"ފެށުން" ޖަލްސާގައި އަބްދުއްރަހީމުގެ މާނައިން ފުރިފައިވާ ތަޤުރީރު!

"ފެށުން" ޖަލްސާގައި އަބްދުއްރަހީމުގެ މާނައިން ފުރިފައިވާ ތަޤުރީރު!
ލިޔުން:
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ބާނީ އަބްދުއްރަހީމް އަކީ ކުޅަދާނަ، ހުނަރުވެރި ވާހަކަ ދެއްކުންތެރިއެކެވެ. ހާޒިރު ޖަވާބަށް ހުށިޔާރު ބޭފުޅެކެވެ. ކުރިއާލާ މާބޮޑު ތައްޔާރީތަކެއްނުވެ، ސިޔާސީ ޕޯޑިއަމްތަކުގައި ޝައުގުވެރި، އާރުލާ ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިގޮތުން ދާދި ފަހުން ކޮންގްރެސް ޕާޓީން ބޭއްވި "ފެށުން" ޖަލްސާގައި އަބްދުއްރަހީމުގެ ވާހަކަ އަޑު އަހާލުމުން، ކޮންމެ ޖުމްލައެއްގެ ފަހަތުގައި ވެސް ފޮރުވިފައިވާ ގިނަ ވާހަކަތަކެއް ހުރިކަން ފާހަގަވިއެވެ.
ދިރާސާކުރުމުގެ ނަޒަރަކުން އެ ސްޕީޗް އަޑުއަހާލުމުން، ނުސީދާ ގޮތުން އޭނާ ދެއްކެވި އެތައް ވާހަކައަކުން ސީދާ އެތައް މެސެޖެއް، އެތައް ހަގީގަތްތަކެއް ތިލަވެގެން ދިޔަކަން ފާހަގަވެއެވެ.
އަބްދުއްރަހީމާއެކު މީގެ ފަސް އަހަރު ކުރިއަށް ޖެހިލަމާ ހެއްޔެވެ؟ އޭޕްރީލް މަހެކެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް ފަހު އަބްދުއްރަހީމު އޭރު ވިދާޅުވެފައިވަނީ ކޮންގްރެސް ޕާޓީގެ އަޑު ދެން ރާއްޖޭގެ ސިޔާސީ މަޝްރަހުން ކަނޑުވައި ނުލެވޭނެ ކަމަށާއި ދެން ރާއްޖޭގެ ރިޔާސަތާ ހަވާލުވާނީ ވެސް ކޮންގްރެސް ޕާޓީން ކަމަށް އެދުވަހު ވިދާޅުވިއެވެ.
"ފެށުން" ޖަލްސާގައި އަބްދުއްރަހީމް ވަނީ އެހަނދާންތައް އާކުރައްވައި، އެދުވަހުގެ އެ ވާހަކަތައް މިއަދު ހަގީގަތަކަށްވެ، ކޮންގްރެސް ޕާޓީއާ ރާއްޖޭގެ ވެރިކަން ދިވެހި ރައްޔިތުން އުންމީދާއެކު ހަވާލުކުރީ ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުކޮށްގެންނެވެ.
"ރައްޔިތުން ބުނީ ތިމަންނާމެން ބޭނުމީ ތަރައްގީއާ ކުރިއެރުމޭ، ހަމަޖެހޭ ދިރިއުޅުމޭ. ސުލްހަ މަސަލަސްކަމޭ،" އަބްދުއްރަހީމްގެ ވާހަކައިގެ ކުރީކޮޅު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިތިބީ ފަސް އެނބުރި ބަލާކަށް ނޫން."
ދެން އަޑުއިވުނު ޖުމްލަތަކުގެ މާނަ އެތައް ގޮތަކަށް ކުރެވިދާނެއެވެ. އެތައް ބަޔަކާ، އެތައް ހާދިސާއަކާ ގުޅުވާލެވިދާނެއެވެ. ވިދާޅުވިއެވެ؛
"ދުނިޔެ ހުއްޓިއެއް ނޯންނާނެ...އިއްޔެ ދުށް މަންޒަރު މިއަދު ނުފެނިދާނެ. އިއްޔެ އިވުނު އަޑުތައް މިއަދު ނުއިވިދާނެ. އިއްޔެ ކުރި ކަންތައް މިއަދު ކުރާތަން ނުފެނިދާނެ. އިއްޔެ ކަންކަމާ ހަވާލުވެ ތިބި މީހުން މިއަދު ކަންކަމާ ހަވާލުވެ ތިބުން ލާޒިމެއް ނޫން. އިއްޔެ ކަންތައް ކުރި ގޮތަށް މިއަދު ތިބި ބަޔަކު ކަންކަން ކުރުމަކީ ވާޖިބު ކަމެއް ނޫން."
މި ވާހަކަތައް އަހުރެން އެންމެ ފުރަތަމަ މި ގުޅުވާލަނީ ރައީސް ޔާމީންގެ އަރިހުގައި މިހާރު ސިޔާސީ މަސައްކަތުގައި ތިއްބެވި ބޭފުޅުން ކޮންގްރެސް ޕާޓީއަށާއި އަބްދުއްރަހީމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުކުރާ ފާޑުކިއުންތަކަށެވެ. އަބްދުއްރަހީމުގެ އެ ވާހަކަތަކުން ވަރަށް ގިނަ ފާޑުކިއުންތަކަށް، ސުވާލުތަކަށް ޖަވާބު ލިބިގެންދެއެވެ. ރައްދު ދެވެއެވެ.
އެ "ހުސްގޮނޑީ"ގެ ވާހަކަ އާއި ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކަތަކާއި ރައީސް ޔާމީން މިނިވަން ކޮށްފައި ނޫނީ ހަމަނޭވާ ނުލާނެ ކަމަށް ބުނެފައިވާ ވާހަކަތާ ގުޅުވައިގެން އަމާޒުވެފައިވާ ފާޑުކިއުންތަކަށް ވެސް، ވަކި ބޭފުޅެއް ނުވަތަ ބޭފުޅުންތަކެއްގެ ނަން ވެސް ވިދާޅުނުވެ، "ފެށުން" ޖަލްސާގައި އަބްދުއްރަހީމު ދެއްކެވި ވާހަކައިގެ މި ޖުމްލަ ތަކުން މާނަވީ ރައްދެއް އެބަދެވެއެވެ.
އެވާހަކަތަކާމެދު ފުންކޮށް ވިސްނާލުމުން އެކަން ރަނގަޅަށް ސާފުވާނެއެވެ. ފަހުމްވާނެއެވެ.
"ބަދަލު އަންނާނެ. ކާބަފައިން ގައުމަށްޓަކައި ޤުރުބާންވި. ޖީހާދުކުރި. މިއަދު އެބޭފުޅުންނެއް ނެތް" ކޮންގްރެސް ޕާޓީއަކީ ހެޔޮ ބަދަލެއް ފެށުންކަން އެހުންތެރިންނަށް ސާބިތުކޮށްދެއްވުމުގެ ރޫހެއްގައި ވާހަކަ ކުރިއަށް ގެންދެވިއެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުންނާ އެކީގައި. އަޅުގަނޑުމެންނަކީ އެއް ފިކުރެއް، އެއް ވިސްނުމެއް، އެއީ ގައުމީ ވިސްނުން. އިއްޔެވެސް މިއަދުވެސް އަޅުގަނޑުމެން މިތިބީ އެފިކުރުގަ."
މިކަން ދިރާސީ ވިސްނުމަކުން ވިސްނާލާއިރު، އެކި ފަރާތްތަކުން އަބްދުއްރަހީމަށް އަމާޒުކޮށްފައިވާ ހަރުކަށި ފާޑުކިއުންތަކާއި ކޮންގްރެސް ޕާޓީއާއި އަބްދުއްރަހީމް އަދި ރައީސް ޑރ. މުއިއްޒަކީ އިތުރުފުޅު ހައްދަވައި، މަކަރުވެރި، އިހްލާސްތެރިކަމެއް ނެތް ބައެއް ކަމަށްބުނެ، ދައުރުވާ ފާޑުކިއުންތަކަށް މި ޖުމްލަތަކުން ސާދާ ސީދާ ޖަވާބެއް އެބަ ލިބެއެވެ. ގައުމީ ވިސްނުމުގެ ވާހަކައިން ވަރަށް ގިނަ ބޭފުޅުންގެ ތުހުމަތުތަކަށް ރީތިކޮށް ފަށުވިކޮށް އެ ޖަވާބު ދެއްވީއެވެ.
އަބްދުއްރަހީމުގެ ސްޕީޗުގެ ވަކި ހިސާބަކުން "އިދިކޮޅު ފަރާތްތައް" ކަމަށް ސިފަކުރީ ހަމައެކަނި އެމްޑީޕީއަށް އެކަނި ނިސްބަތް ވާ ގޮތަށް ނޫންކަން ވެސް ވަރަށް ސާފުކޮށް ދޭހަވެއެވެ.
އޭނާ ވިދާޅުވީ "އަޅުގަނޑުމެން މިތިބީ އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިއުންތަކަށް ޒުވާބު ދޭކަން ނޫން" ކަމަށާއި އެކަންކަމަށް ޖަވާބުދޭނީ އަމަލީ ގޮތުން ކުރާ މަސައްކަތުން ނެރޭ ނަތީޖާއިން ކަމަށެވެ. ހަމައެއާއެކު ދެން ވިދާޅުވީ ރައްޔިތުން އިތުބާރު ކުރައްވާ ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރެއްވުމުން، އެމަނިމުފާނުގެ ރިޔާސީ ވައުދުފުޅުތައް ބާރު ސްޕީޑުގައި ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުއިއްޒު ރައީސް ކަމަށް ރައްޔިތުން އިންތިހާބުވުމާއެކު ކުރީގެ ރައީސް ޔާމީން ނުވަތަ ޕީޕީއެމްގެ އިސް ލީޑަރު ބާކީ ކޮށްލައްވައިފި ކަމަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށްވެސް އަބްދުއްރަހީމުގެ ވާހަކަފުޅުގައި ޖަވާބު ދެއްވީ ނުސީދާ އަދި ދެމާނަ ދޭހަވާ ޖުމްލަ ތަކަކުންނެވެ.
އޭނާ ވިދާޅުވީ ކުރީގެ އިސް ބޭފުޅުންނަށް އިހްތިރާމްކުރެއްވި ނަމަވެސް، ޒުވާނުން މަގުމަތިވާން ދޫކޮށްލެވެން ނެތް ކަމަށެވެ. ރައްޔިތުންގެ އުންމީދުތައް އޮޔާ ދޫކޮށްލެވެން ނެތް ކަމަށެވެ. ރައްޔިތުން ޑރ. މުއިއްޒުއަށް ކުރެއްވި އިތުބާރާއި ޔަގީންކަން ހަގީގަތަކަށް ނުހަދާ މަޑުން ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ދާނީ ކުރިއަށް. އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ މެންބަރުން ހަމަވި ޕާޓީއަކަށް ކޮންގްރެސް ޕާޓީ ވެގެން ގޮސްފައިވަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ. "ދެނެއް ކޮންގްރެސް ޕާޓީގެ ނަން ފަނޑުކޮށެއް ނުލެވޭނެ."
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
