މާލެ: 31°C

އަނބިމީހާގެ މައްޗަށް ޚަރަދުކުރުން ފިރިމީހާއަށް ވާޖިބުވާ ކަންކަމާއި އެމިންވަރަކީ ކޮބައިތޯ؟

March 5, 2025
383 ފަހަރު ބަލާފައި
އަނބިމީހާގެ މައްޗަށް ޚަރަދުކުރުން ފިރިމީހާއަށް ވާޖިބުވާ ކަންކަމާއި އެމިންވަރަކީ ކޮބައިތޯ؟
އަނބިމީހާގެ މައްޗަށް ޚަރަދުކުރުން ފިރިމީހާއަށް ވާޖިބުވާ ކަންކަމާއި އެމިންވަރަކީ ކޮބައިތޯ؟

الحمد لله والصّلاة والسّلام على رسول الله

ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އަންނަނިވި ކަންކަމަށް އެކަށީގެންވާ މިންވަރަށް (ޢުރުފުގައި ޙާޖަތް ފުދޭ މިންވަރަށް) އަނބިމީހާގެ މައްޗަށް ޚަރަދުކުރުމެވެ.

ހ- އަނބިމީހާ ދިރިއުޅޭނެ ތަނެއް

ށ- އަނބިމީހާ ކާނޭ ތަކެތި

ށ- އަނބިމީހާ ބޯނޭ ތަކެތި

ރ- އަނބިމީހާ އުނު އަންނާނޭ އަންނައުނު

މިއީ މިކަންކަމުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވެފައިވާ ކަންކަމެވެ.

ޖުމްހޫރު ފިޤްހު ޢިލްމުވެރިންގެ ގާތުގައި، އަނބިމީހާ ބަލިވުމުން ބޭސްފަރުވާކޮށްދިނުން، ފިރިމީހާގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ. އެހެން ނަމަވެސް ފަހުގެ ޢިލްމުވެރިން، ބޭސްފަރުވާކޮށްދިނުންވެސް ވާޖިބު ޚަރަދުތަކުގެ ތެރޭގައި ހިމަނުއްވައެވެ. ސަބަބަކީ، އެއީ ކެއުމާއި ބުއިމާއި އެއް ދަރަޖާގައި ނުވަތަ އެއަށްވުރެވެސް ޟަރޫރަތްތެރި ކަމަކަށްވާތީއެވެ. “الفقه الإسلامي وأدلته”(10/738)

ބ- ބޭސްފަރުވާކޮށްދިނުން

ޅ- އަނބިމީހާ ސާފުތާހިރުކަންމަތީ ހުރުމަށާއި ރީތިވުމަށް ބޭނުންވާ ޟަރޫރީ ތަކެތި، ވެސް ބައެއް ފިޤްހު ޢިލްމުވެރިން މީގެ ތެރޭގައި ހިމަނުއްވައެވެ.

މީގެ އިތުރުން، ކަމާލިއްޔާތު (ޟަރޫރީ ތަކެތީގެ ތެރޭގައި ނުހިމެނޭ ތަކެތި) މިސާލަކަށް، ލެޕްޓޮޕް، މޭކަޕު ކުރާ ސާމާނު ފަދަ ތަކެތި ގަނެދިނުން ފިރިމީހާގެ މައްޗަށް ވާޖިބެއް ނުވާނެއެވެ. ހެޔޮކޮށް ހިތުމުގެ ގޮތުން ފިރިމީހާ އެފަދަ ކަންކަމަށް ޚަރަދުކުރަން ބޭނުންނަމަ ފިރިމީހާއަށް އެކަންކަން ކުރެވިދާނެއެވެ.

މިކަންކަމަށް ޚަރަދު ކުރުމުގެ މިންވަރަކީ ޢުރުފައި އެކަންކަމުގެ ޙާޖަތް ފުދޭ މިންވަރެވެ. މިސާލަކަށް ކެއުމާއި ބުއިމަށް ޚަރަދުކުރުން ވާޖިބުވަނީ، ޤައުމުގައި ޢާންމުގޮތެއްގައި މީސްތަކުން ކައިބޮއި އުޅޭ ތަކެތީގެ ޚަރަދެވެ. އޭގެ މާނައަކީ، ބައެއް މީހުން ހީކުރާ ގޮތާ ޚިލާފަށް، އަނބިމީހާ ކާން ބޭނުން ކޮންމެ އެއްޗެއް (އެއީ ކިތަންމެ އަގުބޮޑު އެއްޗެއް ކަމުގައި ވިޔަސް) ހޯދައިދިނުން ފިރިމީހާއަށް ވާޖިބުވުމެއް ނޫނެވެ. އަދި އުނު އަންނާނޭ އަންނައުނު ހޯދައިދިނުމުގެ މާނައަކީ، އަނބިމީހާއަށް ފުދޭ މިންވަރަށް ހެދުން ހޯދައިދިނުމެވެ. ޢާންމު ގޮތެއްގައި ޤައުމުގެ މީހުން ލާއުޅޭ ކޮލެޓީގެ ފޭރާމެވެ.

އަގުބޮޑު ބްރޭންޑުތަކާއި އަނބިމީހާ ބޭނުން ކޮންމެ ކޮލެޓީއެއްގެ ހެދުން ހޯދައިދިނުން ފިރިމީހާއަށް ޝަރްޢީގޮތުން ވާޖިބެއް ނުވާނެއެވެ. އަދި އަނބިމީހާ ބޭނުން ޢަދަދަކަށް، މިސާލަކަށް ކޮންމެ މަހަކު ހެދުމެއް، އަހަރަކު ދިހަ ބާރަ ހެދުން، އިސްރާފަށް ވާވަރަށް ހޯދައިދިނުން ފިރިމީހާގެ މައްޗަށް ޝަރްޢީގޮތުން ވާޖިބެއް ނުވާނެއެވެ.

މިނުކުތާ މިފާހަގަކޮށްލީ، ފިރިމީހާގެ އަނބިމީހާގެ މައްޗަށް ޚަރަދުކުރުން ވާޖިބުވުމުން، ބައެއް މީހުންނަށް އޮޅިގެން ހީކުރެވިފައި އޮންނަނީ އެއީ އަނބިމީހާ ބޭނުން ހުރިހާ އެއްޗެއް، ބޭނުން ކޮންމެ ހިނދެއްގައި ހޯދައިދިނުން ކަމުގައެވެ. ފިރިމީހާއަށް ލިބޭ މިންވަރަކުން އަނބިމީހާގެ ޒީނަތްތެރިކަމަށްޓަކައި ރީތި ފޭރާން ހޯދައިދިނުމާއި އޭނާ ހިތްހަމަ ޖެއްސުމަށްޓަކައި ހޭދަކުރުން އެއީ މަނާކަމެއް ނޫނެވެ. އެކަމަކު އެކަމުގައި އިސްރާފުކުރުމެއް ނޯވެއެވެ.
والله أعلم

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ