ ވާޖިބުކުރެއްވި ކަމެއްގައި، ފިރިމީހާ ރުހޭތޯ ނުރުހޭތޯ ބަލާކަށް ނުޖެހޭނެއެވެ. އަދި ފިރިމީހާ އެކަމާ ދެކޮޅު ހެދިކަމުގައި ވިޔަސް އަނބިމީހާއަށް އެކަން ކުރެވޭނެއެވެ. މޫނުބުރުގާ އެޅުމަކީ މުސްތަޙައްބު ކަމެއްކަމަށް އަނބިމީހާ ދެކޭ ޙާލަތުގައިވެސް، ފިރިމީހާ އެކަން މަނާކޮށްގެން ނުވާނެއެވެ. ސަބަބަކީ އެއީ ހެޔޮކަމަކަށް ކުރެވޭ އަމުރެއް ނޫނެވެ. ކިޔަމަންގަތުން ވަނީ ހެޔޮކަންކަމުގައެވެ. ބައެއް މީހުން ބުނެފާނެއެވެ. ސުންނަތް ރޯދަ ހިފުމުގައި ފިރިމީހާގެ ހުއްދަ ހޯދަން އަނބިމީހާ ޖެހޭއިރު، މޫނުބުރުގާ އެޅުން ސުންނަތްކަމަށް ދެކޭ އަނބިމީހާ އެކަންކުރުމުގައި ފިރިމީހާގެ ހުއްދަ ހޯދަން ޖެހޭނެ ނޫން ހެއްޔެވެ ނުވަތަ ފިރިމީހާ ނާޅާށޭ ބުނެފިނަމަ އޭނާ މޫނުބުރުގާ އެޅުމުން ފިރިމީހާއަށް ކިޔަމަންނުވީ ކަމުގައި ވާނެ ނޫން ހެއްޔެވެ؟ މި ޝުބުހައިގެ ޖަވާބުގައި ބުނަމެވެ. ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ ހޯދަން ޖެހޭ ސަބަބަކީ ރޯދަޔަށް ހުރެފިނަމަ، ފިރިމީހާގެ ޙައްޤަކަށް އެކަމުގެ ސަބަބުން އަސަރުކުރާތީއެވެ. އެއީ ޖިމާޢުވުމުގެ ޙައްޤެވެ. ވީމާ، މޫނު ބުރުގާގެ ވާހަކަ ދައްކާއިރު، މޫނުބުރުގާ އެޅުމަކީ ފިރިމީހާގެ އެއްވެސް ޙައްޤަކަށް އުނިކަން އަންނަ ކަމެއް ނޫނެވެ. އަދި ކިޔެއް މޫނުބުރުގާ އަޅައިގެން އުޅެނީ ފިރިމީހާ ކުރިމަތީގައެއް ނޫނެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައެވެ. އެހެންކަމުން މޫނުބުރުގާ އެޅުމުގައި ވަނީ ޢިއްފަތްތެރިވުމާއި، ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، ހިލޭ ފިރިހެނުންގެ ވިހަ ބެލުންތަކުން ހަށިގަނޑު ރައްކާތެރިކޮށް ފިރިމީހާއަށްޓަކައި ހަށިގަނޑު ހުސްކޮށްލުމެވެ. ފިރީންނަކީ އަނބީން ބެލެހެއްޓުމުގެ ޒިންމާ މާތް ﷲ ޙަވާލުކުރައްވާފައިވާ މީހުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ﴾ [سورة النساء 34] މާނައީ: “ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.” އަނބިމީހާ އިސްލާމްދީން މަތީގައި ބެހެއްޓުމާއި، ދީނުގެ ފަރްޟުތަކާއި ސުންނަތްތައް އަދާކުރުމަށް އަނބިމީހާއަށް މަގުފަހިކޮށްދީ، އެކަންކަމަށް ބާރުއެޅުމަކީ ޤަވާމަތުގެ ދަށުން ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭން ޖެހޭ ޙައްޤެކެވެ. އަދި އިސްލާމްދީނުގައިވާ ކަންކަމާ ޚިލާފަށް އަނބިމީހާގެ ޢަމަލުތައް ހުންނަނަމަ، އެކަންކަން ރަނގަޅުކުރުމަށް ނަސޭހަތްދީ، ރަނގަޅުނުކުރާނަމަ އަދަބު ދިނުންވެސް ފިރިމީހާއަށް ހުއްދަވެގެންވެއެވެ. ފިރިމީހާ މަނާކުރަން ޖެހޭނީ އިސްލާމްދީނުގައި އަނބިމީހާއަށް މަނާކުރައްވާފައިވާ ކަންކަމެވެ. މިސާލަކަށް އަނބިމީހާ ހިލޭ ފިރިހެނުންނާ އެކުވުމާއި، އަނބިމީހާ ޢައުރަ ނިވާނުކޮށް އުޅުން ފަދަ ކަންކަމެވެ. މަނާކުރަންވީ އަނބިމީހާ ޢިއްފަތްތެރިވުމަށްޓަކައި ކުރާ ކަންކަމެއް ނޫނެވެ. އަނބިމީހާދެކެ ޙަޤީޤީ ލޯބިވާ ފިރިޔަކު، އަނބިމީހާ ޢިއްފަތްތެރިވެ، ޙިޖާބުވެ ނިޤާބުވާން ދެކޮޅެއް ނުހަދާނެއެވެ. އަދި އޭނާ އެކަންކަމަށް ބާރުއަޅާނެއެވެ. އަނބިމީހާ މޫނުބުރުގާ އެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ފިރިމީހާއަށް ލިބޭނޭ ކަމެއް ނޫނެވެ. އެހެނީ، ފިރިމީހާގެ ކުރިމަތީގައި އަނބިމީހާގެ ޒީނަތްތެރިކަން ފާޅުކުރުން، އެކަމުގެ ސަބަބުން މަނަލެއްނުވެއެވެ. އެކަމުގެ ސަބަބުން މަނާވަނީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަނބިމީހާގެ ޒީނަތްތެރިކަން ފާޅުކުރުމެވެ. އެކަމަކު، ފިރިހެނުން ކުރިމަތީގައި ތިމާގެ އަނބިމީހާ އިޝްތިހާރުކުރަން އެދޭ މީހަކު، އަނބިމީހާ ބުރުގާއެޅުމާއި މޫނު ބުރުގާ އެޅުން މަނާކޮށްފާނެއެވެ. ޚުލާޞާ: އަނބިމީހާ މޫނުބުރުގާ އަޅަން ބޭނުން ވެއްޖެނަމަ ފިރިމީހާގެ މައްޗަށްވަނީ އެކަން މަނާނުކުރުމެވެ. އަދި ފިރިމީހާ މަނާކުރިކަމުގައި ވިޔަސް އަނބިމީހާއަށް މޫނުބުރުގާ އެޅޭނެއެވެ. އެކަމުގެ ސަބަބުން އަނބިމީހާ ފާފަވެރިއެއް ނުވާނެއެވެ. މި ލިޔުމަށް މަޢުލޫމާތު ނެގީ https://islamqa.info/ar/answers/262176 https://www.islamweb.net/ar/fatwa/222295 https://www.islamweb.net/ar/fatwa/107108

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ